ޚަބަރު

ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަންގެ ޒިންމާ އަލުން ސަމޫހަށް


  • ޤައުމީ ޓީމުގެ ކެޕްޓަންގެ ޒިންމާއިން ސަމޫހު ނެގީ 2018 ގެ ސާފް ޗެމްޕިއަންޝިޕަށްފަހު

  • ޤައުމީ ޓީމުން އަންނަނީ ޗައިނާ، ކިރްކިސްތާން އަދި ލެބަނަންއާ ދެކޮޅަށް މެޗުތަކެއް ކުޅުމަށް ތައްޔާރުވަމުން

ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަންކަމުގެ ޒިންމާ އަލުން ސަމޫހް އަލީ (ސަމުއްޓޭ)އަށް ހަވާލުކޮށްފިއެވެ.

ނޮވެމްބަރު މަހު ބަންގްލަދޭޝްގައި ފަށާ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް އޮތް ފީފާ އިންޓަނޭޝަނަލް ބްރޭކްގައި ރާއްޖެއިން ތިން މެޗެއް ކުޅުމަށް ވަނީ ހަމަ ޖެހިފައެވެ. އެއީ ޗައިނާއާ، ކިރްގިސްތާން އަދި ލެބަނަންއާ ދެކޮޅަށެވެ.

މި މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޯޗު ވަނީ ޤައުމީ ޓީމުގެ ކެޕްޓަންގެ ޒިންމާ އަލުން ސަމޫހުއާ ހަވާލުކޮށްފައިވާކަން އިއުލާންކޮށްފައެވެ. ސަމޫހު ނެތި ޤައުމީ ޓީމުން މި އަހަރު ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބުލީ ފުޓުބޯޅަ މުބާރާތައް ނުކުތްއިރު، އެ ފަހަރުގެ ސްކޮޑުން ސަމޫހުއަށް ޖާގަ ގެއްލުނީ އަނިޔާގެ ސަބަބުންނެވެ.

ޤައުމީ ޓީމުގެ ބޭންޑް އަލުން ސަމޫހުއާ ހަވާލުކުރިކަން އިއުލާން ކުރަމުން ކޯޗު އިސްތަވާން އުރުބާނީ ބުނީ ޤައުމީ ޓީމުގެ ކެޕްޓަންގެ ޒިންމާ ކުރިއަށްހުރި މެޗުތަކުގައި އުފުލާނީ ސަމޫހް ކަމަށެވެ.

މަހިބަދޫއަށް އުފަން ސަމޫހް ޤައުމީ ޓީމުގެ ކެޕްޓަންކަމުގެ ޒިންމާ އެންމެ ފުރަތަމަ ނެގީ 2018 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތައް ފަހު އޭރު ޤައުމީ ފުޓުބޯޅަ ޓީމުގެ ކެޕްޓަން އަކުރަމް އަބްދުލް ޣަނީއަށް އަނިޔާވެ ޤައުމީ ޓީމާ ދުރަށްދިޔަ ހިސާބުންނެވެ. 2019 ވަނަ އަހަރުން ފެށިގެން ޤައުމީ ޓީމުގެ ކެޕްޓަންކަމުގެ ޒިންމާ ސަމޫހް އަދާކުރިއިރު، ޤައުމީ ޓީމުގެ ކެޕްޓަންކަމާ ރަސްމީކޮށް އޭނާ ހަވާލުވީ 2023 ގެ ސާފް ޗެމްޕިއަންޝިޕުން ފެށިގެންނެވެ. ސަމޫހް ނެތި ޤައުމީ ޓީމުން މުބާރާތެއް ކުޅުނީ މިއަހަރު ރާއްޖޭގައި ބޭއްވި ޑައިމަންޑް ޖުބުލީ މުބާރާތުގައެވެ.

އުރުބާނީ ބުނީ ޤައުމީ ޓީމުގެ ކެޕްޓަންގެ ޒިންމާ ސަމޫހުއާ އަލުން ހަވާލުކުރީ އެ ޒިންމާ އެންމެ ފުރިހަމައަށް އަދާކުރެވޭނީ ސަމޫހުއަށް ކަމަށް ވުމުން ކަމަށެވެ. އަދި މި ޓީމުގައި ސަމޫހްގެ ލީޑަޝިޕަކީ ފާހަގަކޮށްލެވޭ ކަމެއް ކަމަށް އުރުބާނީ ބުންޏެވެ.

ޤައުމީ ޓީމުން މި މަހުގެ 24 ވަނަ ދުވަހު ޗައިނާގައި ނުކުންނާނީ އެޤައުމާ ދެކޮޅަށެވެ. އަދި އެ މެޗަށްފަހު ޤައުމީ ޓީމުން ކިރްގިސްތާނަށް ދަތުރުކޮށް މި މަހުގެ 28 ވަނަ ދުވަހު އެ ޤައުމާ ދެކޮޅަށް ކުޅުމަށްފަހު އަންނަ މަހުގެ އެއްވަނަ ދުވަހު ހަމަ ކިރްގިސްތާނުގައި ނުކުންނާނީ ލެބަނަންއާ ދެކޮޅަށެވެ.