މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ އޮޓޯޕްސީ ހެދުމަށް ނިންމާފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.
މާލެ، ފާށަނާކިލެގެފާނު މަގުގައި ހުރި ގެއެއްގައި ފިރިހެނަކު މަރުވެފައި އޮތްކަމުގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ އިއްޔެ މެންދުރު ފަހު 13:10 އެހައިކަންހާއިރެވެ.
ފުލުހުން ވިދާޅުވީ، މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑު ބޭރުފުށުން ބެލިބެލުމުން، އެހެން ފަރާތަކުން ދީފައިވާ އަނިޔާއެއްގެ ނިޝާނެއް ފެންނާކަށް ނެތްކަމަށެވެ. ނަމަވެސް، ހަށިގަނޑު އޮތް ހާލަތަށާއި، މަރުވިތާ ގިނަ ވަގުތުތަކެއް ވެފައިވުމުގެ އިތުރުން، މި ހާދިސާ ހިނގާފައިވާ ތަނާ ގުޅޭގޮތުން ފުލުހުންނަށް ލިބިފައިވާ މައުލޫމާތަށް ރިއާޔަތްކުރާއިރު، މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ފޮރެންސިކް ތަހުލީލުތަކެއް ކުރަންޖެހޭ ކަމަށް ފުލުހުންގެ ތަހުގީގަށް ޤަބޫލުކުރެވެއެވެ.
އެހެންކަމުން، އޮޓޯޕްސީ ހެދުމަށް ބޭނުންވާ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަހުޤީޤުކުރަމުންދާކަމަށެވެ.