ޚަބަރު

ޕަބްލިކް ޕްރައިވެޓް ޕަރޓްނަރޝިޕްގެ ދަށުން ފްލެޓު އަޅަން 7 ޕްރޮޕޯސަލް


  • ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން މަތީ މާކްސް ލިބޭ ފަރާތްތަކަށް ފްލެޓް ލިބޭނެކަމަށް ވިދާޅުވި

ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުން ހައުސިންގ ޔުނިޓުތައް އެޅުމަށް ހުޅުވާލި ފުރުޞަތުގައި 7 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ސަރުކާރުގެ "އެންމެންނަށް ބޯހިޔާވަހިކަން" ސިޔާސަތުގެ ދަށުން، ހުޅުމާލޭގައި އިމާރާތްކުރާ ހައުސިން ޔުނިޓްތަކުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ބީއެމްއެލް އެފޯޑަބަލް ހައުސިންގ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 364 ހައުސިން ޔުނިޓްގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ވިދާޅުވީ، އެމްއެެމްއޭއިން އިންކްލޫސިވް އެފޯޑަބަލް ހައުސިން ސްކީމުގެ ދަށުން ރާއްޖޭގައި ހިންގާ ބޭންކުތަކަށް އެ ބޭންކުތަކުގެ ޕޯޓްފޯލިއޯގެ ތެރެއިން 5 އިންސައްތަ ޕްރޮފިޓު ރޭޓުގައި ބޯހިޔާވަހިކަން ދޭންޖެހޭގޮތަށް އުސޫލަށް ބަދަލުގެނެސްފައިވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ، މި ސްކީމްގެ ދަށުން ލީޒް ޓު އޯން މޮޑެލްގެ އިތުރުން ޕަބްލިކް ޕްރައިވެޓް ޕާޓްނަރޝިޕްގެ ދަށުންވެސް އިތުރު ފްލެޓްތައް އެޅުމަށް ހުޅުވާލެވިގެންދިޔަ ކަމަށެވެ. އަދި ހުޅުވާލި ފުރުސަތު މިއަދު ހަމަވެފައިވާއިރު، މި މޮޑެލްގެ ދަށުން ފްލެޓްތައް އެޅުމަށް 7 ކުންފުންޏަކުން ޕްރޮޕޯސަލް ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ބީއެމްއެލް އެފޯޑަބަލް ހައުސިން ޔުނިޓުތަކަކީ ދިވެހި ކޮންމެ ރައްޔިތަކީ ބޯހިޔާވަހިކަން ލިބިފައިވާ ބައެއްކަން ކަށަވަރުކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ހަސިލްކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި ބޯހިޔާވަހިކަމަކީ އެކަމަށް އެންމެ ހައްލެއް އޮންނަ ކަމެއް ނޫންކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މުޖުތަމައުގެ އެކި ގިންތިތަކަށާއި އެކި ފަންތިތަކަށް ދިމާވެފައިވަނީ އެކި ކަހަލަ ބޯހިޔާވަހިކަމުގެ މައްސަލަތައް ކަމަށެވެ.

"އެ ފަރާތްތަކަށް ބޭނުންވަނީ އެކި ކަހަލަ ހައްލުތަކެއް. ބައެއް އާއިލާތަަކަކީ ވަރަށް ހާލުގައި ދިރިއުޅޭ އަދި މިހާރުން މިހާރަަށް ބޯހިޔާވަހިކަން ބޭނުންވާ އާއިލާތަކެއް. ބައެއް އާއިލާތަކަކީ ރިއަލް އެސްޓޭޓްގެ ފްލެޓުތައް އަގުބޮޑުކަމުން ފްލެޓް ނުގަނެވިފައިވާ ފަރާތްތަކެއް. އެހެންވެ މި ސަރުކާރުން ބޯހިޔާވަހިކަމުގެ ތަފާތު މޮޑެލްތައް ގެނެސް މި މައްސަލައަށް ޖުމްލަ ހައްލެއް ގެނެސްދެވޭތޯ މަސައްކަތް ކުރަމުންމިދަނީ." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، މިއަދު ބިންގާ އެޅިގެންދިޔައީ ސަރުކާރުން ކުރިއަށްގެންދާ 7900 ހައުސިން ޔުނިޓްތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަޝްރޫއެއް ކަމަށެވެ. އަދި މި މަޝްރޫޢު ހާއްސަކޮށްފައިވަނީ ލީޒް އޯން މޮޑެލްގެ ދަށުން ރިއަލް އެސްޓޭޓް ހައުސިން ޔުނިޓުތައް ހެޔޮ އަގެއްގައި ގަނެވޭނެ ފަރާތްތަކަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އާއިލީ ބޯހިޔާވަހިކަން ޕްރޮގްރާމުގެ ދަށުން އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކަށް މި ފްލެޓްތައް ލިބިގެންދާނެ ކަމަށްވެސް އިމާރާތްކުރުމާއި ގެދޮރުވެރިކަމާ ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބް ފާހަގަކުރެއްވިއެވެ.