ޚަބަރު

"މުއައްސަސާތައް ހަރުދަނާކުރުމުގެ މަސައްކަތުގައި ސަރުކާރު ދެމިއޮންނާނެ"


  • ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ފަރާތްތަކުގެ އަގުވަޒަންކުރެއްވި

ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، އދ. ގެ ޕަބްލިކް ސަރވިސް ދުވާހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.

އދ. ގެ ޕަބްލިކް ސަރވިސް ދުވާހާއި ގުޅިގެން ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މުޖުތަމައު ހަރުދަނާ ކުރުމަށާއި ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކޮށް، ބައިނަލްއަޤްވާމީ ފެންވަރުގައި މުޖުތަމަޢު ކުރިއަރުވަން ވަރުބަލިކަމެއް ނެތި މަސައްކަތްކުރާ ދައުލަތުގެ ޚިދުމަތްތެރިންގެ ހިތްވަރުގަދަ މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ރައީސް ވަނީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭ ދައުލަތުގެ މުއައްސަސާތައް ހަރުދަނާކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށް ގެންދަވާނެކަމަށް ފާހަގަކުރައްވައި، އާންމުންގެ ހެވާއި ލާބައަށް މަސައްކަތް ކުރާ ފަރާތްތަކަށާއި ފަސްޖެހުމެއްނެތި ދެމުންދާ ޚިދުމަތްތައް ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ.

އދ. ގެ ޕަބްލިކް ސާވިސް ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 23ވަނަ ދުވަހުއެވެ. މި ދުވަސް ފާހަގަކުރަނީ ޕަބްލިކް ސާވަންޓުން ކުރައްވާ މަސައްކަތް ދެނެގަނެ، އެމީހުން ކުރައްވާ މަސައްކަތުގެ އަގު ވަޒަންކުރުމަށެވެ.

މީގެ އިތުރުން، ޤައުމީ ތަރައްޤީއަށް ދައުލަތުގެ ޚިދުމަތްތެރިންގެ ހިއްސާ ދެނެގަނެ، ޒުވާނުން ސަރުކާރުގެ މުއައްސަސާތަކާއި އިދާރާތަކުގައި މަސައްކަތްކުރުމަށް ހިތްވަރު ދިނުމަކީވެސް މި ދުވަސް ފާހަގަކުރުމުގެ މައިގަނޑު މަޤްސަދެކެވެ.