މިސްކިތްތައް ބިނާކުރުމާއި އިސްލާމީ މަރުކަޒުތައް ބިނާކުރުން ހިމެނޭހެން 79 މަޝްރޫޢުއެއްގެ މަސައްކަތް ކުރިއަށްދާކަމަށް އިސްލާމީކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އެ ވުޒާރާއިން މިހާރު ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި 45 މިސްކިތެއް ބިނާކުރުން ހިމެނެއެވެ. މީގެ އިތުރުން 12 އިސްލާމީ މަރުކަޒެއްގެ މަޝްރޫޢުއާއި، 16 ޤުރުއާން ސެންޓަރުގެ މަޝްރޫޢުގެ އިތުރުން ވަޤްފުގެ ބިނާ ކުރުމުގެ 6 މަޝްރޫޢުއެއްވެސް ކުރިއަށްދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އިސްލާމީ ދާއިރާއިން ގިނަ މަޝްރޫޢުތަކެއް ކުރިއަށްދާއިރު، މަޝްރޫޢުތައް ބާރު ދުވެލީގައި ކުރިއަށް ގެންދިއުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންދާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.
އިސްލާމީ ދާއިރާއިން މި ދައުރުގެ ތެރޭގައި ކުރިއަށް ގެންދާ އެންމެ މުހިއްމު މަޝްރޫޢުތަކުގެ ތެރޭގައި މާލޭގައި ބިނާ ކުރާ ދާރުލްއަރުޤަމްއާއި ހުޅުމާލޭގައި ބިނާ ކުރާ ދާރުއްސަލާމް ވަޤްފު ޢިމާރާތް ހިމެނެއެވެ. މީގެ އިތުރުން މިހާތަނަށް ރާއްޖޭގައި ބިނާކުރެވޭ އެންމެ ބޮޑު މިސްކިތް ހުޅުމާލޭގައި ބިނާ ކުރުމަށް މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ޢަމަލީ މަސައްކަތް ފެށުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. މި މަޝްރޫޢުއަށް ރާއްޖޭން ބޭރުގެ ފަރާތަކުން ފައިނޭންސިންގ ހަމަޖެހިފައިވާކަން ފާހަގަކޮށްލެވެއެވެ.