ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ޝަޢުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް ދީފައިވާ މުއްދަތު އިތުރުކޮށްފިއެވެ.
އެމަޖެންސީ މެޑިކަލް ސަރވިސަސްއާއެކު ހެލިކޮޕްޓަރުގެ ވިޔަފާރި އޮޕަރޭޝަންތައް ގާއިމުކޮށް ހިންގުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ ޖަނަވަރީ މަހުގެ 22ވަނަ ދުވަހުއެވެ. އަދި މިކަމަށް ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު މިމަހުގެ 25ވަނަ ދުވަހާއި ހަމައަށް ވަނީ ހުޅުވާލާފައެވެ.
އެހެންނަމަވެސް އެ ވުޒާރާއިން މިހާރު ވަނީ މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް މީގެ ކުރިން ކަނޑައަޅާފައިވާ މުއްދަތު އިތުރުކޮށްފައެވެ. މިހާރު ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑިއަކީ އެޕްރީލް މަހުގެ 20ވަނަ ދުވަހެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޕްރޮޕޯސަލް ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފައިވަނީ މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން، މި އާރްއެފްޕީއަށް ޝައުގުވެރިކަން ފާޅުކޮށްފައިވާ ގިނަ ކުންފުނިތަކާއި ޖަމްޢިއްޔާތަކަށް އޮޕަރޭޝަނަލް އަދި ލޮޖިސްޓިކަލް ގޮތުން ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަން ޤަބޫލުކުރެވޭތީ ކަމަށެވެ.
މީގެ އިތުރުން، ޕްރޮޕޯޒަލް ހުށަހެޅުމުގެ ސުންގަޑި އިތުރުކޮށްދިނުމަށް އެދި ޝައުގުވެރިވާ ގިނަ ފަރާތްތަކަކުން ރަސްމީކޮށް އަދި ނުރަސްމީކޮށްވެސް ހުށަހަޅުމުގެ ސަބަބުން ޕްރޮޕޯސަލް ހުށަހެޅުމުގެ ސުންގަޑި އިތުރުކުރުމަށް ނިންމާފައިވާ ކަމަށް އެ ވުޒާރާއިން މައުލޫމާތުދެއެވެ.
ސިއްޙީ ކުއްލި ޙާލަތްތަކުގައި ހެލިކޮޕްޓަރު މެދުވެރިކޮށް ދޭ ޚިދުމަތައް ކަނޑައެޅޭ ވަކި އުސޫލަކުން ދޭން ވަނީ ޝަރުތުކޮށްފައެވެ. މިފަދަ ޙާލަތެއް ކުރިމަތިވެއްޖެނަމަ ފުރަތަމަ 3 އަހަރު، ކޮންމެ މަހަކު އެއްވެސް އަގަކާ ނުލާ 50 ގަޑިއިރަށް ޚިދުމަތް ދޭންޖެހޭނެކަމަށް ވަނީ ކަނޑައަޅަފައެވެ. ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ކުރިއަށްގެންދާނީ، ކަނޑައެޅޭ އުސޫލުން ސަރުކާރުން އަގު އަދާކުރާގޮތަށެވެ.
މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އުސޫލުގައިވާ ގޮތުން، މި ޚިދުމަތަށް ހޮވާ އޮޕަރޭޓަރުންނަށް އެންމެ ގިނަވަގެން ހުއްދަ ދޭނީ 10 އަހަރު ދުވަހުގެ މުއްދަތައް ރާއްޖޭގައި ޚިދުމަތް ދިނުމަށެވެ. އޮޕަރޭޓަރަކަށް ހުއްދަ ދިނުމުގައި ބައިނަލްއަޤްވާމީ އަދި ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ސަލާމަތީ އެންމެހާ މިންގަނޑުތަކަށް ބަލާނެއެވެ. ޚިދުމަތް ދެވޭނީ ރާއްޖޭގެ އޭވިއޭޝަން އޮޕަރޭޓަރެއް ނުވަތަ ކުންފުންޏަކާއެކު ޖޮއިންޓް ވެންޗަރ އުސޫލުންނެވެ. އަދި މިކަމަށް ޕްރޮޕޯސަލް ހުށައެޅޭނީ މަދުވެގެން 5 އަހަރު ހެލިކޮޕްޓަރު އޮޕަރޭޝަންގައި ޚިދުމަތް ދީފަވާ ކުންފުނިތަކަށެވެ.
ރާއްޖޭގައި ޚިދުމަތް ދިނުމަށް ޝަޢުގުވެރިވާ އޮޕަރޭޓަރުންނަށް ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފަވަނީ އަންނަ އެޕްރީލް މަހުގެ 20ވަނަ ދުވަހުގެ ނިޔަލަށެވެ. އަދި ޖޫން މަހުގެ މެދުތެރޭގައި ކޮންޓްރެކްޓް ހަދާ، ކުންފުނިތަކަށް ހުއްދަ ދޭނެއެވެ. ހުއްދަދޭ މުއްދަތުން ފެށިގެން އެންމެ ލަސްވެގެން 2027ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 1ވަނަ ދުވަހުގެ ކުރިން ޚިދުމަތް ފަށަން ޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.