ކުޅިވަރު

އިނގިރޭސިންނާއި ގާނާ އެއްވަރު


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި ގާނާ އާއި އިނގިރޭސިވިލާތް ބައްދަލުކުރި މެޗު ލަނޑެއް ނުޖެހި އެއްވަރު ވެއްޖެ އެވެ.

މި ނަތީޖާއާއެކު މި ގްރޫޕުން ދެ ވަނަ ބުރު އަދި އެއްވެސް ޓީމަކަށް ޔަގީނެއް ނުވެ އެވެ. އިނގިރޭސިން އެއްވަނާގައިވަނީ ހަތަރު ޕޮއިންޓާއެކު ގޯލުގެ ތަފާތުންނެވެ. ގާނާ އަށް ވެސް ހަތަރު ޕޮއިންޓް ލިބިފައިވެ އެވެ. މި ގްރޫޕުގައި މިވަގުތު ޕޮއިންޓެއް ނުލިބިވަނީ މިރޭ ކުޅޭ ކްރޮއޭޝިޔާ އާއި ޕެނަމާ އަށެވެ.

މިރޭގެ މެޗުގައި މޮޅަށް ކުޅުނީ ހުރިހާ ގޮތަކުން ވެސް އިނގިރޭސިންނެވެ. ލަނޑު ޖަހަން ގިނަ ފުރުސަތެއް ވެސް ހޯދި އެވެ. ނަމަވެސް އިނގިރޭސި ކުރީގެ ކެޕްޓަން އެލަން ޝިއަރާގެ ނަޒަރުގައި ގާނާގެ ގޯލު ފޫއަޅުވާލާނެހާ ވަރުގަދަ ހަމަލާތަކެއް އިނގިރޭސިންނަށް ނުއުފެއްދެ އެވެ. ކޯޗު ތޯމަސް ޓުޗެލްގެ ޓީމުގައި ތިބި އެޓޭކިން ހުރިހާ ކުޅުންތެރިން ބޭނުން ކުރި މެޗު އެއްވަރުވުމަށްފަހު މި ގްރޫޕް ތަރުތީބު ކުރަން އިނގިރޭސިން ފަހު މެޗުގައި ނުކުންނާނީ ޕެނަމާއާ ދެކޮޅަށެވެ. ގާނާ ނުކުންނާނީ ކްރޮއޭޝިޔާއާ ދެކޮޅަށެވެ.

1966ގެ ފަހުން ފުރަތަމަ ފަހަރަށް ވޯލްޑް ކަޕް ކާމިޔާބު ކުރަން މަސައްކަތް ކުރަމުން އަންނަ އިނގިރޭސިން މި މެޗުގައި 19 ހަމަލާ އުފެއްދި އެވެ. މީގެ ތެރެއިން ގާނާގެ ކީޕަރު ބެންޖަމިން އަސާރޭ މޮޅު ތިން ސޭވް ކުރި އެވެ. އިނގިރޭސި ކީޕަރު ޖޯޑަން ޕިކްފޯޑް ޓެސްޓް ކޮށްލެވޭ ފަދަ ހަމަލާތަކެއް ގާނާ އަށް ނުއުފެއްދެ އެވެ.