މިއަހަރުގެ ރަމަޟާންމަހު މާލޭ ބާޒާރަށް އެންމެ ގިނައިން ތަކެތި ގެނެސްފައިވަނީ ކާށިދޫއާއި ތޮއްޑޫއިން ކަމަށް ބާޒާރުގައި ތަކެތި ވިއްކާ ވިޔަފާރިވެރިން ބުނެފިއެވެ. މިއަހަރުގެ ރަމަޟާން މަސް ފެށިގެން ނިމެންދާއިރު އާންމުކޮށް ބޭނުންކުރާ ބާވަތްތައް ބާޒާރުގައި ހުސްނުވެ ލިބެން އެބަހުއްޓެވެ.
މާލޭ ބާޒާރަށް ކާށިދޫއިން އެންމެ ގިނައިން ގެނެސްފައިވަނީ، ފަތްޕިލާވެލީގެ ބާވަތެވެ. ކުއްޅަފިލާފަތް، ކަރާ އަދި އެނޫންވެސް ބާޒާރަށް ގެންނަ ގިނަ ބާވަތްތައް ގެންނަނީ ތޮއްޑޫއިން ކަމަށް ވިޔަފާރިވެރިން ބުނެއެވެ. މީގެއިތުރުންވެސް ބައެއް ތަކެތި ލ. އަތޮޅުންވެސް ބާޒާރަށް ގެނެއެވެ.
މި ރަމަޟާން މަހު އެންމެ ބޮޑަށް ޑިމާންޑް ބޮޑީ ފަނި ގިރުމަށް ބޭނުން ކުރާ ތަކެއްޗާއި ފަތްޕިލާވެލީގެ ބާވަތްތަކަށް ކަމަށް ބާޒާރުގައި ތަކެތި ވިއްކާ ވިޔަފާރިވެރިން ވަނީ ބުނެފައެވެ.
"މައިގަނޑުކޮށް މިގެންނަނީ ކާށިދޫ ދެން ތޮއްޑޫ. ލ. އިންވެސް އެބައާދޭ. ށ. އިންވެސް. އެވްރެޖްކޮށް ކޮންމެ ދުވަހަކު މި އަންނަނީ، ހަމަ ކާށިދޫއިންނާއި ތޮއްޑޫއިން". ވިޔަފާރިވެރިއަކު ބުންޏެވެ.
* ކޮޕީފަތް ބޮނޑިއެއް: 10 ރުފިޔާ
* ލެޓިއުސް (ކިލޯ): 50 ރުފިޔާ
* ކުއްޅަފިލާފަތް ބޮނޑިއެއް: 15 ރުފިޔާ
* ބަރަބޯ (ކިލޯ): 20 ރުފިޔާ
* ޓޮމާޓޯ (ކިލޯ): 30 ރުފިޔާ
* ލުނބޯ (ކިލޯ): 60 ރުފިޔާ
* 100ގ މިރުސް: 20 – 25 ރުފިޔާ
* ކަރާ (ކިލޯ): 35 ރުފިޔާ
* ފޭރު (ކިލޯ): 90 – 140 ރުފިޔާ
* ޕެޝަން ފްރުޓް (ކިލޯ): 150 ރުފިޔާ
* އާފަލު: 6 ރުފިޔާ
* އޮރެންޖު: 6 ރުފިޔާ
* ރޮކް މެލަން (ކިލޯ): 90 ރުފިޔާ
* މޭބިސް ކަދުރު: 18 – 20 ރުފިޔާ
* 100ގ ރޯ ކަދުރު: 35 ރުފިޔާ
* އެވަކާޑޯ (ކިލޯ): 120 ރުފިޔާ
ބާޒާރުގައި ދިވެހި މިރުސް ވަރަށް ބޮޑަށްވެސް ތިޔާގިއެވެ. ޚާއްޞަކޮށް ގިތެޔޮ މިރުހުން ބާޒާރު ވަނީ ފުރިފައެވެ. ބާޒާރަށް މިރުސް އެންމެ ގިނައިން ގެންނަނީ، ކަނޑޫދޫއިންނެވެ. މިރުހުގެ އަގުވެސް މި ރަމަޟާން މަހު ވަނީ ދަށްވެފައެވެ. އެގޮތުން ރަމަޟާން މަސް ފެށުނުއިރު ބާޒާރުގައި 100ގ މިރުސް ލިބެން ހުރީ 50 ރުފިޔާއާއި 45 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ނަމަވެސް މިއަދު ބާޒާރުގައި 100ގ މިރުސް ލިބެން ހުރީ، 20 ރުފިޔާއާއި 25 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ.
"ޑިމާންޑާއި އެއްވަރަށް މިރުސް އާދޭ ހަމަ. ވަރަށް ބޯކޮށް އައިއްސި މިފަހަރުވެސް މިރުސް. އަގު ހަމަ އެއްކަހަލަ ގޮތަކަށް މިއުޅެނީ". ވިޔަފާރިވެރިއަކު ބުންޏެވެ.
މި ރަމަޟާން މަހު ބާޒާރުގައި ދިވެހި އަނބުވެސް ތިޔާގިކަން ފާހަގަކޮށްލެވެއެވެ. އެގޮތުން ބާޒާރަށް އެންމެ ގިނައިން އަނބު ގެންނަނީ، ފުވައްމުލަކުންނެވެ. ދިވެހި އަނބު ބާޒާރުގައި ހުރީ، 1 ކިލޯ އަނބު 70 – 100 ރުފިޔާއާއި ދެމެދުގެ އަގެއްގައެވެ. ނަމަވެސް މިހާރު މަދުމަދުން ބާޒާރުން އަނބު މަދުވަމުން އަންނަކަން ވަނީ ފާހަގަވެފައެވެ.
ދިވެހިން އާންމުކޮށް ރަމަޟާންމަހު ބޭނުން ކުރާ ބާވަތްތަކުގެ ތެރެއިން އަގު އެންމެ ބޮޑަށް އުފުލިގެން ދިޔައީ ކަރާގެ އަގެވެ. މިއަދު ބާޒާރުގައި ކަރާ ކިލޯއެއް ލިބެން ހުރީ، 35 ރުފިޔާއަށެވެ. މިހާރު ދިވެހި ކަރާ ނުލިބޭ ކަމަށް ވިޔަފާރިވެރިން ބުންޏެވެ. ރަމަޟާން މަހުގެ ކުރިއަށް އޮތް ދުވަސްތަކުގައިވެސް ދެން ބާޒާރުން ދިވެހި ކަރާ ނުލިބޭނެ ކަމަށް އެ ވިޔަފާރިވެރިން ފާހަގަކުރައްވައެވެ.