ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ކުރި ޣައިރުޤާނޫނީ ހަނގުރާމައިގެ ރައްދުގައި، އީރާނުން ދިން ވަރުގަދަ ހަމަލާތަކުގައި ބޮޑެތި ގެއްލުންތައް ލިބިފައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތައް، ޔަހޫދީން ފަސްގަނޑަށް ބަދަލުކުރުމުގެ ވިސްނުން އެމެރިކާއިން ގެންގުޅޭކަމަށް ރިޕޯޓުކޮށްފިއެވެ.
މިދިޔަ ފެބްރުއަރީ 28ގައި ޔަހޫދީންނާއި އެމެރިކާއިން ފެށި ހަނގުރާމައިގެ ރައްދުގައި، އީރާނުން ވަނީ ގަލްފުގެ އެކި ޤައުމުތަކުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށާއި އަސްކަރީ ވަޞީލަތްތަކަށް ޢަމާޒުކޮށް ވަރުގަދަ ޙަމަލާތައް ދީފައެވެ. އެ ޙަމަލާތަކުގައި އެ މަރުކަޒުތަކަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.
އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ނޫހުން އެކި މަސްދަރުތަކާ ޙަވާލާދީ ބުނީ، ކުވޭތުގެ އިތުރުން ސަޢުދީ ޢަރަބިއްޔާގައި ހުރި އަސްކަރީ މަރުކަޒުތައް ޔަހޫދީންގެ ފަސްގަނޑަށް ބަދަލުކުރުމުގެ މަޝްވަރާތައް ކުރެވެމުންދާ ކަމަށެވެ. އަދި ބަޙްރޭނުގައި ހުރި އަސްކަރީ މަރުކަޒަށް އީރާނުން ދިން ޙަމަލާތަކުގައި ބޮޑެތި ގެއްލުންތައް ލިބިފައިވާއިރު، އެ މަރުކަޒު އަލުން ބިނާކުރުމުގެ ވިސްނުން ވެސް އެމެރިކާގެ ދިފާޢީ ވުޒާރާއިން ގެންގުޅޭކަމަށް އެ ނޫހުން ބުންޏެވެ.
މި ވިސްނުން ގެންގުޅެނީ، އީރާނުގެ ބާރުގަދަ މިސައިލްތަކާއި ޑްރޯންތައް ނުފޯރާ ހިސާބަށް އަސްކަރީ މަރުކަޒުތައް ގެންދިޔުމުގެ ބޭނުމުގައި ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.
އީރާނާ ދެކޮޅަށް ކުރި ޣައިރުޤާނޫނީ ހަނގުރާމައަށް 80 ބިލިއަން އެމެރިކާ ޑޮލަރު ހޭދަވިކަމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ޤާނޫނުހަދާ މަޖިލީހަށް ދާދިފަހުން ވަނީ ހުށަހަޅައިފައެވެ.