ޚަބަރު

އިންޑޮނޭޝިޔާގައި ކުޑަކުދިންގެ 4.7 މިލިޔަން މީސްމީޑިޔާ އެކައުންޓް ޑީއެކްޓިވޭޓްކޮށްފި


އާންމުންގެ މެދުގައި މަޤުބޫލު ދެ މީސްމީޑިޔާގެ މަންސަ ކަމަށްވާ ޓިކްޓޮކްއާ ޔޫޓިބްއިން އިންޑޮނޭޝިޔާގެ 16 އަހަރުން ދަށުގެ ކުޑަކުދިން ބޭނުންކުރާ 4.7 މިލިޔަން އެކައުންޓް ޑީއެކްޓިވޭޓް ކޮށްފިއެވެ. އިންޑޮނޭޝިޔާގެ ކޮމިއުނިކޭޝަންސް އެންޑް ޑިޓިޓަލް ވުޒާރާގެ ވަޒީރު މޫތުޔާ ހާފިދް ވިދާޅުވީ އެކައުންޓުތައް ޑީއެކްޓިވޭޓްކޮށްފައި ވަނީ ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަކަށް ޢަމަލުކުރަން ފެށުމާ ގުޅިގެން ކަމަށެވެ.

މިއަހަރުގެ މާރިޗު މަހުގެ ތެރޭގައި އިންޑޮނޭޝިޔާއިން ވަނީ ހިރާސް ބޮޑު ކަމަށް ސަރުކާރުން ދެކޭ މީސްމީޑިޔާ ކުންފުނިތަކުން، 16 އަހަރުން ދަށުގެ ކުޑަކުދިން ބޭނުންކުރާ އެކައުންޓުތައް ޑީއެކްޓިވޭޓް ކުރަންޖެހޭ ފަދަ ޤަވާއިދެއް ނެރެފައެވެ. އެ ކުންފުނިތަކުގެ ތެރޭގައި ޓިކްޓޮކްއާއި ޔޫޓޫބްގެ އިތުރުން އެކްސްއާއި މެޓާގެ އިންސްޓަގްރާމްއާއި ރޯބްލޮކްސް ވެސް ހިމެނެއެެވެ.

ޗައިނާގެ ޓެކް ކުންފުންޏެއް ކަމަށްވާ ބައިޓްޑާންސްގެ ޓިކްޓޮކްއިން ކުޑަކުދިންނަށް ނިސްބަތްވާ ޖުމްލަ 4.1 މިލިޔަން އެކައުންޓް ޑީއެކްޓިވޭޓްކޮށްފައިވެއެވެ. އަދި އަލްފަބެޓްގެ ގޫގްލްއިން ހިންގާ ޔޫޓޫބްއިން 600،000 އެކައުންޓް ޑީއެކްޓިވޭޓްކޮށްފައިވެއެވެ. އިންޑޮނޭޝިޔާގެ ކޮމިއުނިކޭޝަންސް ވުޒާރާއިން ބުނީ އެހެން މީސްމީޑިޔާ ކުންފުނިތަކުން ވެސް އެ ގޮތަށް ޢަމަލުކުރުމަށް ސަރުކާރުން އެދޭ ކަމަށެވެ.

ވަޒީރު މޫތުޔާ ވިދާޅުވީ އިންޑޮނޭޝިޔާގެ ސަރުކާރުން އެ ފަދަ ފިޔަވަޅެއް އަޅާފައި ވަނީ މީސްމީޑިޔާގެ މި މަންސަތަކުން ފެންނަ މަންޒަރުތަކަށް ކުޑަކުދިން ހުށަހެޅޭ އުމުރު ލަސްކުރުމަށް ކަމަށާއި އެ މަންސަތައް ހިންގާ ކުންފުނިތަކުން އެ ސައިޓުތައް ހިންގާ ގޮތަށް ބަދަލުގެނައުމަށް ބާރު އެޅުމަށް ކަމަށެވެ. ކުންފުނިތަކުން އަމިއްލައަށް ކަންކަން ހިސާބުކޮށް ހުށަހަޅާފައިވާ ރިޕޯޓުތައް ކޮމިއުނިކޭޝަންސް ވުޒާރާއިން ބަލަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

އިންޑޮނޭޝިޔާއިން ބުނީ ކުޑަކުދިންނަށް މީސްމީޑިޔާގެ ބައެއް މަންސަތައް ބޭނުން ނުކުރެވޭ ގޮތް ހަދާފައި ވަނީ އޭގެ ސަބަބުން ސައިބާބުލީންގއާއި މީސްމީޑިޔާއަށް ދެވި ހިފުމާ ކުޑަކުދިން ދުރުކުރުމަށް ކަމަށެވެ. އެ ޤައުމުން އެ ފިޔަވަޅު އަޅާފައި ވަނީ އޮސްޓްރޭލިޔާއިން ވެސް އެ ފަދަ ނިންމުމެއް ނިންމާ މިދިޔަ އަހަރުގެ ތެރޭގައި އެ ކަން ތަންފީޛުކޮށްފައި ވަނިކޮށެވެ. އޮސްޓްރޭލިޔާއިން އެ ގޮތަށް ނިންމީ މީސްމީޑިޔާގެ ސަބަބުން ކުޑަކުދިންގެ ނަފްސާނީ ދުޅަހެޔޮ ކަމަށް ގެއްލުން ލިބޭތީ ކަމަށް ބުނެއެވެ. އިނގިރޭސިވިލާތުން ވެސް ވަނީ ގޭމާއި ލައިވްސްޓްރީމް ކުރުމާ ގުޅުންހުރި ފިޔަވަޅުތަކެއް މި މަހުގެ ތެރޭގައި އެ ޤައުމުން ތަންފީޛު ކުރާނެ ކަމަށް އިޢުލާނުކޮށްފައެވެ.