މަސްތުވާތަކެތީގެ މައްސަލައެއްގައި ޅ.ނައިފަރުން ތިން މީހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޅ.ނައިފަރު / ނޭޒާ، އާދަމް ޙަސަންފުޅު (41އ)އާއި، ޅ.ނައިފަރު / މުރަނގަމާގެ، މުޙައްމަދު ޝިފާޒު (36އ) އާއި، ސޭމް ސަޖޫ އިންޑިއާ (28އ)އެވެ.
ފުލުހުން ވިދާޅުވީ، މިމީހުން ހައްޔަރުކޮށްފައިވަނީ ނައިފަރު ގެއެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އެތަކެތީގެ ވިޔަފާރިކުރާކަމަށް ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެން ހިންގި އޮޕަރޭޝަންގައި ކަމަށެވެ.
އަދި އިއްޔެ ހިންގި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން ނައިފަރު ގެއެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 37 ރަބަރު ޕެކެޓާއި، މަސްތުވާތަކެތި ވިއްކައި ވިޔަފާރި ކުރުމަށް ބޭނުންކުރާކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންވެސް 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ، މި މައްސަލަ ތަޙުޤީޤު ކުރަމުންނެވެ.