ޚަބަރު

ފީފާ ވޯލްޑްކަޕް 2026 ގްރޫޕް ޖީ: ނިއު ޒިލޭންޑް - ބެލްޖިއަމް / އިޖިޕްޓް - އިރާން


ފީފާ ވޯލްޑްކަޕްގެ ގްރޫޕް ޖީ ގެ ފަހު މެޗުތަކަށް މިރޭ ހަތަރު ޓީމު ނިކުންނައިރު ކޮންމެ ޓީމަކަށްވެސް މުބާރާތުގެ ދެވަނަ ބުރަށް ދިއުމުގެ ފުރުސަތު ވަނީ ހުޅުވިފަ އެވެ.

ނިއު ޒިލޭންޑާއި ބެލްޖިއަމް ވެންކޫވާރގެ ބީސީ ޕެލަސް ސްޓޭޑިއަމްގައި ބައްދަލުކުރާއިރު, ބެލްޖިއަމް ކުޅުނު ދެ މެޗުވެސް އެއްވަރުވެ އެ ޓީމަށް ލިބިފައިވާ ދެ ޕޮއިންޓާއެކު އޮތީ ތާވަލުގެ ތިންވަނައިގަ އެވެ. އަދި ނިއު ޒިލޭންޑް އިރާނާއި ދެކޮޅަށް ކުޅުނު މެޗު 2-2 ގެ ނަތީޖާއަކުން އެއްވަރުކޮށް އިޖިޕްޓް އަތުން ވަނީ 3-1 ގެ ނަތީޖާއަކުން ބަލިވެފަ އެވެ.

2010 ވަނަ އަހަރަށްފަހު ފީފާ ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް ނިއު ޒިލޭންޑް އިން ވާދަކުރާއިރު, މިއި ބެލްޖިއަމް އިން ވޯލްޑްކަޕްގައި ކުޅޭ 16 ވަނަ ފަހަރެވެ. ދުނިޔޭގެ ރޭންކިންގެ 9 ވަނައިގައި އޮތް ބެލްޖިއަމް އާއި ދެކޮޅަށް 85 ވަނައިގައި އޮތް ނިއު ޒިލޭންޑް ނިކުންނައިރު މިއީ ފީފާ ވޯލްޑްކަޕްގައި މި ދެ ގައުމު ބައްދަލުކުރާ ފުރަތަމަ ފަހަރެވެ.

މި ގްރޫޕްގައި ދެން ހިމެނޭ އިޖިޕްޓް އާއި އިރާން ގްރޫޕްގެ ފަހު މެޗަށް ނިކުންނައިރު, އިޖިޕްޓް އޮތީ އެއް މެޗުން މޮޅުވެ އެއް މެޗު އެއްވަރުކޮށް ޖުމްލަ ހަތަރު ޕޮއިންޓާއެކު ގްރޫޕްގެ އެއްވަނައިގަ އެވެ. އިރާނުން ކުޅުނު ދެ މެޗުވެސް އެއްވަރުވެ އެ ޓީމަށް ލިބިފައިވަނީ ދެ ޕޮއިންޓެވެ.

މި ފަހަރުގެ މުބާރާތުގައި ވާދާ ކުރާ 48 ގައުމުގެ ތެރެއިން އެންމެ ބޮޑު ތަކުލީފުތަކަކާއިއެކު މުބާރާތުގައި ވާދަކުރާ އިރާނުން މި މެމަށް ނިކުންނައިރު, މި ދެ ޓީމު ވަނީ މީގެ ކުރިން ދެ ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ.

"
މުހައްމަދު ސަލާ އަކީ ކިހާ މުހިންމު ކުޅުންތެރިއެއްކަން އަހަރުމެން އެންމެވެސް ދަނޭ. އޭނާ އާއިމެދު ވިސްނަން ޖެހޭނެ
އަމީރު ގަލެނޯއީ - އިރާނުގެ ކޯޗު


މި މެޗަށް ނިކުންނައިރު އިރާނުގެ ކޯޗު އާމިރު ގަލެނޯއީ ބުނެފައިވަނީ އިޖިޕްޓަކީ ހުނަރުވެރި މޮޅު ކުޅުންތެރިންތަކެއް ތިބި މޮޅު ޓީމެއް ކަމަށާއި އެހެންކަމުން މި މެޗުގައި އެ ޓީމުން އެންމެ ބޮޑު ސަމާލުކަމެއް ދޭނީ އިޖިޕްޓްގެ އެޓޭކްތައް ހުއްޓުވުމަށް ކަމަށެވެ.

އިޖިޕްޓްގެ ކޯޗު ހޮސާމް ހަސަން ބުނެފައިވަނީ މުބާރާތާއި ކުރިމަތިލީއިރުވެސް މިއީ އުނދަގޫ ގްރޫޕެއްގެ ގޮތުގައި ގަބޫލުކުރި ކަމަށާއި އިރާނަކީ އޭޝިޔާގެ އެންމެ ވަރުގަދަ އެއް ކަމުގައިވާތީ މި މެޗަށް ނިކުންނާނީ ވަރަށް ބޮޑަށް ވިސްނައިގެން ކަމަށެވެ.