ޚަބަރު

އެއާ އެމްބިއުލާންސްއިން މިހާތަނަށް 2270 ބަލިމީހުން އުފުލައިފި


  • ޚިދުމަތް ފަށާފައިވަނީ 1 މާރޗް 2024 ގައި

  • މިހާތަނަށް 1755 ދަތުރުކޮށްފައިވޭ

އެއާ އެމްބިއުލާންސް މެދުވެރިކޮށް މިހާތަނަށް 2270 ބަލިމީހުން ރައްކާތެރިކަމާއިއެކު އުފުލާފައިވާކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތަކީ ވައިގެ މަގުން ބަލިމީހުން އުފުލުމަށް ޚާއްސަކޮށް މި ސަރުކާރުން ފެށި ޚިދުމަތެކެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ފަށާފައިވަނީ 1 މާރޗް 2024 ވަނަ ދުވަހުއެވެ. އެއާ އެމްބިއުލާންސްގެ ޚިދުމަތަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުން ކުއްލި ހާލަތުގައި ބަލި މީހުން އުފުލުމަށް ޚާއްސަކޮށްގެން ފެށި ޙިދުމަތެކެވެ.

14 ރަށަކަށް އެމްބިއުލާންސް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ގާސިމް ވިދާޅުވީ، ދިވެހިރާއްޖޭގައި ދެވޭ ސިއްޙީ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ޚާއްސަ ގޮތެއްގައި ބަލިމީހުން އެއްތަނުން އަނެއްތަނަށް އުފުލުމަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ޚާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތްޕުޅުކުރައްވާކަމަށެވެ. އެގޮތުން އެއާ އެމްބިއުލާންސްގެ ޚިދުމަތް އޭނާ ފާހަގަކުރެއްވިއެވެ. އެއާ އެމްބިއުލާންސް މެދުވެރިކޮށް މިހާތަނަށް 2200 އަށްވުރެ ގިނަ ބަލިމީހުން އުފުލާފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

"ޚާއްސަގޮތެއްގައި އެއަރ އެމްބިއުލާންސްގެ ޚިދުމަތް ފެށި 1755 ދަތުރުކޮށް 2270 ބަލިމީހުން ރައްކާތެރިކަމާއިއެކު އުފުލިފައިވާކަން މިއީ ދިވެހި ރައްޔިތުންގެ ހިތްތަކަށް ލިބޭނެ ވަރަށް ބޮޑު ތަސައްލީއެއް." އަޙްމަދު ގާސިމް ވިދާޅުވިއެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތަށް އަހަރެއްވީއިރު މިޚިދުމަތުގައި މިހާރު، ވެންޓިލޭޓަރާއި އިންކިއުބޭޓަރއާއި މިނޫންވެސް ކުއްލި ޙާލަތަށް ބޭނުންވާ ވަޞީލަތްތައް ވަނީ ޤާއިމުކޮށްފައެވެ.

އެއާ އެމްބިއުލާންސްގެ ޚިދުމަތް ދިނުމަށް ބޭނުންކުރަނީ ޑޭޝް 8 މަރުކާގެ އެއަރކްރާފްޓެކެވެ. އަދި މިޚިދުމަތްދިނުމަށް މުވައްޒަފުން ތަމްރީންކޮށްފައިވާއިރު އޭގެތެރޭގައި ޑޮކްޓަރުންނާއި ނަރުހުންނާއި އިމަރޖެންސީ މެޑިކަލް ޓެކްނީޝަނުން ހިމެނެއެވެ.

އެއާ އެމްބިއުލާންސް ޚިދުމަތް މެދުވެރިކޮށް ތައިލޭންޑް އަދި ދުބާޢީއަށް ބަލިމީހުން އުފުލުމަށް ދާދިފަހުން ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ސިއްހީ ވުޒާރާއާއި، އައިލޭންޑް އެވިއޭޝަންގެ އިތުރުން ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) އިންނެވެ.