ބޮޑުތަކުރުފާނުމަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ ދެވަނަ ފިޔަވަހީގެ ހުރިހާ މަސައްކަތްތައް ނިންމައި، އަންނަ އަންގާރަ ދުވަހު އާއްމުންނަށް ހުޅުވާލުމަށް މަސައްކަތް ކުރަމުންދާ ކަމަށް މި މަސައްކަތް ކުރައްވާ މޯލްޑިވްސް ޓްރާސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީން ވިދާޅުވެއްޖެއެވެ.
ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ކުރަމުންދަނީ، އެކި ފިޔަވަހިތަކަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ މަސައްކަތް ރަސްމީ ފާލަން ހިމެނޭ ސަރަޙައްދުން ފެށިގެން ލޯކަލް މާރުކޭޓާ ހަމައަށް ނިންމައި، ވަނީ އާންމުކޮށް ހުޅުވާލާފައެވެ.
އަދި ދެވަނަ ފިޔަވަހީގެ ދަށުން ލޯކަލް މާރުކޭޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް ތަރައްޤީ ކުރުމުގެ މަސައްކަތް އެއްކޮށް ނިންމައި، އަންނަ އަންގާރަ ދުވަހު އާންމުންނަށް ހުޅުވާލުމަށް ހަމަޖެހިފައިވާ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.
އެމްޓީސީސީން ވިދާޅުވީ، މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށްދަނީ، މަގުގެ ނިޝާންތައް ކުރެހުމުގެ މަސައްކަތާއި މަގު ބައްތި ޖެހުމުގެ މަސައްކަތްތައް ކަމަށެވެ.
ބާޒާރުމަތީ މަގަކީ ޚާއްޞަކޮށް ރަމަޟާންމަހު ބާރުބޮޑުވާ ސަރަޙައްދަކަށްވާއިރު، މަގު ފުޅާކޮށް ތާރު އަޅައި މަގުގެ މަސައްކަތް އެއްކޮށް ނިމުމާއެކު އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ސަރުކާރުން ޤަބޫލުކުރައްވައެވެ.
ބާޒާރުމަތީ މަގު ހެދުމުގެ މަޝްރޫޢުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓު ސަރަޙައްދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަޙައްދެއް ތާރު އަޅައިގެން ތަރައްޤީ ކޮށްފައިވެއެވެ. އަދި އެމަގު ފުޅާކުރުމަށް ފަޅުތެރެ ހިއްކައިގެން 6 މީޓަރުގެ ސަރަޙައްދެއް ވަނީ މަގަށް އިތުރުކޮށްފައެވެ.
މި މަޝްރޫޢުގެ މަސައްކަތް އެއްކޮށް ނިމި، އާންމުންނަށް ހުޅުވާލުމާއެކު، ބަނދަރު ސަރަޙައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނަށާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ. އަދި މަސައްކަތް ނިމުމާއެކު، އެ ސަރަޙައްދަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށްވާނެ ކަމަށް އެމްޓީސީސީން ވިދާޅުވެއެވެ.