ޚަބަރު

ފީފާ ވޯލްޑްކަޕް 2026 ގްރޫޕް އައި: ނޯވޭ - ފްރާންސް / ސެނެގާލް - އިރާގް


ފީފާ ވޯލްޑްކަޕްގެ ގްރޫޕް އައި ގެ ފަހު މެޗުތަކަށް މިރޭ ނޯވޭ އާއި ފްރާންސް ނިކުންނައިރު ދެވަނަ މެޗުގައި ބައްދަލުކުރާނީ ސެނެގާލް އާއި އިރާގް އެވެ.

އެމެރިކާގެ ބޮސްޓަން ސްޓޭޑިއަމްގައި ނޯވޭ އާއި ފްރާންސް މިރޭ ބައްދަލުކުރާއިރު މި ދެ ޓީމުވެސް ވަނީ ގްރޫޕްގައި ކުރިން ކުޅުނު ދެ މެޗުން މޮޅުވެ 6 ޕޮއިންޓް ހޯދާފަ އެވެ. ނޯވޭ އިން 4-1 ގެ ނަތީޖާއަކުން އިރާގު ބަލިކޮށްފައިވާއިރު ސެނެގާލް އަތުން މޮޅުވެފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ. އަދި ފްރާންސް އިން ވަނީ 3-1 ގެ ނަތީޖާއަކުން ސެނެގާލް ބަލިކޮށް 3-0 ގެ ނަތީޖާއަކުން އިރާގުވެސް ބަލިކޮށްފަ އެވެ. އެހެންކަމުން މި މެޗުން މޮޅުވާ ޓީމަކަށް ގްރޫޕްގެ އެއްވަނަ މަގާމް ލިބިގެންދާނެ އެވެ.

ދުނިޔޭގައި މިވަގުތު ތިބި އެންމެ ނުރައްކާތެރި ދެ ފޯވަޑުން ކަމުގައިވާ ކިލިއަން އެމްބާޕޭ އާއި އާލިން ހާލަންޑްގެ ކުރިމަތިލުމެއްގެ ގޮތުގައި ބެލެވޭ މި މެޗަށް މި ދެ ކުޅުންތެރިން ނިކުންނައިރު ކޮންމެ ކުޅުންތެރިއަކުވެސް ވަނީ 4 ލަނޑު ޖަހާފަ އެވެ.

ގްރޫޕްގެ ފަހު މެޗަށް ފްރާންސް ނިކުންނައިރު އެ ޓީމުގެ ކޯޗު ޑިޑިއޭ ޑިޝޯމްޕް މިރޭގެ މެޗުގައި ބެންޗުގައި ނުހުންނާނެ އެވެ. ޑިޝޯމްޕް ވަނީ އޭނާގެ މަންމަ މަރުވުމާއި ގުޅިގެން އެނބުރި ފްރާންސަށް ގޮސްފަ އެވެ.

ނޯވޭ އާއި ފްރާންސް ވަނީ މީގެ ކުރިން ފަސް ފަހަރެއްގެ މަތިން ބައްދަލުކޮށްފަ އެވެ. އޭގެ ތެރެއިން 3 މެޗުން ފްރާންސް މޮޅުވެފައިވާއިރު 1 މެޗު އެއްވަރުވެ ނޯވޭ ވަނީ އެއް މެޗުން މޮޅުވެފަ އެވެ.

ކުރީގެ މެޗުތައް

  • * ފީފާ ވޯލްޑްކަޕް 1966: ފްރާންސް 1-0 ނޯވޭ
  • * ފީފާ ވޯލްޑްކަޕް 1970: ނޯވޭ 1-0 ފްރާންސް
  • * ފީފާ ވޯލްޑްކަޕް 1970: ފްރާންސް 3-1 ނޯވޭ
  • * ފީފާ ވޯލްޑްކަޕް 1990: ފްރާންސް 1-0 ނޯވޭ
  • * ފީފާ ވޯލްޑްކަޕް 1990: ނޯވޭ 1-1 ފްރާންސް


މި ގްރޫޕްގައި ދެން ހިމެނޭ ސެނެގާލް އާއި އިރާގް ގްރޫޕް ސްޓޭޖުގެ ފަހު މެޗަށް ނިކުންނައިރު މި ދެ ޓީމުވެސް ވަނީ މުބާޜާތުގައި ކުރިން ކުޅުނު 2 މެޗުން ބަލިވެފަ އެވެ. އެހެންކަމުން މި މެޗުން މޮޅުވާ ޓީމަކަށް ދެވަނަ ބުރުގެ ފުރުސަތު ބޮޑުވެގެންދާއިރު ބަލިވާ ޓީމެއް މުބާރާތުން ކަޓާނެ އެވެ.

ފީފާ ވޯލްޑްކަޕްގައި ފުރަތަމަ ފަހަރަށް މި ދެ ގައުމު ބައްދަލުކުރާއިރު, މިއީ ސެނެގާލް އިން ފީފާ ވޯލްޑްކަޕްގައި ޖެހިޖެހިގެން ވާދަކުރާ ތިންވަނަ ފަހަރެވެ. ނަމަވެސް މިއީ އިރާގުން ފީފާ ވޯލްޑްކަޕްގައި ވާދަކުރާ ދެވަނަ ފަހަރެވެ. މީގެ ކުރިން އެ ގައުމުން ފީފާ ވޯލްޑްކަޕްގައި ވާދަކޮށްފައިވަނީ 1986 ވަނަ އަހަރު މެކްސިކޯގައި ބޭއްވި ވޯލްޑްކަޕްގަ އެވެ.