ދިވެހިރާއްޖެއަކީ ދުނިޔޭގެ މި ގަދީމީ ސަރަހައްދުގައި އޮތް ޒަމާންވީ ދައުލަތެކެވެ. ދެކުނު އިރުމަތީ އޭޝިޔާގެ ޤައުމުތަކުންނާއި ހޮރުމޫޒު ކަނޑުއޮޅިންނާއި އަދި ބަބުރުކަރައިގެ ވިޔަފާރީގެ ޝަހަރުތަކުން، ވިޔަފާރި އައިގެން އަންނަހާ ނައުޒޯންގު ފަހަރެއް، ބަނދަރު ކުރާ އެންމެ މުހިންމު އެއް ބަނދަރަކީވެސް ދިވެހިރާއްޖެއެވެ. އެންމެ އިހު ޒަމާނުން ފެށިގެންވެސް ދިވެހީންނަކީ ދުނިޔެއަށް މަޝްހޫރު އިންޑިޔާ ކަނޑުގެ ވިޔަފާރީގައި ޝާމިލުވެގެން ތިބި ބައެކެވެ. އެ ވިޔަފާރީގެ އެއް ހިއްސާދާރުންވެސްމެއެވެ.
ގުދުރަތީ ޠަބީޢަތް ނިޔާކުރިގޮތުގެ މަތީން ދިވެހިރާއްޖެ ވެފައިވަނީ ވިޔަފާރީގެ ޓްރާންސިޓު ބަނދަރަކަށެވެ. އެދުވަސްވަރުގެ ރާއްޖެއަކީ އުފެއްދުންތެރި ރާއްޖެއެކެވެ. އެއިރުގެ ދިވެހި ކާބަފައިންނަކީ މަސައްކަތްތެރި އީޖާދީ ބައެކެވެ.
މީގެ އެއްހާސް އެތައް އަހަރެއް ކުރިން މިސަރަހައްދުގެ ވިޔަފާރީގެ ތެރޭގައި އުޅުއްވި މަޝްހޫރު ސައްޔާހެއްކަމުގައިވާ ސުލައިމާނުއް ތާޖިރު ދިވެހީންނާ ބެހޭގޮތުން ލިޔުއްވާފައިވަނީ:
"ބުނެވޭ ބަހުގައިވެޔޭ މިރަށްތަކުގެ އަހުލުވެރީންނަށްވުރެ ވަކީން އުފެއްދުންތެރި ބަޔަކު އުފެދިފައި ނުވާކަމުގައި... އެބައިމީހުންނަކީ ގެދޮރު ބިނާކުޅައުމާއި އޮޑިދޯނިފަހަރު ބަނުމާއި އަދި މިނޫނަސް ހުރިހާ ބާވަތެއްގެ މަސައްކަތެއް އިންތިހާ ދަރަޖައިގެ ފަންނުވެރިކަމާއި އެކީގައި ކޮށްއުޅޭ ބައެކެވެ."
ފާރިސީ ވިޔަފާރިވެރިޔާ ސުލައިމާނުގެ މިބަސްކޮޅުން މީގެ އެއްހާސް އެތަކެއް ސަތޭކަ އަހަރު ކުރިން ދުނިޔޭގައި ދިވެހިންގެ ނަން އަޑުއަރާ އޮތްގޮތް ވަރަށް ޞަރީޙަކޮށް ފެނިގެންދެއެވެ. އޭނާ ބުނެފައިވާ ފަދަ އެހާމެ އުފެއްދުންތެރި އެހާމެ ފަންނުވެރި ޤައުމަކަށް ދިވެހީން ވެފައި އެވަނީ މިސަރަހައްދުގެ މުއްސަނދިކަމާ އަދި ވިޔަފާރީގެ ކާރޫބާރޫ ބޮޑުކަމުގެ ސަބަބުންނެވެ.
ދިވެހީންނަކީވެސް މިކަނޑުގެ ވިޔަފާރީގައި ޝާމިލުވެ ތިބި ބައެކެވެ. ކަހަނބުފަތާ ބޮއްޔާއި މާވަހަރާ ކަނޑުމަހާ އަދި ރޯނާ މޮޅު ފަށުއި ފޭރާން ފަދަ ތަކެތި އެކްސްޕޯޓު ކުރަމުން ގެންދިޔަ ޤައުމެކެވެ. އިހު އެވޭލާ ޒަމާންތަކުގައި ދިވެހިރާއްޖެ ފާހަގަވެފައި ވަނީ އެޒަމާނުގެ ދުނިޔޭގެ ވިޔަފާރީގެ ތެރޭގައި، އަގުބޮޑެތި މުދާ ބޭރު ކުރަމުންދިޔަ ޤައުމެއްގެ ގޮތުގައެވެ.
ޕޯޗުގީޒުންގެ ވާހަކަ ފެށެނީވެސް މި ސަރަހައްދުގެ މުއްސަނދި ވިޔަފާރީގެ ވާހަކައާ ގުޅިގެންނެވެ. މީލާދުން 15 ވަނަ ޤަރުނަށް ދުނިޔެ ފަރިކުރިއިރު، ވިލާތުގެ ވަރަށް ގިނަ ޤައުމުތަކުން ދިޔައީ އެބައިމީހުންގެ އަމިއްލަ އިގުތިސޯދީ ފައިދާއަށްޓަކައި، މި ކަނޑަށް ދަތުރުކުރާނެ މަގެއް ހޯދުމަށް ވާދަކުރަމުންނެވެ.
މި ވާދައިގެ ތެރޭގައި ކާމިޔާބު ހޯދީ ޕޯޗުގީޒު ދައުލަތުންނެވެ. އެއީ މީލާދުން 1498 ވަނަ އަހަރު ވަސްކޮޑަގާމާ އޭ ކިޔުނު ޝަޚުސިއްޔަތަކު، ކޭޕް އޮފް ގުޑު ހޯޕް ވަށާލި މަޝްހޫރު ދަތުރާ އެކީގައެވެ. އެއާއެކު ދެން ފެށިގެން ދިޔައީ މި ސަރަހައްދުގެ ޚަބަރުތައް އެއްކުރުމުގެ މަސައްކަތެވެ. މުއްސަނދި ދައުލަތްތަކާ ވިޔަފާރިއަށް މުހިންމު ވިޔަފާރީގެ ޤައުމުތަކަކީ ކޮބައިކަން ހޯދުމުގެ މަސައްކަތެވެ. އޮޑިފަހަރާއި ނައުފަހަރު ދަތުރުކުރާ ކޮނޑިއޮޅިތަކާ ކަނޑުގެ މަގުތައް ޗާޓުކުރުމުގެ މަސައްކަތެވެ.
މިގޮތުން އެދުވަސްވަރު ލިޔެފައިވާ ޕޯޗުގީޒު ލިޔުންތަކުންވެސް ދިވެހިރާއްޖޭގެ މުއްސަނދިކަމާ ތިޔާގިކަން ހާމަވެއެވެ. ދިވެހި ދައުލަތުގެ ނަފާވެރިކަން ފެނިގެންދެއެވެ. މީލާދުން 1500 ގެ އަހަރުތަކުގެ އެންމެ ކުރީކޮޅު ލިޔެފައިވާ ޕޯޗުގީޒު ލިޔުމެއްގައި ދިވެހިރާއްޖެއިން އެކުސްޕޯޓުކުރަމުން ދިވެހި ރޯނާ ބެހޭގޮތުން ލިޔެފައިވަނީ:
"މި ރޯނަކީ (އެބަހީ ރާއްޖޭގައި ވަށާ ރޯނަކީ) މުޅި އިންޑިޔާ ބައްރުގައި ބޭނުން ކުރަމުން އަންނަ ރޯނެކެވެ. ސަބަބަކީ މިޔަށްވުރެ ވަކީން މޮޅަށް ވަށާފައި ހުންނަ ރޯނެއް މިރަށްތަކުން (އެބަހީ ދިވެހިރާއްޖެއިން) ނޫނީ ނުލިބެއެވެ. އެއީ މޫދު ލޮނުގައި ހަލާކުވާ އެއްޗެއް ނޫނެވެ. އަދި އޭގެ ވިޔަފާރީގެ ފައިދާ މިރަށްތަކުގެ އަހުލުވެރީންނަށް އިންތިހާޔަށް ބޮޑުވެސްމެއެވެ. އެހެނީ އަހަރަކު އެއްފަހަރު ކަލިކަޓަށާއި ކެމްބޭ އަށް އަހަރު 15 ނަވާއި 12 ނަވާ ދެމެދު އަދަދަކަށް މިރަށްތަކުން ރޯނު ނޫން އެހެން އެއްވެސް އެއްޗެއް ނުލާ ބަރުކޮށްގެން އަންނަ ނައުފަހަރުތައް އާދެއެވެ."
ޕޯޗުގީޒުން މި ސަރަހައްދަށް އައި ދުވަސްވަރު، ރާއްޖޭގައި ފައިބާ ހުރި ފާރިސީއެއް ކަމުގައި ބާބާ ޢަބްދުﷲ ދިވެހިރާއްޖެ އާ ބެހޭގޮތުން ޕޯޗުގީޒު ރަސްގެފާނަށަށް ފޮނުއްވި ސިޓީފުޅަކުންވެސް އެދުވަސްވަރުގެ ރާއްޖެއަކީ ވިޔަފާރީގެ މައި މަރުކަޒެއްކަން ހާމަވެއެވެ. އޭނާ ލިޔުއްވަނީ:
"މިރަށްތައް އޮންނަނީ ވަރަށް ފައިދާބޮޑު ވިޔަފާރީގެ މަގެއްގައެވެ. (މިރަށްތަކަށް) ދުނިޔޭގެ ހުރިހާ ބަނދަރަކުންވެސް ބޯޓުފަހަރު އާދެއެވެ. އެންމެ ގިނައިން އަންނަނީ މެލަކާ (މެލޭޝިޔާގެ ޝަހަރެއް) މަރުތަބާން ޕެގޫ ( ބަރުމާގެ ޝަހަރެއް) ބެންގާލު ބަރުސް (އިންޑޮނީޝިޔާގެ ޝަހަރެއް) އިންޑިޔާ އަދި ހޮރުމޫޒުންނެވެ."
ޕޯޗުގީޒުން ދިވެހިރާއްޖެ ކޮންޓުރޯލު ކުރަން މަސައްކަތް ފެށި އެއް ސަބަބަކީ މި ވިޔަފާރި ކޮންޓުރޯލު ކުރުމެވެ. ހަމައެހެންމެ ދިވެހިރާއްޖެއިން ބޭރުކުރަމުން ދިޔަ ވިޔަފާރި މުދާވެސް ކޮންޓުރޯލު ކުރުމަށްޓަކައި، ވަކީން ޚާއްސަކޮށް މިރާއްޖޭގައި ވަށާ ރޯނު އެހެން ބަޔަކަށް ލިބުނަ ނުދީ ހިފެހެއްޓުމަށްޓަކައެވެ.
ހަމަ މި ދުވަސްވަރު ދިވެހިރާއްޖެއަށް އޮތީ ދެކުނު އިންޑިޔާގެ ކަންނަންނޫރުގެ ކަނޑުފޭރޭ މާމްއަލީގެ އުނދަގޫވެސް ވަރަށް ބޮޑުވެފައެވެ. އެބައިމީހުން ގެންދިޔައީ ދިވެހި ވިޔަފާރި ވެރިންނާ ބޭރަށް ދަތުރުކުރާ ދިވެހި އޮޑިފަހަރުތަކަށް އެކި ކަހަލަ އުނދަގުލާ ނުކުސާންތައް ޖައްސަމުންނެވެ. ޕޯޗުގީޒުން ރާއްޖޭގެ މައްޗަށް ނުފޫޒު ފޯރުވަން އެންމެ ފުރަތަމަ ބޭނުން ކުރީ ނުސީދާ ގޮތުން މާމްއަލީ މެދުވެރި ކުރުވައިގެން ރާއްޖެ ކޮންޓުރޯލު ކުރުމުގެ ސިޔާސަތެވެ.
މާމްއަލީގެ ފަރާތުން ދިވެހީންނަށް ކުރިމަތިވަމުން ދިޔަ އެތައް އުނދަގުލަކާ އަދި ދިވެހިރާއްޖޭގެ ރަސްކަމުގެ މައްޗަށް އޭނާ ދަޢުވާ އުފުލަމުން ދިޔަ ދިޔުމާއެކު، ދިވެހި ރާއްޖޭގެ ރަސްގެފާނުގެ ފަރާތްޕުޅުން ސީދާ ޕޯޗުގީޒުންގެ ގާތަށް ސަފިރުން ފޮނުއްވިއެވެ. ސަފީރުން މެދުވެރިކުރައްވާ އެއިރު ދިވެހި ތަޚުތުގައި އިންނެވި އައްސުލްޠާން މުޙައްމަދު ދަރުމަ ބޮވަނަ މަހާރަދުން ހުށައަޅުއްވާފައި ވަނީ ކަންނަންނޫރުގެ ކަނޑުފޭރޭ މާމްއަލީގެ އުނދަގުލުން ދިވެހި ރަށްތައް ސަލާމަތްކޮށްދެއްވުމަށެވެ. ބަދަލުގެ ގޮތުގައި ދިވެހިރާއްޖެއިން ރޯނުން ވެދުން ފޮނުވާނެކަމަށާއި އަދި އެބައިމީހުންގެ ކޯއްޓޭއެއް މާލެގައި ހެދުމަށް ހުއްދަ ދިނުން ހިމެނެއެވެ.
މިގޮތުން ކުރެވުނު މުއާމަލާތްތަކެއްގެ ދަށުން އެއިރު ރަސްކަމުގައި އިންނެވި ސްރީ ދަންމަރު ބޮވަނަ މަހާރަދުނަވި ކަޅު މުހައްމަދު ރަސްގެފާނުގެ ކިބައިން ކޯއްޓޭއެއް ބިނާކުރުމަށް ހުއްދައަށްވެސް އެދުނެވެ. ރާއްޖޭގެ ރަދުންގެ ހުއްދަ ވިދާޅު ބަސްފުޅާއެކު 1518 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އައެވެ.
ކަޅު މުހައްމަދު ރަސްގެފާނުގެ ޒަމާނުން ފެށިގެން އެރަދުންގެ ކާފަ ދަރިކަލުން ނުވަވަނަ ޙަސަން ރަސްގެފާނުގެ ދުވަސްވަރާއި ހަމަޔަށް ރާއްޖެ އޮތީ ޕޯޗުގީޒުންނަށް ވެދުން ފޮނުވަމުން ދިޔަ ދައުލަތެއްގެ ގޮތުގައެވެ. ޕޯޗުގީޒުންނާ ދިވެހީންނާ ދެމެދު ފިތުނަ އުފެދި އެކަން ހަނގުރާމައަކަށް ބަދަލުވެގެން ދިޔައީ 1550 ގައި ދިވެހި ތަޚުތުގައި އިންނެވި ނުވަވަނަ ހަސަން ރަސްގެފާނުގެ އަމަލުފުޅުތަކެއްގެ ސަބަބުންނެވެ. މިއީ ދިވެހި ތާރީޚުގައި މަޝްހޫރު ކާފަރުވި ނުވަވަނަ ޙަސަން ރަސްގެފާނެވެ. މި ރަސްގެފާނު ތަޚުތުގައި ދެއަހަރެއްހައި ދުވަހު އިންނެވުމަށްފަހު، ސިއްރިއްޔާތުގައި މާލެއިން ފުރާވަޑައިގެން ޕޯޗުގީޒުންގެ ގާތަށް ކޮއްޗޭއަށް ވަޑައިގެންނެވިއެވެ.
ޙަސަން ރަސްގެފާނު ރާއްޖެ ދޫކުރައްވާ ކޮއްޗޭއަށް ވަޑައިގެން ޣައިރު ދީނަށް އެނބުރި ވަޑައިގެންނެވުމުން ދިވެހި ތަޚުތައް އައު ރަސްކަލަކު އިސްކުރެވުނެވެ. އެހެންނަމަވެސް ގެއްލުނު ވެރިކަން އަލުން ހޯދަން ކާފަރުވި ހަސަން ރަސްގެފާނު މީލާދުން 1556 ވަނަ އަހަރު ޕޯޗުގީޒު ޝާހީ ސަރުކާރުގެ މަތީ މަޖިލީހެއްކަމަށްވާ ބޯޑް އޮފް ކޮންސިއެންސް އެންޑު އޯޑަރ އަށް ފަތްކޮޅެއް ފޮނުއްވިއެވެ.
މި ފަތްކޮޅުގައި ޙަސަން ރަސްގެފާނު އެދިވަޑައިގެންފައި ވަނީ މާލެ ހިފައި ދިނުމަށާއި، އޭގެ ބަދަލެއްގެ ގޮތުން ދިވެހިރާއްޖެއިން ޕޯޒުގީޒުންނަށް ގާތްގަނޑަކަށް 100 ޓަނުގެ ރޯނު އަހަރު އެއްފަހަރު ފޮނުވާނެކަމަށެވެ. މި ހަސަން ރަސްގެފާނުގެ ކާފާފުޅު ކަޅު މުހައްމަދު ރަސްގެފާނުގެ ރަސްކަމުން ފެށިގެން ދިވެހިރާއްޖެއަކީ ޕޯޗުގީޒުންނަށް ވެދުން ފޮނުވައިގެން އޮތް ދައުލަތެވެ. މިހެންކަމުން މިކަމަށް ބަދަލެއް އަތުވެދާނެކަމަށް ވިސްނި، އަދި ދިވެހި ކަނޑުއޮޅިތައް އެބައިމީހުންގެ ބާރުގެ ދަށުން ގެއްލިދާނެކަމަށް ޕޯޗުގީޒުންނަށް ބިރުހީވާން ފެށިއެވެ.
ކާފަރުވި ރަސްގެފާނުގެ އެދުމުގެ މަތީން އަދި އެބައިމީހުންގެ އަމިއްލަ މަސްލަހަތާއިވެސް އެކު، ދިވެހިރާއްޖެ އާ ހަނގުރާމައަށް ތިން ފަހަރެއްގެ މަތީން ހަނގުރާމަ މަތީ އަރުމާޒުތައް ޕޯޗުގީޒުން ފޮނުވިއެވެ. ދިވެހިރާއްޖެ ހިފުނީ މީލާދުން 1558 ވަނަ އަހަރު ޑޮމް މަނުއަލް ދަ ސިލްވެއިރާ ގެ ކޮމާންޑު ދަށުގައި އައި ލަޝްކަރަށެވެ. ދިވެހީންނާ ޕޯޗުގީޒުންނާ ހަނގުރާމަކޮށް އެއިރު ދިވެހިރަސްކަމުގެ ތަޚުތުގައި އިންނެވި 6 ވަނަ އަލި ރަސްގެފާނު ޝަހީދުކޮށްފައި ދިވެހީންގެ ގަދީމީ ވެރިރަށް ފުރަމާލެ އެބައިމީހުން ހިފިއެވެ.
ދިވެހިތާރީޚުގައި މި ވާހަކަ ލިޔެވިފައި ވަނީ އަންނަނިވި ފަދައިން:
"ދެން ފަހެ މި ފަރަންޖީންތައް ހަތިޔާރުތަކާއި ބަޑިތައް ހިފައިގެން މާލޭގެ ހުޅަނގުފަރާތަށް ފައިބައްޖައޫ. އެހިނދު އަލި ރަސްގެފާނު ކަނޑި އާއި ދުނިދަނޑި އާއި ތީރު އެޅި ބޮޑު ލަޝްކަރަކައިގެން ފަރަންޖީންތަކާއި ހަނގުރާމައަށް ނިކުމެވަޑައިގެންފޫ. އެއިރު ޢަލި ރަސްގެފާނު ހުންނެވީ ކަނޑި އައްޑަނަ ހިއްޕަވައިގެން ލަޝްކަރުގެ އެންމެ ކުރިޔަށް ނިކުންނަވާ. ދެން ފަހެ ޢަލި ރަސްގެފާނު ޢީދު މިސްކިތް ހުރި ހިސާބަށް ކައިރިވެވަޑައިގެންފާ އެރަސްގެފާނުގެ ލަޝްކަރާ ދިމާއަށް އެނބުރި ފަސް ބައްލަވާ ލެއްވި އިރު އެއިރު އެބައިމީހުން ދުވެ ފިލަނީ. އެރަސްގެފާނުގެ އަރިހުގައި ހިތްވަރާއި އެކު ސާބިތުވެ ތިބީ ބޮޑުވަޒީރާއި ޚާދިމުންކުރެ މީހަކު. އެހިނދު ހިތްވަރުފުޅު ގަދަ މި ރަސްގެފާނު އަރިހުގައި ތިބި ދެ ފަހުލަވާނުންނާއި އެކު ޢަދާވާތްތެރި ބޮޑުވެގެންވާ ލަޝްކަރުގެ ކުރިމައްޗަށް ނިކުމެވަޑައިގެންނެވި. ދެންފަހެ އެބައިމީހުން އެމީހުންގެ އަތުހުރި ބަޑިތަކުގެ އުންޑަތަށް ވިއްސާރަ ވިލާގަނޑަކުން ވާރޭވެހޭ ފަދައިން ވިއްސާން ފަށައިފޫ. ދުޝްމަނުން ފޮނުއްވަމުން ދިޔަ އުއްޑަތަކުން ކުރެ އުއްޑައެއް އަލި ރަސްގެފާނުގެ ހަށިކޮޅަށް އަރައިގެން މި ރަސްގެފާނު ޝަހީދުވެއްޖައޫ. ވަފާތެރި ވަޒީރާއި ޚާދިމުވެސް ދުޝްމަނުންގެ އުންޑަތަކުގެ ޝިކާރަޔަކަށްވެ ޝަހީދުވެއްޖައޫ."
އާދެ! ޢަލި ރަސްގެފާނު ޝަހީދުވުމާއެކު ދިވެހިރާއްޖޭގެ ވެރިކަން ޕޯޗުގީޒުންގެ އަތްދަށުގައި ހުންނެވި ކާފަރުވި ހަސަން ރަސްގެފާނުގެ ނަންފުޅު މައްޗަށް އަނބުރައިގެން ދިވެހިރާއްޖެ އެބައިމީހުންގެ ފުރިހަމަ ކޮންޓުރޯލުގެ ދަށަށް ގެންދެވުނެވެ. މިހިސާބުން ދިވެހި ކަނޑުއޮޅިތަކާ ދިވެހިރާއްޖޭގެ ވިޔަފާރި މުދަލަކީ އެބައިމީހުންގެ ތަންތަނަކާއި ތަކެއްޗަށްވެގެން ދިޔައެވެ.
ދެން ދިވެހި ޤައުމު ދުށީ އަނދިރި ދުވަސްތަކެކެވެ. މިނިވަންކަމާއެކު ވިހުރެމުން ދިޔަ ދިވެހީންގެ ރަތްދިދައަށް އިރުއޮއްސިގެން ދިޔަ، ޒަމާންވީ މުސްތަޤިއްލުކަމަށް އަލްވިދާޢު ކިޔަން ޖެހުނެވެ. މާތްވެގެންވާ ދީނާއި އަމިއްލަ ވެރިކަން ބީވެގެން ދާން ފެށިއެވެ. މި ހިތްދަތި ކަޅު އަނދިރިކަމުގައި، 16 އަހަރާއި 11 މަސް ދިވެހީން ހޭދަކުރަން ޖެހުނެވެ.
ޝައްކެއްވެސްނެތް! ޢަލި ރަސްގެފާނަކީ ހިތްވަރުފުޅު ގަދަ ފަހުލަވާނެކެވެ. ދިވެހީން އަބަދުވެސް ފަޚުރުވެރިވާނެ ބަޠަލެކެވެ. އެއީ މުޅި މި ސަރަހައްދަށް ކުރިމަތިވި އިސްތިޢުމާރާ ދެކޮޅަށް ހިތްވަރުފުޅު ދައްކަވަމުން ނިކުންނެވި ދިވެހީންގެ ބަޠަލެވެ. ދުވަހަކުވެސް ދިވެހި އުޑުދަށުގައި އެނަންފުޅު ފަނޑުވުމެއް ނެތެވެ.