ޚަބަރު

އިންޑިއާއިން ރާއްޖެއަށް ބައިލައްކައަށްވުރެ ގިނަ ފަތުރުވެރިން


  • އިންޑިއާއަކީ ރާއްޖެއަށް 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމު

  • އެންމެ ގިނަ ފަތުރުވެރިން އަންނަނީ ޗައިނާއިން

މިއަހަރުގެ މިހާތަނަށް އިންޑިއާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ބައިލައްކައިން މައްޗަށް އަރައިފިއެވެ. އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މިވަގުތު 6 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ޤައުމެވެ.

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިއަހަރުގެ މިހާތަނަށް ރާއްޖެއަށް 1،036،558 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރާއި އަޅާބަލާއިރު %5 ދަށްވުމެކެވެ.

އިންޑިއާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި މުހިންމު މާކެޓެކެވެ. މިއަހަރުގެ މިހާތަނަށް އިންޑިއާ އޮތީ 6 ވަނައިގައެވެ. ރާއްޖޭގެ ފަތުރުވެރިކަމުގައި އިންޑިއާ 1ވަނައިގަވެސް އޮތެވެ. އިންޑިއާ މާކެޓާއި އަދި އެނޫންވެސް މުހިންމު މާކެޓްތަކުގައި ރާއްޖެ އިޝްތިހާރުކުރުމުގެ މަސައްކަތް ވިޒިޓް މޯލްޑިވްސްއިން އަންނަނީ ކުރަމުންނެވެ.

މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް އިންޑިއާ ހިމެނެނީ ރާއްޖެއަށް 6ވަނަ އަށް އެންމެ ގިނަ ފަތުރުވެރިން އައި ގައުމުގެ ގޮތުގައެވެ. އެއީ 60،515 ފަތުރުވެރިންނެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި އިންޑިއާއިން އައިސްފައިވަނީ 64،147 ފަތުރުވެރިންނެވެ.

އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި 3 ޤައުމު:

* ޗައިނާ - 162،305 ފަތުރުވެރިން
* ރަޝިއާ - 144،552 ފަތުރުވެރިން
* އިނގިރޭސިވިލާތް - 84،787 ފަތުރުވެރިން

ރާއްޖެއައި ފަތުރުވެރިންގެ ތެރެއިން އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. އެއީ %71.8 މީހުންނެވެ.

ފަތުރުވެރިން ޗުއްޓީ ހޭދަކޮށްފައިވާ ތަންތަން:

* ރިސޯޓް: 727،709 ފަތުރުވެރިން
* ގެސްޓްހައުސް: 238،417 ފަތުރުވެރިން
* ހޮޓެލް: 24،978 ފަތުރުވެރިން
* ސަފާރީ: 21،008 ފަތުރުވެރިން

ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު ރާއްޖެއަށް އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 5000 އަށްވުރެ ގިނަ ފަތުރުވެރިން އާދެއެވެ. އަދި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި 1290 ތަނެއް ވަނީ ހުޅުވާފައެވެ.