ގަލްފު ސަރަޙައްދުގައި އީރާނާއި އެމެރިކާއިން ދެމުންދާ ޙަމަލާތައް އަލުން ވަރުގަދަކުރުމާއެކު ސުލްޙައިގެ އެއްބަސްވުން ނުރައްކަލެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. ދެ ޤައުމުން ވެސް ދަނީ މީގެ ދެ ހަފުތާ ކުރިން ސޮއިކުރި އިބުތިދާއީ ސުލްޙައިގެ އެއްބަސްވުމާ ޚިލާފުވެފައިވާ ކަމުގެ ތުހުމަތު އެއް ބަޔަކު އަނެއް ބަޔަކަށް ކުރަމުންނެވެ. އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އަސްކަރީ ބާރުގެ ބޭނުންކޮށްގެން ހަނގުރާމަ ނިމުމަކަށް ގެންވާނެ ކަމުގެ އިންޒާރު ދެއްވިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި، އީރާނުން ވަނީ ކުވަޔިތާއި ބަޙްރައިންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް މިސައިލާއި ޑްރޯން ބޭނުންކޮށްގެން ޙަމަލާދީފައެވެ. މިއާއެކު، ހަނގުރާމަ ނިންމުމަށް އެކުލަވައިލި އެއްބަސްވުން މިހާރު އޮތީ ވަރަށް ނާޒުކު ފައްތަރެއްގައެވެ.
އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުން (އައިއާރްޖީސީ) ބުނީ، މިއީ އެމެރިކާގެ ޙަމަލާތަކަށް ދިން ރައްދެއް ކަމުގައެވެ. އެމެރިކާގެ އަސްކަރިއްޔާގެ ސެންޓްރަލް ކޮމާންޑުން (ސެންޓްކޮމް) ބުނީ، ޖޫން 27 ވަނަ ދުވަހު ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ތެޔޮ އުފުލާ ބޯޓަކަށް އީރާނުގެ ޑްރޯން ޙަމަލާއެއް ދިނުމާ ގުޅިގެން، އެ ޤައުމުގެ އަސްކަރީ މަރުކަޒުތަކަށް ރައްދު ޙަމަލާދީފައިވާނެ ކަމުގައެވެ. އެމެރިކާގެ ޙަމަލާތަކާ ގުޅިގެން ސިރީކް ސަރަޙައްދުން ގޮވުންތަކެއްގެ އަޑު އިވުނުކަމުގައި އީރާންގެ ދައުލަތުގެ މީޑިއާ، އައިއާރްއައިބީން ބުނާއިރު، އީރާންގެ ރައްދު ޙަމަލާތަކާ ގުޅިގެން ބަޙްރައިނުން ވަނީ އީރާނު ޒިންމާދާރުކުރުވުމަށް އެކުވެރި ދައުލަތްތަކުގެ (އދ) ސަލާމަތީ މަޖިލީހުގެ ކުއްލި ބައްދަލުވުމަކަށް ގޮވައިލާފައެވެ.
ފެބުރުވަރީ 28 ގައި ފެށި ޣައިރުޤާނޫނީ ހަނގުރާމަ ހުއްޓުވުމަށް އެކުލަވައިލި ސުލްހައިގެ އެއްބަސްވުމުގެ ދަށުން ސްވިޓްޒަލެންޑުގައި އެމެރިކާއާއި އީރާނާ ދެމެދު މުހިންމު މަޝްވަރާތަކެއް ބޭއްވުނެވެ. އަދި، އެއީ ވަރަށް ކާމިޔާބު ވާހަކަތަކެއްގެ ގޮތުގައި ދެ ފަރާތުން ވެސް ވަނީ ސިފަކޮށްފައެވެ. އެއަށްފަހު އެމެރިކާއިން ދަތިކުރުމުގެ ފިޔަވަޅުތަކުން ލުއި ދިން ނަމަވެސް، މަސްރަޙު ވަނީ އަލުން ގޯސްވެފައެވެ. ހުރްމުޒް ކަނޑުއޮޅި ބަންދުކުރުމުގެ ސަބަބުން އެ ސަަރަޙައްދުގައި އެތައް ސަތޭކަ އުޅަނދު ތާށިވެފައިވާއިރު، ފާއިތުވި ދެ ހަފުތާގައި ބޯޓުތައް ދަތުރުކުރަން ފެށުމާއެކު ތެލުގެ އަގު ވަނީ ހަނގުރާމައިގެ ކުރިން ހުރި މިންވަރަށް ދަށަށް ގޮސްފައެވެ.
އީރާނާއި އެމެރިކާއިން އަލުން ޙަމަލާ ބަދަލުކުރަން ފަށާފައިވާއިރު، ޔަހޫދީ އިސްތިޢުމާރީ ފައުޖުން ވެސް ވަނީ ލުބްނާންގެ ނަބަޠިއްޔާ ސަރަޙައްދަށް ނިރުބަވެރި ޙަމަލާތަކެއް ދީފައެވެ. އެއީ، މުޖާހިދުންގެ ޖަމާޢަތް، ޙިޒްބުالله އަށް އަމާޒުކޮށް ދީފައިވާ ޙަމަލާތަކެއް ކަމުގައި ޔަހޫދީން ބުނެއެވެ. އީރާނުން ބުނީ، ލުބްނާންގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށް ވެފައިވާ ވަޢުދާ އެމެރިކާއިން ޚިލާފުވަމުންދާ ކަމުގައެވެ. އީރާން-އެމެރިކާ އެއްބަސްވުން ފޭލުކޮށްލުމުގެ ނިޔަތުގައި ހިންގެން އޮތް ހުރިހާ ޖަރީމާއެއް ޔަހޫދީން ހިންގާނެ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ. ލުބްނާންގެ ދެކުނުގެ ބިންތަކުން ފޭބުމަށް ޔަހޫދީ ސިފައިން އިންކާރު ކުރަމުންދާއިރު، ޙިޒްބުالله އިން ބުނީ ޔަހޫދީ ސިފައިން އެ ބިންތަކުގައި ތިބިހާ ހިނދަކު ހަތިޔާރު ނުބަހައްޓާނެ ކަމަށެވެ.