ޚަބަރު

މަދަނީ ޖަމުޢިއްޔާތަކަށް ދޫކުރާ ގްރާންޓަށް ހުޅުވާލައިފި


  • ސިއްޙީ ވުޒާރާ އާއި އޭޑީބީ ގުޅިގެން ދޫކުރާ މިިއެހީ އަމާޒުކުރަނީ މައިގަނޑު ދެ ދާއިރާއަކަށް

  • ގެވެށި އަނިޔާ ހުއްޓުވުމުގެ ދާއިރާއިން 1.15 މިލިޔަން ރުފިޔާގެ ގްރާންޓް

  • އިސްރަށްވެހިންގެ ދުޅަހެޔޮކަމާ ގުޅޭ ދާއިރާއިން 925,000 ރުފިޔާގެ ގްރާންޓް

ޞިއްހަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް، އޭޑީބީއާ ގުޅިގެން ކުރިއަށްގެންދާ "ސްޓްރެންތެނިންގ ޖެންޑަރ އިންކްލޫސިވް އިނިޝިއޭޓިވްސް" އެސްޖީއައިއައި މަޝްރޫޢުގެ ދަށުން، މަދަނީ ޖަމުޢިއްޔާތަކަށް ހުޅުވާލާ ގްރާންޓް ޕްރޮގްރާމަށް ޝައުގުވެރިކަން ފާޅުކުރުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މި ގްރާންޓް ޕްރޮގްރާމްގެ މައިގަނޑު މަޤްޞަދަކީ "މިންތީގެ ހަމަހަމަކަން ޤާއިމުކުރުމުގެ ޤައުމީ އެކްޝަން ޕްލޭން (2022-2026)" އާއި "އުމުރުން ދުވަސްވީ މީހުންގެ ޤައުމީ ސިޔާސަތު (2025-2028)" ގައި ކަނޑައަޅާފައިވާ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް، މަދަނީ ޖަމުޢިއްޔާތަކުން އިސްނަގައިގެން ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ގުޅިގެން އައު މަޝްރޫޢުތައް ފެށުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ގްރާންޓް ޕްރޮގްރާމެކެވެ.

މި ގްރާންޓު ޕްރޮގްރާމުގެ ދަށުން އެހީ ދޫކުރެވޭނީ ޖަމުޢިއްޔާތަކާބެހޭ ޤާނޫނުގެ ދަށުން ރަޖިސްޓަރީވެ، އެ ޤާނޫނާއި ޤަވާއިދުތަކާ އެއްގޮތަށް ހިންގަމުންދާ މަދަނީ ޖަމުޢިއްޔާތަށް ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އަދި ޕްރޮގްރާމްތައް ހިންގުމުގައި މަދަނީ ޖަމުޢިއްޔާތަކަށް، ސިޓީ ނުވަތަ ރަށު ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިތުރުން އެހެނިހެން މަދަނީ ޖަމުޢިއްޔާތަކާއި ގުޅިގެން ޕާޓްނަރޝިޕް އުސޫލުން މަސައްކަތް ކުރުމުގެ ފުރުސަތުވެސް ހުޅުވާލެވިފައިވާކަމަށް ވިދާޅުވިއެވެ.

މި އެހީ އަމާޒުކުރެވިފައިވަނީ މައިގަނޑު ދެ ދާއިރާއަކަށް ކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ. އެއީ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާއާއި އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއެވެ.

ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ ހުއްޓުވުމުގެ ދާއިރާ ޚާއްސަކުރެވިފައިވަނީ މާލެ ސިޓީ، އައްޑޫ ސިޓީ އަދި ރ. އަތޮޅުގައި ހިންގާ މަޝްރޫޢުތަކަށެވެ. މި ދާއިރާއިން ހިލޭ އެހީ ދޫކުރާނެ އެންމެ މަތީ އަދަދެއް ކަމަށް ކަނޑައަޅާފައިވަނީ 1,156,500 ރުފިޔާއެވެ.

އިސްރަށްވެހިންގެ ދުޅަހެޔޮކަމާއި ލާބައަށް މަސައްކަތްކުރާ ދާއިރާއިން ޕްރޮޕޯސަލް ހުށަހެޅުން ރާއްޖޭގެ ކޮންމެ ރަށެއްގައި މަސައްކަތްކުރާ ޖަމިއްޔާއަކަށްވެސް ވަނީ ހުޅުވާލާފައެވެ. މި ދާއިރާއިން ހިލޭ އެހީ ދޫކުރާނެ އެންމެ މަތީ އަދަދެއް ކަމަށް ކަނޑައަޅާފައިވަނީ 925,000 ރުފިޔާއެވެ.

ގްރާންޓަށް އެދި ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވަނީ އަންނަ ޖުލައި މަހުގެ 8ވަނަ ދުވަހުގެ މެންދުރު 2:00 އާ ހަމައަށެވެ.