ޚަބަރު

ވީއައިއޭގައި ކުއްލި ޙާލަތުގައި ޢަމަލުކުރާނެ އުޞޫލު ވަރުގަދަކުރަނީ


  • 3 އިދާރާއަކާއެކު އެއްބަސްވުން ޤާއިމުކޮށްފައިވޭ

  • މުއައްސަސާއެއްގެ ދައުރު ސާފުކޮށް ކަނޑައެޅޭނެ

އެއަރޕޯޓުގައި ކުއްލި ޙާލަތްތަކުގައި ޢަމަލުކުރާނެ ގޮތުގެ އުސޫލު ވަރުގަދަކުރުމަށް ޤައުމީ މުހިންމު އިދާރާތަކާއެކު އެމްއޭސީއެލްއިން ފަހުމުނާމާތަކުގައި ސޮއިކޮށްފިއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ކާރިސާތަކާއި ކުއްލި ހާލަތްތައް މެނޭޖްކުރުމުގެ ޤާބިލުކަން އިތުރުކުރުމުގެ ގޮތުން މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް، އެމްއޭސީއެލްއިން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ، އެންޑީއެމްއޭއާއި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސް، އެމްއެމްއެސް އަދި މޯލްޑިވްސް ރެޑް ކްރެސެންޓް، އެމްއާރްސީއާއެކު ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ.

މިކަމަށްޓަކައި ހުޅުލޭ އައިލެންޑް ހޮޓެލުގައި "އެއަރޕޯޓް ކްރައިސިސް މެނޭޖްމަންޓް"ގެ ނަމުގައި ބޭއްވި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދާއި، އެންވަޔަރަންމަންޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ އިބްރާހީމް މިމްރާހުގެ އިތުރުން އެ ކުންފުނީގެ އިސްވެރިންނާއި، ކަމާގުޅޭ މުއައްސަސާތަކުގެ މަންދޫބުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ފަހުމުނާމާތަކުގެ ސަބަބުން ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އެއަރޕޯޓުން ވެފައިވާ ތައްޔާރީތައް އިތުރަށް ހަރުދަނާ ވެގެންދާނެ ކަމަށް އެމްއޭސީއެލްއިން ވިދާޅުވެއެވެ. އަދި ރާއްޖޭގެ މައި އެއަރޕޯޓުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ހުރިހާ އިދާރާތަކެއް ގުޅިގެން މަސައްކަތް ކުރުމާއި، މުޢާމަލާތް ކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަކީ ކޮންމެހެން ކުރަން ޖެހިފައިވާ މަސައްކަތެއް ކަމަށްވެސް ވިދާޅުވިއެވެ.

މި ފަހުމުނާމާތަކުގެ ދަށުން އެމްއޭސީއެލްއާއި އެހެނިހެން އިދާރާތަކާ ދެމެދު ޚާއްސަ އޮނިގަނޑެއްގެ ތެރެއިން ރަސްމީކޮށް އެއްބާރުލުން ދިނުމަށް މަގުފަހިވެގެންދާނެއެވެ. މީގެ ތެރޭގައި ކޮންމެ މުއައްސަސާއެއްގެ ދައުރު ސާފުކޮށް ކަނޑައެޅުމާއި، ކުއްލި ހާލަތްތަކުގައި ގުޅިގެން ހަރަކާތްތެރިވާނެ ގޮތުގެ ތަމްރީނުތަކާއި ސިމިއުލޭޝަންތައް ހިންގުންވެސް ހިމެނެއެވެ.

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަކީ މިފަދަ ހާލަތްތަކަށް ތައްޔާރުވެފައިވާ، ރައްކާތެރި ތަނެއްގެ ގޮތުގައި ދެމެހެއްޓުމަށް އެމްއޭސީއެލްއިން އަބަދުވެސް މަސައްކަތް ކުރަމުންދާނެ ކަމުގެ ޔަޤީންކަން އެމްއޭސީއެލްއިން ވަނީ ދެއްވާފައެވެ.