ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުން ނިންމާލައިފިއެވެ. ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތީގެ ގުރުއަތުލުން ކުރިއަށްގެންގޮސްފައިވަނީ ކަލާފާނު ސްކޫލުގައެވެ.
ގޯތިތަކުގެ ގުރުއަތު އަލުން ނެގީ ހުޅުމާލޭގެ މާސްޓަރ ޕްލޭނަށް ގެނެވުނު ބަދަލާއި، ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ގެނެވުނު ބަދަލާއެކު ބިންވެރިޔާ ސްކީމްގެ ދަށުން ކުރިން ހުޅުމާލެ ތިންވަނަ ފިޔަވަހިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސްފައިވުމުން، އައު ލޮޓް ނަންބަރެއް ކަނޑައެޅުމަށެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން 698 ގޯތި ވަނީ ދޫކޮށްފައެވެ. އެގޮތުން 3 ވަނަ ފިޔަވަހިން 7 ސައިޒެއްގެ 698 ގޯތީގެ ގުރުއަތުލުން ވަނީ ކުރިއަށް ގެންގޮސްފައެވެ.
- 1650 އަކަފޫޓުގެ 181 ގޯތި
- 2050 އަކަފޫޓުގެ 242 ގޯތި
- 2450 އަކަފޫޓުގެ 132 ގޯތި
- 2850 އަކަފޫޓުގެ 62 ގޯތި
- 3250 އަކަފޫޓުގެ 41 ގޯތި
- 3650އަކަފޫޓުގެ 16 ގޯތި
- 4000 އަކަފޫޓުގެ 24 ގޯތި
ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވިދާޅުވީ ގުރުއަތު ނިމުމުން، ގޯތި ޙަވާލުކުރުމުގެ އެއްބަސްވުމުގެ ސޮއިކުރުމާއި ގޯތީގެ ރަޖިސްޓަރީ ޙަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދާނެ ގޮތުގެ މަޢުލޫމާތު ފަހުން އާންމުކުރާނެކަމަށެވެ.
މިދިޔަ އަހަރުގެ ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭން ތައްޔާރުކުރެވިފައިވާ ގޮތުން، މިހާރު ބޭނުން ކުރަމުންދާ ބަނދަރުގައި މިވަގުތަށް ބޭނުންވާ އަދި މުސްތަޤުބަލުގައި އުޅަނދުފަހަރު ބަނދަރުކުރުމަށް އެކަށީގެންވާ ޖާގަ ނެތުމާއި ހުޅުމާލެ ދެ ފިޔަވައި ވަކިވާގޮތަށް ޕްލޭން ކުރެވިފައިވުމުން، ފެނާއި ނަރުދަމާ އަދި ކަރަންޓު ފަދަ އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ދަތިތައް ދިމާވާނެތީއާއި ތިންވަނަ ފިޔަވަހި އަބާދުކުރުމަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ގިނަ ގޮންޖެހުންތަކެއް ކުރިމަތިވާނެއެވެ.
މިކަމާއި ގުޅިގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު ގެނެސް، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާގެ މަތީން ހުޅުމާލެ ތިންވަނަ ފިޔަވަހި ހިމެނޭގޮތަށް މުޅި ހުޅުމާލޭގެ އައު މާސްޓަރ ޕްލޭނެއްވަނީ އެކުލަވާލާފައެވެ.
ހުޅުމާލެ 3 ވަނަ ފިޔަވަހިން ގޯތި ދިނުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ބިން ހިއްކުމުގެ މަސައްކަތްވެސް އަންނަނީ ކުރަމުންނެވެ. އެގޮތުން ޖުމްލަ 63 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު މިހާތަނަށް 30 ހެކްޓަރަށްވުރެ ބޮޑަށް ބައެއްވަނީ ހިއްކާފައެވެ.