ސްޕެއިނުން ރާއްޖެއަށް ބައި ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފިއެވެ. ސްޕެއިނަކީ މިހާރު ރާއްޖެއަށް 9 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖެއަށް މިހާތަނަށް 2،080،134 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %10.1 އިތުރު އަދަދެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން އަހަރުގެ މިހާތަނަށް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ފަތުރުވެރިން އަންނަ 10 މާކެޓްގެ ތެރޭގައި ސްޕެއިން ހިމެނެއެވެ. އެ ޤައުމުން ރާއްޖެއަށް 51،988 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.
ސްޕެއިންއަކީ މިހާރު ރާއްޖޭގެ ފަތުރުވެރިކަމުގައި ކުރިއަރަމުން އަންނަ މާކެޓެކެވެ. މިދިޔަ އަހަރު ނިމުނުއިރުވެސް ސްޕެއިން ހިމެނެނީ ރާއްޖެއަށް 9 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން އައި ޤައުމުގެ ގޮތުގައެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތައް ދައްކާގޮތުން މިހާރު އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް ރާއްޖެއަށް 6،453 ފަތުރުވެރިން އާދެއެވެ.
• ޗައިނާ: 318،032 ފަތުރުވެރިން
• ރަޝިއާ: 260،416 ފަތުރުވެރިން
• އިނގިރޭސިވިލާތް: 186،762 ފަތުރުވެރިން
ރާއްޖޭގައި މިވަގުތު ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށްޓަކައި މުޅި ޖުމްލަ 1315 ތަނެއް ވަނީ ހުޅުވާފައެވެ. މީގެތެރޭގައި ރިސޯޓް، ހޮޓެލް، ހެސްޓްހައުސް އަދި ސަފާރީ އުޅަނދުތައް ހިމެނެއެވެ.