ޚަބަރު

ނޭޕާލް ކާރިސާގައި ގެއްލުނު 5،000 މީހުން ހޯދުން ހުއްޓާލައިފި


ނޭޕާލަށް އޮގަސްޓު މަހު ކުރިމަތިވި ފެންބޮޑުވުމުގެ ކާރިސާގައި ގެއްލުނު މީހުން ހޯދުމުގެ އޮޕަރޭޝަން މިހާރު ހުއްޓާލާފައިވާ ކަމަށް އެ ޤައުމުގެ އޮފިޝަލުން ހާމަކުރައްވިފިއެވެ. އޮގަސްޓު 26 ވަނަ ދުވަހު ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ސަރަޙައްދުން ފެށިގެން އައި މި ފެންބޮޑުވުމުގައި ގާތްގަނޑަކަށް 1,455 މީހުން ވަނީ މަރުވެފައެވެ. މީގެ އިތުރުން 5,285 މީހުން އަދިވެސް ގެއްލިފައިވާއިރު، 13,795 މީހުން ވަނީ ސަލާމަތްކުރެވިފައެވެ.

ނޭޕާލްގެ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގެ ވެރިޔާ ޕޮނިންދްރަ ޕައިޑޭލް ވިދާޅުވީ، ކަމާބެހޭ ފަރާތްތަކުން މިހާރު މަސައްކަތް ކުރަމުންދަނީ މީހުން ހޯދުމާއި ސަލާމަތްކުރުމުގެ މަރުޙަލާއިން، އާބާދުކުރުމުގެ މަރުޙަލާއަށް ބަދަލުވުމަށް ކަމުގައެވެ. ޢާއިލާތަކަށް އިންޝުއަރެންސާއި ބޭންކިންގ އަދި ޤާނޫނީ އެހެނިހެން ކަންކަން ފުރިހަމަކުރުމުގެ ފުރުސަތު ދިނުމަށް ޓަކައި، ގެއްލިފައިވާ މީހުން މަރުވެފައިވާކަމަށް ޤާނޫނީ ގޮތުން ކަނޑައެޅޭނެ ގޮތްތަކާމެދު ވިސްނަމުންދާ ކަމަށާއި، އެ ކަމަށް ބޭނުންވާ ޤާނޫނީ ކަންކަން ފުރިހަމަކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އެ ޤައުމުގެ ނޭޝަނަލް ޑިޒާސްޓަރ ރިސްކް ރިޑަކްޝަން އެންޑް މެނޭޖްމަންޓް އޮތޯރިޓީގެ ވެރިޔާ ދަރްމަ ރާޖް އުޕްރޭދީ ވިދާޅުވީ، މަރުވެފައިވާ މީހުންގެ ހަށިތައް ހޯދުމަށް ދެން އިތުރަށް މަސައްކަތް ނުކުރާނެ ކަމުގައެވެ. ނަމަވެސް، އާބާދުކުރުމުގެ މަސައްކަތުގެ ތެރެއިން ފެންނަ ހަށިތަކާއި މުދާ ފަދަ ތަކެތި ނަގާނެ ކަމުގައި އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ބޭނުންޖެހިއްޖެ ޙާލަތެއްގައި ކުއްލި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އަދިވެސް ކުރިއަށްގެންދާނެ ކަމުގައި އުޕްރޭދީ ވިދާޅުވިއެވެ.

ފެންބޮޑުވުމުގެ ހާދިސާގެ ސަބަބުން 12 ހައިޑްރޯއިލެކްޓްރިކް ޕްރޮޖެކްޓަކާއި، މަގުތަކާއި ބްރިޖުތަކާއި ދަނޑުތަކުގެ އިތުރުން މީހުން ދިރިއުޅޭ ގިނަ ސަރަހައްދުތަކެއް ވަނީ ހަލާކުވެފައެވެ. ނޭޕާލްގެ ކަމާބެހޭ ފަރާތްތަކުން ބުނީ، ގެދޮރު ގެއްލިފައިވާ އެތައް ހާސް ބަޔަކު އަލުން އާބާދުކުރުމާއި، ކާރިސާއިން އަރައިގަތުމުގެ ކުރީކޮޅުގެ މަސައްކަތްތަކަށް ގާތްގަނޑަކަށް 5 ބިލިޔަން އެމެރިކާ ބޭނުންވާ ކަމުގައެވެ.