ސަރުކާރުގެ އަމާޒަކީ، އެތުލެޓިކްސްގެ އިތުރުން އެހެން ކުޅިވަރުތަކުގައި ވެސް ރާއްޖޭގެ ޕެރަ އެތުލީޓުންނަށް ބައިވެރިވެވޭނެ ފުރުސަތު ހޯދައިދިނުންކަމުގައި ކުޅިވަރާ ބެހޭ ވަޒީރު އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
ވަޒީރު ރާފިއު މިހެން ވިދާޅުވީ، 5 ވަނަ އޭޝިއަން ޕެރާ ގޭމްސް 2026 ގައި ވާދަކުރާ ރާއްޖޭގެ ޤައުމީ ޕެރަ އެތުލީޓުންނަށް ޖާޒީ ހަވާލުކޮށް، ގޭމްސްގައި ޤައުމީ ދިދަ އުފުލާނެ އެތުލީޓުންނާ ދިދަ ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަމުންނެވެ.
ވަޒީރު ވިދާޅުވީ، އޭޝިއަން ޕެރާ ގޭމްސްގައި އެތުލެޓިކްސްގެ އިތުރުން އެހެން ކުޅިވަރުތަކުން ވެސް ޕެރަ އެތުލީޓުން ބައިވެރިކުރުމަށް ގުޅުންހުރި ފަރާތްތަކުން އަދި އެތުލީޓުން ވެސް ދިޔައީ ތައްޔާރުވަމުން ކަމަށާއި އެހެންނަމަވެސް ދިމާވި އެކިއެކި ކަންކަމާ ގުޅިގެން އެކަން އެގޮތަށް ނުކުރެވުނީ ކަމަށެވެ.
މި ގޭމްސްގައި އެފުރުސަތު ނުލިބުނު ނަމަވެސް، ފަހުގެ ތާރީޚެއްގައި އޮތް ޕެރަ މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު، އެހެން ކުޅިވަރުތަކުން ރާއްޖެ ތަމްސީލުކުރަން ތައްޔާރުވަމުންދާ ދިވެހި ޕެރަ އެތުލީޓުންނަށް ލިބިފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
އަދި ޕެރަލިމްޕިކްސްގައި ދިވެހި އެތުލީޓުންނަށް އެކިއެކި ކުޅިވަރުތަކުން ފުރުސަތު ހޯދައިދޭނެކަމުގެ ޔަގީންކަން ވަޒީރު ރާފިއު ދެއްވިއެވެ.
"އަޅުގަނޑުމެން ދިޔައީ ރައްޔާރުވަމުން، އަޅުގަނޑުމެންގެ އެތުލީޓުން ތިބީ ތައްޔާރަށް، އެހެން ކުޅިވަރުތަކުން ވެސް. އެތުލެޓިކްސް ނޫން ކުޅިވަރުތަކުން ވެސް. އެހެންނަމަވެސް އެ ދިމާވި މައްސަލައަކާ ހެދި މި މުބާރާތުގައި ބައިވެރިނުވެވުނު ނަމަވެސް، ފަހުގެ ތާރީޚެއްގައި އަޅުގަނޑުމެންނަށް މިވަނީ މުބާރާތެއްގައި ބައިވެރިވެވޭނެ ގޮތް ހަމަޖެހިފައި. އަދި މިނޫނަސް ދެން ހުރި ކުޅިވަރުތަކުން، ޕެރަލިމްޕިކް ކުޅިވަރުތަކުން އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް އެ އޮޕޮޗިއުނިޓީ އެކުދިންނަށް ހޯދައިދޭނެކަމުގެ ޔަގީންކަން މިފުރުސަތުގައި އަރުވަން". ކުޅިވަރާ ބެހޭ ވަޒީރު ވިދާޅުވިއެވެ.
އޭޝިއަން ޕެރާ ގޭމްސްގައި ރާއްޖެ ތަމްސީލުކުރާ އެތުލީޓުންނާ މުހާތަބުކުރައްވައި ވާހަކަދައްކަވަމުން ވަޒީރު ވަނީ، މުބާރާތުގައި ރާއްޖެ ތަމްސީލުކޮށް ރަނގަޅު ނަތީޖާއެއް ހޯދުމަށް ގަދައަޅައި މަސައްކަތް ކުރުމަށް އެދިވަޑައިގެން ހިތްވަރު ދެއްވާފައެވެ. މި ފަހަރުގެ އޭޝިއަން ޕެރާ ގޭމްސްގެ ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އުފުލުމުގެ ޝަރަފު ލިބިގެން ގޮސްފައިވަނީ ފާޠިމަތު އިބްރާހީމް އަދި ޢަބްދުއްރައްޒާޤު ޢަބްދުއްޞަމަދަށެވެ.
5 ވަނަ އޭޝިއަން ޕެރަ ގޭމްސް ކުރިއަށްދާނީ މިމަހުގެ 18 އިން 24 އަށް ޖަޕާނުގެ އައިޗީ ނަގޯޔާގައެވެ. މިމުބާރާތުގައި ވާދަކުރާ އެތުލީޓުންނަކީ ޢަބްދުﷲ އަޔާން އަސްގަރާއި، ޢަބްދުއްރައްޒާޤް ޢަބްދުއްޞަމަދުގެ އިތުރުން ފާތިމަތު އިބްރާހިމްއެވެ.