ޚަބަރު

އަރަބިއްޔާގެ ކުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް ފަށައިފި


  • އެތަނުގައި ޕާކިންގއަކާއެކު ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރާނެ

  • މަސައްކަތް ކުރިއަށްގެންދަނީ މަގުމަތީގެ ހަލަބޮލިކަމަށްވެސް ވިސްނާގެން

އަރަބިއްޔާގެ ކުރީގެ އިމާރާތް ތަޅާލުމުގެ މަސައްކަތް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވުޒާރާއިން ފަށައިފިއެވެ.

މި އިމާރާތް ތަޅައިލަން ނިންމީ އެ ޢިމާރާތަކީ މީހުން ބޭނުންކުރުން ރައްކާތެރި ޙާލަތެއްގައި ހުރިތަނެއް ނޫން ކަމަށް ވާތީއެވެ. އަރަބިއްޔާ ސްކޫލް ހިންގި އިމާރާތް ތަޅާލައި އެ ތަނުގައި ޕާކިންގ ޒޯނަކާއި، ޕާކެއް ތަރައްޤީކުރުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާ ކަމަށް މައްޗަންގޮޅި ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.

އަރަބިއްޔާ އިމާރާތް ތަޅާލުމުގެ މަސައްކަތް ފެށުމާއި ގުޅޭގޮތުން ޕީއެސްއެމްނިއުސްއަށް މައުލޫމާތު ދެއްވަމުން ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާއްމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް އުމަރު ވިދާޅުވީ އަރަބިއްޔާ އިމާރާތް ތަޅާލުމުގެ މަސައްކަތް މިހާރު ފަށާފައިވާއިރު މި މަސައްކަތަކީ މާލެ ތޮއްޖެހިފައި އޮތުން ކުޑަކުރުމާއި ދިރިއުޅުމަށް ހިއްފަސޭހަކަމެއް ހޯދާދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޚައްމަދު މުޢިއްޒު ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ފަށާފައިވާ މަސައްކަތެެއްކަމަށެވެ.

ވަޒީރު ވިދާޅުވީ ސަރުކާރުން ނިންމާފައިވަނީ މިތަނުގައި މީހުންނަށް ހިއްފަސޭހަކަމާއެކު މަޑުކޮށްލެވެނޭ ޕާކެއް ތަރައްޤީކުރުމާއި އަދި މި ސަރަހައްދަކީ ޓްރެފިކް ބޮޑު ސަރަހައްދަކަށް ވުމާއެކު ޕާކިން ޒޯނެއް ތަރައްޤީކުުރުމަށްކަމަށެވެ. ވަޒީރު އާދަމް ޝަރީފް ވިދާޅުވީ އެ ވުޒާރާއާ ހަވާލުކޮށްފައިވަނީ އިމާރާތް ތަޅާލުމުގެ މަސައްކަތްކަމަށެވެ. އެގޮތުން އަމާޒަކީ ކުރިއަށް އޮތް ދޮޅުމަހެއްހާ ދުވަސް ތެރޭގައި މަސައްކަތް ނިންމާ ޢިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއި ހަވާލުކުރުންކަމަށް ވަޒީރު ވިދާޅުވިއެވެ.

އެ ސަރަހައްދަކީ ސުކޫލްތައް ގިނަ ސަރަހައްދަކަށް ވުމާއި އާންމުންގެ ގިނަ ބަޔަކު އިމާރާތުގެ ވަށައިގެން އުޅޭކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ސުކޫލްތަކުގެ ދަރިވަރުންނާއި އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށް ވިސްނަންޖެހޭކަމަށެވެ. އަދި ދަރިވަރުން ކިޔަވަމުންދާތީއާއި ކުރިއަށް އޮތީ އިމްތިހާނު ދުވަސްވަރަށްވުމާއެކު މަގުމަތީގެ ހަލަބޮލިކަމަށްވެސް ވިސްނާގެން މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

" ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި ރައީސް ބޭނުންވޭ މިތަން އެއްކޮށް ސާފުކުރުމަށް ފަހު ހިތްފަސޭހަ ޕާކަކާއި ޕާކިން ޒޯނެއް ތަރައްޤީކުރުމަށް. އެކަމަށް ވަކި ޓާގެޓުތަކެއް ކަނޑައެޅިގެން އަޅުގަނޑުމެން ބާރު ސްޕީޑުގައި މި މަސައްކަތް ކުރިއަށް ގެންދަން ބަލާއިރު އަޅުގަނޑުމެންވެސް ވިސްނާނެ ކުދިންގެ ކިޔެވުމަށް. އާންމުންގެ ދަތިކަމަށް. ނަމަވެސް ވަގުތާއި ހާލަތައް ބަލައިގެން ވީ އެންމެ ގިނަ ވަގުތެއް މިކަމުގައި ހޭދަ ކުރަން ޖެހޭނެތީވެ އެކަން ފާހަގަކޮށްލަން ބޭނުން" ވަޒީރު ވިދާޅުވިއެވެ.

އަރަބިއްޔާ އިމާރާތް ބާވެ ތަންބުތަކުގައި ރެނދުލާފައިވުމުގެ ސަބަބުން އަރަބިއްޔާ ސުކޫލްގެ ކިޔެވުން ވަގުތީގޮތުން ކުރީގެ ފޮރިން މިނިސްޓްރީ ހިނގި އިމާރާތައް ބަދަލުކުރިއެވެ.

އެއަށްފަހު ދަރުމަވަންތަ ސުކޫލްގެ އައު އިމާރާތް ނިމި އެތަނަށް ކިޔެވުން ބަދަލުކުރުމުން އަރަބިއްޔާ ސުކޫލްގެ ކިޔެވުން ކުރީގެ ދަރުމަވަންތަ ސުކޫލަށް ވަނީ ބަދަލުކޮށްފައެވެ. އަރަބިއްޔާ ސުކޫލްގެ ދާއިމީ އައު އިމާރާތް އެޅުމަށް ނިންމާ، އަމަލީ މަސައްކަތް މި ސަރުކާރުން ވަނީ ފަށާފައެވެ. އަރަބިއްޔާގެ އައު އިމާރާތް ބިނާކުރަނީ އެކުވެނި ޓްރެކާއި ޖެހިގެން އޮންނަ ބިމުގައިއެވެ.

މާލޭގައި ބައުވެ، ބޭނުން ނުކުރެވޭ ފަދަ ޙާލަތްތަކުގައި ހުރި، އަދި އެ ފަދަ ތަންތަނުގެ ސަބަބުން ނުރައްކާތެރި ޙާދިޘާއެއް މެދުވެރިވެދާނެ ކަމަށް ފެންނަ ޢިމާރާތްތައް ތަޅައިލުމުގެ މަސައްކަތްތަކުގެ ތެރެއިން 4 ޢިމާރާތެއް ތަޅައިލުމުގެ މަސައްކަތް އެ ވުޒާރާއިން މީގެ ކުރިން ވަނީ ކުރިއަށްގެންގޮސްފައެވެ. އެއީ މއ. ރަބީޢުވިލާއާއި، އޯކިޑް ޕްލާޒާއާއި، ނިއު ޕްލާޒާގެ އިތުރުން ހައުސް ޕްލާޒާއެވެ.