ގދ. ފަރެސްމާތޮޑާއިން 18 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ފަށައިފިއެވެ. މިއީ އެރަށަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ ދަތިކަމަށްވެސް ހައްލެއް ގެނައުމަށް ކުރިއަށްގެންދާ މަޝްރޫއުއެކެވެ.
އެ ރަށުގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު 142.6 މިލިޔަން ރުފިޔާ އަށް އެމްޓީސީސީއާ ހަވާލުކުރީ މިދިޔަ އަހަރުގެ ޑިސެންބަރުމަހުގެ ތެރޭގައެވެ. ފަރެސްމާތޮޑާ ބިން ހިއްކުމުގެ މަޝްރޫއުގައި 18 ހެކްޓަރުގެ ސަރަހައްދެއްގެ ބިން ހިއްކައި 620 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކުރުމަށް ހަމަޖެހިފައިވެއެވެ.
ވަކިން އޮތް ދެ ރަށް އެއްކޮށްލަން ކުރިން ހިއްކާފައި އޮތް ނަމަވެސް އެއްކޮށް ނުގުޅުވައި ގާތްގަނޑަކަށް 15 ވަރަކަށް ހެކްޓަރުއޮތެވެ. އެހެންކަމުން މިހާރު ހިއްކަމުން ދަނީ ދެ ރަށް ދޭތެރޭގައި އޮތް ސަރަޙައްދެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއް މަސައްކަތަކީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުން ކަމަށާއި، ފަރެސްމާތޮޑާގައިވެސް އޮތް ގެދޮރުވެރިކަމުގެ މައްސަލައަށް ޙައްލު ހޯއްދަވައިދެއްވާނެކަމަށް ވިދާޅުވެފައެވެ. އެގޮތުން ފަރެސްމާތޮޑާއިން ގެދޮރުވެރިކަމަށާއި، އިޤްތިޞާދީ މަސައްކަތްތަކަށް ފަހިކޮށްދެއްވުމަށް ބިން ހިއްކަވާނެކަމަށް ވިދާޅުވެފައިވެއެވެ.
ފަރެސްމާތޮޑާއަކީ މިހާރު 44 ހެކްޓަރުގެ ރަށެކެވެ. ރަށުގެ އާބާދީ އުޅެނީ 2000 މަތީގައެވެ.