ޚަބަރު

ހޭނައްތާ ޑޮކްޓަރުންގެ ކޮންގްރެސް: ކުރިމަގަށް އެޅިގެންދިޔަ ބިންގަލެއް


  • ކޮންގްރެސްގައި ދެކުނު އޭޝިއާ ސަރަހައްދުން 200 އެއް ހައި ތަޖުރިބާކާރުން ބައިވެރިވޭ

  • މިދައިރާއަށް ދިވެހިން ބިނާ ކުރުމަށް ކޮންގްރެސް މަގުފަހިކޮށްދޭ

ދެކުނު އޭޝިއާ ސަރަހައްދުގެ ހޭނައްތާ ޑޮކްޓަރުންގެ ކޮންގްރެސް ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވައިފިއެވެ. މި ކޮންގްރެސް ކުރިއަށް ގެންދިޔައީ އއ. އުކުޅަހުގައެވެ.

މިމަހުގެ 14 އިން 15 އަށް ކުރިއަށް ގެންދިޔަ ކޮންފަރެންގައި ދެކުނު އޭޝިއާ ސަރަހައްދުގެ ހުރިހާ ޤައުމަކުން ހޭނައްތާ ޑޮކްޓަރުން ބައިވެރިވެފައިވެއެވެ. ދިވެހި ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާއާއި، ޞިއްޙަތާއި ޢާއިލާއި އިޖްތިމާޢީ އެހިއާއި ބެހޭ ވުޒާރާއާއި ހޮސްޕިޓަލްތައް ގުޅިގެން ބޭއްވި ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސާވިސަސް ޑރ. އަހުމަދު އަޝްރަފްއެވެ.

ކޮންފަރެންސް ފެށިގެން ދިޔައީ ކޮންފަރެންސްގަައި ބައިވެރިވާ ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާތަކުގެ ފަރާތުން އެ ޤައުމުތަކުގެ ދިދަތައް ނިއުޅާލުމާއެކުއެވެ. ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގެ ތެރެއިން ދިވެހި ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާގެ ފަރާތުން މި ދައިރާއަށް ކޮށްދެއްވާފައިވާ، ޚިދުމަތް ފާހަގަކޮށް ދިވެހި ފުރަތަމަ ހޭނައްތާ ޑޮކްޓަރު، މަރުޙޫމް ޑރ. އިބްރާހިމް އުމަރު މަނިކުގެ ހަނދާނުގައި ފިލާއެއް ވަނީ އުރުވާފައެވެ،

ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތު ސާވިސަސް، ޑރ. އަޝްރަފް ވަނީ މިފަދަ ކޮންގްރެސްތައް ކުރިއަށް ގެންދިއުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ޑރ. އަޝްރަފްވަނީ މި ބައްދަލުވުން ރާއްޖޭގައި ބޭއްވިގެންދާއިރު މިއީ ޢިލްމީ ބައްދަލުވުމަކަށްވުރެ ބޮޑަށް އުނގެނުމުގެ ބައްދަލުވުމަކަށް ހަދަން ޖެހޭ ކަމަށެވެ.

އަދި ބައްދަލުވުމުގައި ތަމްސީލުވާ ޤައުމުތަކުގެ ސިއްޙީ ނިޒާމުގެ ތެރޭގައި އާންމު މައްސަލަތައް ހުރިއިރު، އެކަންކަމަށް މިފަދަ ބައްދަލުވުުމެއްގެ ތެރެއިން ހައްލުތަކެއް ހޯދުމަށް މަޝްވަރާކުރުން މުހިންމުކަން ފާހަގަކުރެއްވިއެވެ. ޑރ. އަޝްރަފް ވަނީ މި ކޮންގްރެސްގެ ތެރެއިން ދެވޭ މައުލޫމާތަކީ ނިޒާމު ހަރުދަނާ ކުރުމަށް ލިބޭ ފުރުސަތެއްކަން ފާހަގަކޮށްފައެވެ.

ކޮންގްރެސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ދިވެހި ހޭނައްތާ ޑޮކްޓަރުންގެ ޖަމިއްޔާގެ ރައީސް ޑރ. އައްސަދު އަހުމަދު ޝަހީދު ވަނީ ރާއްޖޭގައި ބައްދަލުވުން ބޭއްވުމަށް ސަރަހައްދީ ޤައުމުތަކުން ލިބުނު އެއްބާރުލުން ފާހަގަކޮށް ޝުކުރު އަދާކޮށްފައެވެ. ރާއްޖޭގައި މިދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރަން ޖެހޭކަން ފާހަގަކޮށް، މިކަން ކުރުމުގައި ސަރަހައްދީ ޤައުމުތަކުގެ ޑޮކްޓަރުންގެ ތަޖުރިބާ ބޭނުންވާކަން އޭނާ ވަނީ ފާހަގަކުރައްވާފައެވެ. އަދި މިކަމުގައި ސަރަހައްދީ ޤައުމުތަކުގެ ޖަމިއްޔާތަކުގެ އެއްބާރުލުން ލިބޭނެކަމަށް އުއްމީދުކުރައްވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ދެދުވަހުގެ މުއްދަތައް ކުރިއަށް ދިޔަ ކޮންފަރެންސްގައި އެނެސްތީޝިއޮލޮޖީ ދައިރާގެ އެންމެ ފަހުގެ ދިރާސާތަކާއި ގުޅޭ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އަދި މިދައިރާގައި މިހާރު ފެންނަ ކަންކަމަށް ދިރާސީ ގޮތެއްގައި ބަލާ މިކަންކަމުގައި ހިޔާލު ބަދަލުކޮށްފައިވެއެވެ. މި ކޮންފަރެންސްގައި ސަރަހައްދީ ފެންވަރުގައި އެންމެ ތަޖުރިބާކާރު ޑޮކްޓަރުން ވަނީ ބައިވެރިވެ އެބޭފުޅުންގެ ތަޖުރިބާ ހިއްސާކޮށްދެއްވާފައެވެ.

ކޮންފަރެންސްގެ ކުރިން 14 ވަނަ ދުވަހު، މާލެ ސަރަހައްދުގެ ހޮސްޕިޓަލުގައި ތަކުގައި މި ކޮންގްރެސްގައި ބައިވެރިވުމަށް އައި ތަޖުރިބާކާރުން ވަނީ އެކި މަޢުޟޫތަކަށް ވޯކްޝޮޕްތަކެއް ކުރިއަށް ގެންގަސްފައެވެ. ޞިއްޙީ ވުޒާރާއިން ވަނީ މި ކޮންގްރެސް މެދުވެރިކޮށް މި ދައިރާއަށް މީހުން ބިނާކުރުމަށް މަގުފަހިވާނެ ކަމަށް ވިދާޅުވެފައެވެ.

ދިވެހި ރާއްޖޭގެ އެނެސްތީސިއޮލޮޖިސްޓުންގެ ޖަމިއްޔާގެ މި ކޮންގްރެސްގައި ޖުމްލަ 220 ބައިވެރިން ބައިވެރިވިއެވެ. އޭގެތެރެއިން ސާކްގެ އެކި ޤައުމުތަކުން އެނެސްތީސިއޮލޮޖީ ދާއިރާގެ 190 ތަޖުރިބާކާރުން ބައިވެރިވިއެވެ. މި ކޮންގްރެސް އެންމެ ފަހުން ބޭއްވީ 2022 ވަނަ އަހަރުއެވެ. އޭގެ ފަހުން 2024 ވަނަ އަހަރު ކޮންގްރެސް ބަންގްލަދޭޝްގައި ބޭއްވުމަށް ނިންމި ނަމަވެސް އެކި ސަބަބުތަކާއި ހެދީ ބޭއްވޭ ގޮތް ވަނީ ނުވެފައެވެ. އޭގެ ފަހުން ކޮންގްރެސް ފުރަތަމަ ފަހަރަށް ރާއްޖޭގައި ބޭއްވުމަށް ނިންމިއެވެ.