ވިލިމާލެ ހޮސްޕިޓަލް ހިންގުން ވަގުތީގޮތުން އަމާން ހިޔާއަށް ބަދަލުކުުރުމަށް އެތަން މަރާމާތު ކުރުމަށް ރޯޑު ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރް.ޑީ.ސީއާ ޙަވާލުކޮށްފިއެވެ.
މި ކަމުގެ އެއްބަސްވުމުގައި ވިލިމާލެ ހޮސްޕިޓަލުގެ ފަރާތުން ސޮއިކުރެއްވީ، މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާޙީމް ޢަބްދުއްރައްޒާޤު ޙަލީމެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ، މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޒީމެވެ. މި އެއްބަސްވުމުގެ ދަށުން ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރުމަށް އަދި އަމާން ހިޔާގެ އިމާރާތް މަރާމާތު ކުރުމަށް ވަނީ ޙަވާލުކޮށްފައެވެ.
ވިލިމާލޭގައި މިހާރު ޚިދުމަތް ދޭ ހޮސްޕިޓަލު ތަޅާލައި އެތަނުގައި 100 އެނދުގެ އައު ހޮސްޕިޓަލެއް ތަރައްޤީކުރުމަށް ސަރުކާރުން ވަނީ ނިންމާފައެވެ. މިއީ، ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ ހޮސްޕިޓަލެކެވެ. މިހޮސްޕިޓަލުގެ ޢިމާރާތާއި ވަޞީލަތް ޤާއިމުކުރުމުގެ ހުރިހާ މަސައްކަތެއް ކުރާނީ، ޗައިނާ ސަރުކާރުންނެވެ.
ވިލިމާލޭ ހޮސްޕިޓަލްގެ ހިދުމަތްތައް ވަގުތީ ގޮތުން ބަދަލުކުރުމަށް އަދި އަމާން ހިޔާގެ އިމާރާތް މަރާމާތު ކުރުމަށް ވިލިމާލޭ ހޮސްޕިޓަލާއި މި ކޯޕަރޭޝަނާއި ދެމެދު މިއަދު ވަނީ އެއްބަސްވުމެއްގައި ސޮއި ކޮއްފައެވެ.#TeamRDC pic.twitter.com/UfXnjcu85Z
— Road Development Corporation Ltd (@rdcmaldives) November 23, 2025
ވިލިމާލެ ހޮސްޕިޓަލުގެ ޚިދުމަތް ވަގުތީ އިމާރާތަށް ބަދަލު ކުރުމާއި ގުޅޭގޮތުން މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވީ، ޚިދުމަތް ބަދަލުކުރާ އިމާރާތުގެ ކުރެހުންތައް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަމާޒަކީ، މިއަހަރުގެ ނިޔަލަށް ވިލިމާލެ ހޮސްޕިޓަލުގެ ވަގުތީ އިމާރާތުގެ ސެޓަޕުގެ މަސައްކަތް ނިންމައި ޚިދުމަތްތައް ބަދަލުކުރުން ކަމަށްވެސް އެމް.ސީ.ޖީ.އެޗުން ވިދާޅުވިއެވެ.
ވިލިމާލެ ހޮސްޕިޓަލު ތަރައްޤީ ކުރުމަށް މިހާރު ހުރި ހޮސްޕިޓަލު ތަޅާލައި އެތަނުގެ ޢަމަލީ މަސައްކަތް މިއަހަރު ފަހުކޮޅު ނުވަތަ އަންނަ އަހަރު ކުރީކޮޅު ފެށުމަށް ތައްޔާރުވަމުންދާ ކަމަށް މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ވިދާޅުވެފައިވެއެވެ. ޗައިނާ ސަރުކާރުގެ އެހީއާއެކު ވިލިމާލޭގައި ތަރައްޤީކުރާ ހޮސްޕިޓަލުގައި ދެ އިމާރާތެއް ހުންނާނެއެވެ. އަދި އައުޓް ޕޭޝަންޓް، އިންޕޭޝަންޓް، އިމަރޖެންސީ، ޑައިގްނޯސްޓިކް، އައިސީޔޫ އަދި ހީމޯޑައިލިސިސްގެ ފަރުވާ ދިނުމަށް ޚާއްޞަ އެނދުތަކެއްވެސް ހުންނާނެއެވެ.
އާބާދީގައި 15000އެއްހާ މީހުން ދިރިއުޅޭ ވިލިމާލޭގައި މިހާރު ހުރި ހޮސްޕިޓަލުގައި އެއާބާދީއަށް ޚިދުމަތް ފޯރުކޮށްދެވޭނެ އިންތިޒާމު ޤާއިމުވެފައެއްނުވެއެވެ. މި ހޮސްޕިޓަލުގައި ބަލި މީހުން ބެލުމަށް 3 ކޮޓަރި ހުރިއިރު، އިމަރޖެންސީގައި ބޭނުން ކުރަނީ 5 އެނދެވެ. އެހެންކަމުން ޢާންމު ކަންކަމުގައިވެސް ގިނަ ފަހަރު އައިޖީއެމްއެޗަށް ނުވަތަ ދަރުމަވަންތަ ހޮސްޕިޓަލަށް ބަރޯސާވުމަކީ، ވިލިމާލެ ރައްޔިތުންގެ އޮތް ބޮޑު ކަންބޮޑުވުމެކެވެ.