ޚަބަރު

އެމްއެސްއެމްއީ ދުވަހުގެ ހަރަކާތްތައް ކާމިޔާބުކަމާއެކު ނިންމާލައިފި


  • 'އެމްއެސްއެމްއީ ޕިޗް އަޕް' މުބާރާތުގެ ނަތީޖާ ވަނީ އިއުލާންކޮށްފައި

  • މި ހަރަކާތުގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ހާއްސަ 26 ސްޓޯލެއް ހިންގިއެވެ

  • މި ހަރަކާތްތައް ނިންމާލުމުގެ ހަރަކާތުގައި ވަޒީރު ސައީދު ބައިވެރިވެވަޑައިގަތް

އެންމެ ކުދި، ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދުވަސް ނުވަތަ 'އެމްއެސްއެމްއީ' ދުވަސް ފާހަގަ ކުރުމަށް ކުރިޔަށް ގެންދިޔަ ހަރަކާތްތައް ނިންމާލައިފިއެވެ.

އެމްއެސްއެމްއީ ދުވަހާއި ގުޅިގެން އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު، ބިޒްނަސް ސެންޓަރ ކޯޕަރޭޝަން ބީސީސީ އާއި އެސްއެމްއީ ޑިޖިޓަލް އިން ކުރިއަށްގެންދިޔަ މި ހަރަކާތްތަކުގެ ބޭނުމަކީ ވިޔަފާރީގެ ދާއިރާއަށް ޝައުޤުވެރިވާ ފަރާތްތަކަށާއި ވިޔަފާރިތަކަށް ބޭނުންވާ މަޢުލޫމާތާއި އެހީތެރިކަން ފޯރުކޮށްދިނުމެވެ.

މި ހަރަކާތް ފަށާފައިވަނީ މިއަދު ހަވީރު 16:20 ގައެވެ. އަދި މި ފެސްޓިވަލް ރަސްމީކޮށް ހުޅުވައިދެއްވީ ރާއްޖޭގައި މިހާރު ކުދި ވިޔަފާރިތައް ހިންގަމުންދާ ބައެއްފަރާތްތަކުންނެވެ މި ހަރަކާތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވަނީ ކުރިޔަށްގެންގޮސްފައެވެ.

މި ހަރަކާތްތައް ނިންމާލާފައިވަނީ މިއަދު ހަވީރު ފެށުނު އެމްއެސްއީ ފެސްޓް ހަރަކާތުންނެވެ. މިހަރަކާތް ކުރިޔަށް ގެންގޮސްފައިވަނީ މިރޭ 22:00 ޖެހުމާއި ހަމަޔަށެވެ. މިހަރަކާތްތައް ނިންމާލުމަށް އިޤްތިޞޯދީ ތަރައްޤީއާ ދަތުރުފަތުރާ ވިޔަފާރިއާ ބެހޭ ވަޒީރު މުހަންމަދު ސައީދު ވަޑައިގެންނެވިއެވެ.

މި ފެސްޓިވަލްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގެ އުފެއްދުންތައް ދައްކާލުމުގެ އިތުރުން، 'އެމްއެސްއެމްއީ ޕިޗް އަޕް' މުބާރާތުގެ ބައިވެރިން އެ މުބާރާތުގެ ތެރެއިން އުފެއްދި ތަކެތި ދައްކާލައި ވިއްކުމުގެ ފުރުސަތުވެސް ފަހިކޮށްދީފައެވެ. މި މުބާރާތުގެ 1 ވަނަ 2 އަދި 3 ވަނަ ހޮވާފައިވާ އިރު 1 ވަނަ ލިބުނު ދަ ޖެޓްސް އަށް ވަނީ 10000 ރުފިޔާގެ ފައިސާގެ އިނާމެއް ދީފައެވެ.

ބީސީސީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޒިޔާއު ވިދާޅުވީ، އެކުންފުނިން އަބަދުވެސް ކުދިވިޔަފާރިތައް ކުރިއަރުވާ ފުޅާކުރުމުގައި އެހީތެރިވެދިނުމުގައި ދެމި ތިބޭނެކަމަށެވެ. މިހަރަކާތަކީވެސް މިމަސައްކަތުގެ ތެރެއިން ކުރިޔަށް ގެންދިޔަ އިވެންޓްއެއްކަމަށް އޭނާ ވިދާލުވިއެވެ

"މިފަދަ އިވެންޓެއް ބޭއްވުމުގެ މައިގަނޑު މަގްސަދަކީ ކުދި ވިޔަފާރިތަކާ ގާތުން ބީސީސީން މަސައްކަތް ކުރަމުންދާކަން އެ ވިޔަފާރިތަކަށް އިހުސާސްކޮށްދިނުން" އިބްރާހިމް ޒިޔާއު ވިދާޅުވިއެވެ.

މި ފެސްޓިވަލްގައި ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ 26 ސްޓޯލްވަނީ ބަހައްޓާފައެވެ. މީގެ އިތުރުން މުނިފޫހިފިލުވުމުގެ ހަރަކާތްތަކާއި، ކުޑަކުދިންނަށް ޚާއްސަ ކުޅިވަރުތަކުގެ އިތުރުން ކާބޯތަކެތީގެ ޚިދުމަތް ވެސް މި ފެސްޓިވަލްގައި ވަނީ ދީފައެވެ.

މި ފެސްޓުގައި ބައިވެރިވެފައިވާ ފަރާތްތަކުގެ ތެރޭގައި ކާބޯތަކެތި، ހިފާގެންގުޅޭތަކެތި އަދި އިލެކްޓްރޯނިކް އަދި ސުވެނިއާ ފަދަ ވިޔަފާރިތައްކުރާ ބޭފުޅުން ހިމެނެއެވެ. އެފަރާތްތަކުން ފާހަގަކުރައްވާގޮތުގައި މި ފުރުސަތުގެސަބަބުން އެފަރާތްތަކަށް އެފަރާތްތކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އިތުރު ދޮރުތަކެއް ވަނީ ހުޅުވިފައެވެ. އަދި މިފުރުސަތު ދެއްވިކަމަށްޓަކައި މި ހަރަކާތް އިންތިޒާމުކުރާ ބީސީސީ ، އެސްއެމްއީ ޑިޖިޓަލް އަދި އިޤުތިސޯދީ ތަރައްޤީއާބެހޭ ވުޒާއަށް ޝުކުރުއަދާކުރާކަމަށެވެ.

އޭގެ އިތުރުން މިދުވަހާއި ގުޅިގެން ރާއްޖޭގެ އެކި ރަށްތަކުގައި ބީސީސީން ހިންގާ ބިޒްނަސް ސެންޓަރުތައް މެދުވެރިކޮށް "އެމް.އެސް.އެމް.އީ ބިޔޯންޑް" ގެ ނަމުގައި، ވިޔަފާރީގެ ދާއިރާއަށް ޝައުގުވެރިވާ ފަރާތްތަކަށާއި، ކުދި ވިޔަފާރިތަކަށް ޚާއްޞަ ސެޝަންތަކެއް ކުރިޔަށް ގެންގޮސްފައިވެއެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޕަބްލިކް ސާރވިސް މީޑިއާ (ޕީއެސްއެމް) ގެ ޓީވީއެމް މެދުވެރިކޮށް ހެނދުނު 10:30 އިން ރޭގަނޑު 11:00 އަށް ހާއްސަ ޓެލެތޯނެއް ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ. މިއީ ކުދި ވިޔަފާރިތަކާ ގުޅުންހުރި މައުލޫމާތާއި ކޮންޓެންޓްތައް އާންމުންނަށް ގެނެސްދިނުމަށް ކުރިއަށް ގެންދިޔަ ޓެލެތޯނެކެވެ.