ކުޅިވަރު

އެފްރިކާގެ ޓީމުތަކާ ދެކޮޅަށް އޮތް ރަނގަޅު ރެކޯޑަކީ ހިތްވަރެއް: ޕެރްސިޗް


އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ފާއިތުވެދިޔަ 10 އަހަރު ކްރޮއޭޝިޔާއިން ނެރުނީ ރަނގަޅު ނަތީޖާތަކެއް ކަމަށާއި އެއީ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ގާނާއާ ދެކޮޅަށް ނުކުންނައިރު ލިބޭ ހިތްވަރެއް ކަމަށް ކްރޮއޭޝިޔާގެ މިޑްފީލްޑަރު އިވާން ޕެރްސިޗް ބުނެފި އެވެ.

މި މެޗަކީ ކްރޮއޭޝިޔާ އަށް ދެ ވަނަ ބުރަށް ދިއުމަށް ކޮންމެހެން މޮޅުވާން ޖެހޭ މެޗެކެވެ.

ގާނާ މިވަގުތު އޮތީ ހަތަރު ޕޮއިންޓާއެކު އިނގިރޭސިންގެ ފަހަތުން ގްރޫޕުގެ ދެ ވަނާގަ އެވެ. އިނގިރޭސިން އަތުން ބަލިވެ، ޕެނަމާ އަތުން 1-0އިން މޮޅުވެ ކްރޮއެޝިޔާ އަށް ތިން ވަނާގައި އޮތީ ތިން ޕޮއިންޓާއެކުގަ އެވެ. މިހެންވެ މި މެޗުން މޮޅުވުން ނޫން ގޮތެއް އެ މީހުންނަށް ނެތެވެ.

އެންމެ ފަހުގެ ވޯލްޑް ކަޕުގެ ތިން ވަނަ އަދި 2018 ވަނަ އަހަރު ދެ ވަނަ ހޯދި ކްރޮއޭޝިޔާގެ ޓީމުގައި ކުޅުނު 39 އަހަރުގެ ތަޖުރިބާކާރު ބުނީ ގާނާ އަކީ ފަހަތަށް އިސްކަންދޭ ޓީމެއް ކަމަށެވެ.

"އެކަމަކު އަހަރުމެން މިދިޔަ 10 އަހަރު އެފްރިކާގެ ޓީމުތަކާ ދެކޮޅަށް ނެރުނީ ވަރަށް ރަނގަޅު ނަތީޖާތަކެއް. މިއީ އަހަރުމެން މި މެޗާ މެދު ޕޮޒިޓިވްކޮށް ވިސްނަންވީ ކަމެއް. އަހަރުމެންނަށް އެނގޭ އެ މީހުން ކުޅެނީ ދިފާއީ ކުޅުމެއްކަން. ނޭނގޭ ކަމަކީ އެ މީހުން ޑިފާއު ކުރާނީ ކިހާވަރަކަށްކަން. ފަހަތުގައި ލޯ ބްލޮކް ހަދައިގެން ތިބޭނެތޯ. އެހެން ނަމަވެސް އަހަރުމެން ރަނގަޅަށް ކުޅެފިނަމަ މޮޅުވެވޭނެ،" ޕެރްސިޗް ބުންޏެވެ.

އޭނާ ބުނީ ކުރީ ދެ ވޯލްޑް ކަޕާ ހިލާފަށް މި ފަހަރު ކްރޮއޭޝިޔާގެ ފުރަތަމަ ދެ މެޗުގައި ދެއްކުނީ ދަށް ކުޅުމެއް ކަމަށެވެ.

"އަހަރުމެން އެބަޖެހޭ ކުޅުން ރަނގަޅު ކުރަން. އެއީ ނުވާވަރުގެ ކަމެއް ނޫން. އަހަރުމެންނަށް އަދި ކްރޮއޭޝިޔާ ތަމްސީލު ކޮށްދެވޭވަރުގެ ކުޅުމެއް މި މުބާރާތުގައި ނުދެއްކޭ. އެކަން އަހަރުމެން އެންމެންގެ މަސައްކަތުން ބަދަލު ކުރެވިދާނެ. ޓީމުގައި އޮތީ އެ ފަދަ ރޫހެއް،" ޕެރްސިޗް ބުންޏެވެ.

ގިނަ ބައެއްގެ ނަޒަރުގައި ކްރޮއޭޝިޔާގެ މިފަހަރުގެ އެންމެ ބޮޑު މައްސަލައަކީ އެ މީހުންގެ އެންމެ ބޮޑު ސްޓެރެންޗް ވެސް މެ އެވެ. އެއީ އުމުރުން ދުވަސްވީ ކުޅުންތެރިން ގިނަ އެ މީހުންގެ ފިޓްނަސް ދަށްވުމެވެ.