ކުޅިވަރު

91 އަހަރުގެ ނޫސްވެރިޔާގެ ސުވާލު: މެސީ އިންނާނީ ބެންޗުގައިތަ؟


ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ޖޯޑަންއާ ދެކޮޅަށް އާޖެންޓީނާ ނުތުމުގެ ކުރިން ކޯޗު ލިޔޮނަލް ސްކަލޯނީ އަށް ކުރިމަތިލާން ޖެހުނީ ތަފާތު މީހަކާ އެވެ. އުމުރުން 91 އަހަރުގެ ނޫސްވެރިއަކާ އެވެ. އާޖެންޓައިން ރޭޑިއޯގެ ނޫސްވެރިޔާ އެންރީކޭ މަކާޔާ މާކޭޒްގެ ސުވާލަކަށްވީ މިރޭގެ މެޗުގައި ކެޕްޓަން ލިޔޮނަލް މެސީ އިންނާނީ ބެންޗުގައި ހެއްޔެވެ؟

އާއްމުކޮށް ފުރަތަމަ 11ގެ ވާހަކަ ދެއްކުމަކީ ކޯޗު ސްކަލޯނީ ބޭނުންވާ ގޮތެއް ނޫނެވެ. އެކަމަކު މިފަހަރު އޭނާ ބޭނުންވީ އުމުރުން ދޮށީ މި ނޫސްވެރިޔާ އަށް އިހްތިރާމް ކުރާށެވެ. މިއީ އެންރީކޭ ކަވަރު ކުރާ 18 ވަނަ ވޯލްޑް ކަޕެވެ. އެނާގެ ހިދުމަތުގެ އަގު ވަޒަންކޮށް 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕުގައި ފީފާއިން ވަނީ އޭނާ އަށް އިނާމް ވެސް ދީފަ އެވެ. އެއީ ވޯލްޑް ކަޕަށް އެންމެ ގިނައިން ކަވަރުކުރި ނޫސްވެރިންގެ ތެރޭގައި އޭނާ ހިމެނިފައިވާތީ އެވެ.

"އަހަރެން ޖަވާބު މި ދެނީ ކަލޭ (ނޫސްވެރިޔާ) އަށް ވަރަށް ތެދުވެރި ޖަވާބެއް ބޭނުންވާނެތީވެ. މެސީ (ކުޅެން ނުކުންނާނީ) ތަންކޮޅެއް ފަހުން. މެސީ ފަށާނީ ބެންޗުން،" އާޖެންޓީނާގެ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެދީ އަދި އެންމެ ގިނަ ގޯލު ޖަހާދީފައިވާ ކުޅުންތެރިޔާއާ ބެހޭ ގޮތުން ސްކަލޯނީ ބުންޏެވެ.

މެސީ އަކީ މި ފަހަރުގެ ވޯލްޑް ކަޕުގައި ވެސް މިހާތަނަށް އެންމެ ގިނަ ގޯލު ޖެހި ކުޅުންތެރިޔާ އެވެ. އަދި މި މެޗަށް ނުކުންނައިރު އާޖެންޓީނާ ވަނީ މުބާރާތުގެ ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކޮށްފަ އެވެ. މިހެންވެ މެސީ ފަދައިން ޓީމުގެ ފުރަތަމަ 11ގެ މުހިންމު ކުޅުންތެރިން ވެސް ތިބޭނީ ބެންޗުގައި ކަމަށް ދަނީ ވާހަކަ ދެކެވެމުންނެވެ. ނަމަވެސް ސްކަލޯނީ އެހެން ނޫސްވެރިންގެ މިފަދަ ސުވާކުތަކަށް ސީދާ ޖަވާބެއް ނުދިނެވެ.

"މި މެޗުގައި ކުޅޭނީ މެޗުގައި ކުޅެން އެންމެ ހައްގު ކުޅުންތެރިން. އެންމެނަކީ ވެސް ޓީމުގެ މެމްބަރުން. އަހަރުމެން ފަރުތަކުރުންތަކުގައި މަސައްކަތް ކުރަނީ ހުރިހާ ކުޅުންތެރިންގެ މަސައްކަތަކާއެކު. ބައެއް ކުޅުންތެރިން ނުކުޅުނަސް ޕްރެކްޓިހުގައި އެ ދަނީ ވަރަށް މަސައްކަތް ކުރަމުން. އަހަރެންނަށް ފުރުސަތު ލިބިއްޖެނަމަ އެފަދަ ހުރިހާ ކުޅުންތެރިންނށް ކުޅުމުގެ ފުރުސަތު ދޭން ބޭނުން. ސަބަބަކީ އެ މީހުންނަށް އެ ފުރުސަތު ލިބުން ހައްގުވާތީވެ،" ސްކަލޯނީ ބުންޏެވެ.

އެންމެ ފަހުގެ ޗެމްޕިއަން ޓީމުގެ ކޯޗު ބުނީ ޖޯޑަން އަކީ ފަސް ޑިފެންޑަރުން ލައިގެން ކުޅޭ ޓީމަކަށް ވުމުން އެމީހުންގެ ރޭވުމަށް ބަލާފައި އާޖެންޓީނާގެ ކުޅުންތެރިންނާއި ރޭވުމަށް ވެސް ބަދަލު ގެންނާނެ ކަމަށެވެ.

"އަހަރުމެންނަށް މެޗުގައި އުނދަގޫވާނަމަ އަހަރުމެން ބަދަލުތަކެއް ގެންނާނަން. ތަފާތު ގޮތަކަށް އަހަރުމެން މަސައްކަތް ކުރާނަން،" ކޯޗު ބުންޏެވެ.

މުބާރާތުގައި މިހާތަނަށް ެއެކި ގައުމުތަކުން ދެއްކި ކުޅުމަށް ބަލާއިރު އާޖެންޓީނާ އަކީ އެންމެ ރަނގަޅަށް ކުޅެފައިވާ އެއް ގައުމެވެ.