ލ. ހިތަދޫއާއި އެއަތޮޅު ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ލ. އަތޮޅުގެ ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހިތަދޫއަށް ވަޑައިގެން، އެކަމަށްޓަކާ ބޭއްވި ޚާއްސަ ރަސްމިއްޔާތުގައެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފަށްޓަވައިދެއްވީ ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، އެމް.ޓީ.ސީ.ސީގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު ސައުދީއެވެ.
ހިތަދޫ-ކުނަހަންދޫ ކޯޒްވޭ ޤާއިމްކުރުމުގެ މަސައްކަތަށް 81.2 މިލިޔަން ރުފިޔާ ޚަރަދުވާނެކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ސަރުކާރުން މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކޮށްފައިވަނީ 500 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.
މި މަޝްރޫޢުގެ ދަށުން ހިތަދޫއާއި މެންދޫ ދެމެދުގައި 66 މީޓަރުގެ ކަލްވާރޓް ސެގްމެންޓް، 36 މީޓަރުގެ ކޯޒްވޭ ސެގްމެންޓް، 165 މީޓަރުގެ އެޕްރޯޗް ރޯޑް ހަދައި 156 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި މެންދޫއާއި ކުނަހަންދޫ ދެމެދުގައި 133 މީޓަރުގެ ކަލްވާރޓް ސެގްމެންޓް، 78 މީޓަރުގެ ކޯޒްވޭ ސެގްމަންޓް، 165 މީޓަރުގެ އެޕްރޯޗް ރޯޑް ހަދައި 167 މީޓަރުގެ ރިވެޓްމަންޓް ޖެހުން ހިމެނެއެވެ.
ލ. ހިތަދޫއާއި ކުނަހަންދޫ ކޯޒްވޭއަކުން ގުޅާލުމުގެ މަޝްރޫޢާއެކު މި ދެރަށުގެ ރައްޔިތުންނަށްވެސް ދަތުރުފަތުރުކުރުމާއި އެހެނިހެން ދާއިރާތަކުން ޚިދުމަތްތައް ހޯދުމުގައިވެސް ބޮޑެތި ފަސޭހަތަކެއް ވެގެންދާނެކަން ސަރުކާރުން ފާހަގަކުރައްވައެވެ.