ޚަބަރު

ކޮޅުމަޑުލު ދިޔަމިގިލި، މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލަނީ


  • މިމަސައްކަތް ކުރުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއަށް

  • އުފުރިޔާއަކީ މަޑިފުށީގެ އިހްތިޞާޞްގެ ތެރޭގައި ހިމަނާފައިވާ ރަށެއް

ތ.ދިޔަމިގިއްުޔާއި އެއަތޮޅު މަޑިފުށި އަދި ތ.އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމުގެ މަސައްކަތް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފިއެވެ.

މި ތިން ރަށް ކޯޒްވޭއަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކޮޅުމަޑުލުގެ ރަށްތަަކަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ދިޔަމިގިއްޔަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައެވެ.

ދިޔަމިގިލި މަޑިފުށި އަދި އުފުރިޔާ ކޯޒްވޭއަކުން ގުޅާލުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ހަސަން ރަޝީދުއެވެ. އަދި އެމްޓީސީސީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އަޙުމަދު ސަޢުދީއެވެ.

ތ. އުފުރިޔާ އެއަތޮޅު މަޑިފުށީގެ އިހްތިޞާޞްގެ ތެރޭގައި ހިމެނުއްވީ މިމަހުގެ 18 ވަނަ ދުވަހުއެވެ. ރަށްރަށުގެ އިހްތިޞާޞްގައި ނުހިމެނޭ ފަޅު ރަށްރަށް ކައުންސިލްތަކަށް ދެއްވުމުގެ މަސައްކަތަކީ ސަރުކާރުން ޚާއްސަ އަހަންމިއްޔަތުކަމެއްދެއްވާކަމެކެވެ. މިގޮތަށް ފަޅު ރަށްރަށް ދޫކުރުމުގެ ބޭނުމަކީ އިޤުތިޞާދީ މަސައްކަތްކޮށް، ނަފާވެރިވުމާއެކު ކައުންސިލްތައް މާލީ ގޮތުން ބާރުވެރިކުރުމެވެ.