އެފްރިކާގައި ހަލުވިކަމާ އެކު އެބޯލާ ރޯގާ ފެތުރެމުން ދާތީ އެ ބައްޔަށް މޮނިޓަކުރުމުގެ ގޮތުން އިންޑިއާއަށް ދާ އެންމެން މިހާރު ހުށަހަޅަންޖެހޭ "ހެލްތު ސެލްފް-ޑިކްލަރޭޝަން" ފޯމް އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް ހަމަޖައްސައިފިއެވެ.
ސަވައިލެންސް ވަރުގަދަކުރުމުގެ ގޮތުން އިންޑިއާއިން "އެއާ ސުވިދާ 2.0" ގެ ނަމުގައި މިގޮތަށް ހަމަޖެއްސީ މިދިޔަ ބުރާސްފަތި ދުވަހުއެވެ. މި ފޯމު ހުށަހެޅި ނަމަވެސް މިހާރުވެސް ހުށަހަޅަންޖެހޭ އިމިގްރޭޝަން ފޯމުވެސް އޮންލައިންކޮށް ހުށަހަޅަން ޖެހޭނެއެވެ.
އިންޑިއާގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން ވިދާޅުވީ "ކޮންޓެކްޓުވާން ނުޖެހޭ" އިންތިޒާމެއް ހަމަޖެއްސުމަށް ހެދި މި ޑިޖިޓަލް ޕްލެޓްފޯމް މެދުވެރިކޮށް ބައިނަލްއަގުވާމީ ދަތުރުވެރިން ފްލައިޓަށް އެރުމުގެ 24 ގަޑިއިރުގެ ކުރިން އޮންލައިންކޮށް ފޯމު ހުށަހަޅަން ޖެހޭނެކަމަށެވެ.
އިންޑިއާއަށް އެތެރެވުމުގެ ކުރިން ކޮންމެ ގައުމެއްގެ މީހަކު ވެސް "އެއާ ސުވިދާ 2.0" ޕޯޓަލް އިން ފޯމު ހުށަހަޅަން ޖެހޭނެ ކަމަށާއި އިންޑިއާ މީހުން ވެސް މިކަމުން އިސްތިސްނާ ނުވާނެކަމަށްވެސް އިންޑިއާގެ މިނިސްޓްރީ އޮފް ސިވިލް އޭވިއޭޝަނުން ވިދާޅުވިއެވެ.
އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އިންޑިއާއަށް އެތެރެވާއިރު އިމިގްރޭޝަން މަރުހަލާ އަވަސްކުރުމަށް، ވެބް ޗެކް-އިން ވާއިރު airsuvidha.civilaviation.gov.in އިން މި ހެލްތު ސެލްފް-ޑެކްލަރޭޝަން ފޯމު ފުރުމަށް އިރުޝާދު ދީފައެވެ.
މި ފޯމުގައި މައިގަނޑު ތިން ކަމެއް ފުރިހަމަކުރަންޖެހެއެވެ. އެއީ ވޭތުވެދިޔަ 21 ދުވަހުގެ ތެރޭގައި ދަތުރުކޮށްފައިވާ ގައުމުތަކާއި ތާރީހުތައް، އެބޯލާ ބަލި ފެތުރިފައިވާ ސަރަހައްދަކަށް ގޮސްފައިވޭތޯ ނުވަތަ އެފަދަ މާހައުލަކަށް ހުށަހެޅިފައިވޭތޯ އަދި ހުން އައުމާއި ގައިގައި ރިއްސުން ނުވަތަ ލޭއައުން ފަދަ ބަލީގެ އެއްވެސް އަލާމާތެއް ހުރިތޯ ބެލުން ހިމެނެއެވެ.
މި ފޯމު އޮންލައިންކޮށް ހުށަހެޅުމަށް ފަހު އެ ފޯމު ޑައުންލޯޑްކުރެވޭނެއެވެ. އަދި އިންޑިއާއަށް އެތެރެވާއިރު "އިންޓަނޭޝަނަލް ޓްރެވަލް ހެލްތު ޑެސްކް" ނުވަތަ އިމިގްރޭޝަން ކައުންޓަރަށް ދައްކަން ޖެހޭނެއެވެ. އެއާޕޯޓުގައި އެއްވެސް ކަރުދާސް ފޯމެއް ފުރާކަށް ނުޖެހޭނެއެވެ.
މި ޕޯޓަލް މެދުވެރިކޮށް، ފޯމުގެ މައުލޫމާތުތައް ވަގުތުން ވަގުތަށް އެއާޕޯޓުގެ ހެލްތު އޮފިސަރުންނަށާއި، އިމިގްރޭޝަން އޮފިޝަލުންނަށާއި، ސްޓޭޓް ހެލްތު ސަވައިލެންސް ޓީމުތަކަށް ލިބޭނެއެވެ. އެހެންކަމުން ކޮންޓެކްޓްވުމެއް ނެތި ނުރައްކާ އޮތް ދަތުރުވެރިން ދެނެގަނެ، ފިޔަވަޅުތައް އެޅުމުގެ ފުރުސަތު ކަމާބެހޭ އިދާރާތަކަށް ލިބޭނެކަމަށް އެ ޤައުމުން ވިދާޅުވެއެވެ.