ޚަބަރު

2 އަހަރާއި 6 މަސްދުވަހުގެ ތެރޭގައި ނިންމާގޮތަށް ނިލަންދޫ އެއަރޕޯޓު ތަރައްޤީކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފި


  • އެއަރޕޯޓު ތަރައްޤީކުރަނީ 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު

  • 30 މަސްދުވަސްތެރޭގައި އެއަރޕޯޓުގެ މަސައްކަތް ނިންމާ ހަވާލުކުރެވިގެންދާނެކަމަށް ރައީސް ވިދާޅުވި

ނިލަންދެއަތޮޅު އުތުރުބުރީ ނިލަންދޫގައި ޤާއިމްކުރާ އެއަރޕޯޓު ތަރައްޤީކުރުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގް ކޮމްޕެނީ، އެމްއޭސީއެލްއަށް ހަވާލުކޮށްފިއެވެ.

ނިލަންދޫގައި އެއަރޕޯޓް އެޅުމުގެ އެއްްބަސްވުމުގައި ސޮއިކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފ އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އެއަތޮޅު ނިލަންދޫއަށް ވަޑައިގެން އެރަށުގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ޖަލްސާގައެވެ.

ފ. ނިލަންދޫގައި އެއަރޕޯޓެއް ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވަޒީރު މޫސާ ޒަމީރުއެވެ. އަދި އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ އިބްރާހީމް ޝަރީފް މުޙައްމަދުއެވެ.

ނިލަންދޫ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި މި މަޝްރޫއަށް އަލިއަޅުއްވާލައްވާ ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ނިލަންދޫ ރައްޔިތުންނަށް ވެވަޑައިގެންފައިވާ އެންމެ މުހިންމު އެއް ވަޢުދަކީ އެރަށުގައި އެއަރޕޯޓެއް ތަރައްޤީކުރުންކަމަށެވެ. އެގޮތުން 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓް ވެގެންދާނީ އެންމެ ޒަމާނީ އެއަރޕޯޓަކަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މިތަނުގައި މި ސޮއިކުރީ އެއަރޕޯޓު ތަރައްޤީކުރުމަށް އެމްއޭސީއެލަށް ހަވާލުކުރުމުގެ އެއްބަސްވުމުގައި. އެއީ ސިވިލް އިންފްރާސްޓްރަކްޗަރ ހުރިހާ މަސައްކަތެއް ކުރުމަށް. އަދި އޮޕަރޭޓްކުރުމަށް. ހުރިހާ ކަމެއް އޭގައި ހިމެނޭގޮތަށް ސޮއިކުރެވުނު މަޝްރޫޢެއް. މި އެއްބަސްވުމުގެ ތެރެއިން އެންމެ ޒަމާނީ ފެންވަރުގެ އެއަރޕޯޓެއް އެމްއޭސީއެލުން މިރަށުގައި ތަރައްޤީކުރާނެ. މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސްދުވަސްތެރޭގައި މި އެއަރޕޯޓުގެ މަސައްކަތް ނިންމާ ތިބޭފުޅުންނަށް ލިބިގެންދާނެ. އެ ޔަޤީންކަން ތިބޭފުޅުންނަށް ދެން." ރައީސް ވިދާޅުވިއެވެ.

ނިލަންދެއަތޮޅު އުތުރުބުރިއަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. ނިލަންދޫ އެއަރޕޯޓަކީ މި ދައުރުގައި ސަރުކާރުން ތަރައްޤީކުރުމަށް އިއުލާނުކޮށްފަވާ 12 އެއަރޕޯޓްގެ ތެރޭގައި ހިމެނޭ އެއް އެއަރޕޯޓެކެވެ.