ޚަބަރު

ވީއެމްސީގެ މާކެޓް ޕްލޭސް "ކްރިއެޓޯލް" އާންމުންނަށް ހުޅުވާލައިފި


  • މިއީ ދިވެހި އުފެއްދުންތެރި ކޮންޓެންޓަށް ޚާއްސަ މާކެޓް ޕްލޭސްއެއް

  • މިއީ ރާއްޖޭގެ "ކްރިއޭޓިވް އިކޮނޮމީ" ކުރިއަރުމަށްވެސް ހުޅުވުނު މަގެއް

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަން، ވީއެމްސީއިން ދިވެހި އުފެއްދުންތެރި ކޮންޓެންޓަށް ޚާއްސަ މާކެޓް ޕްލޭސް "ކްރިއެޓޯލް" ރަސްމީކޮށް އާންމުންނަށް ހުޅުވާލައިފިއެވެ. މިކަމަށްޓަކައި ޕީއެސްއެމްގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި "ކްރިއެޓޯލް" ޕްލެޓްފޯމް އިފްތިތާހުކޮށްދެއްވީ ފަންނާއި ސަގާފަތާއި ތަރިކައާއި ބެހޭ ވަޒީރު ހީނާ ވަލީދާއި ވިޒިޓް މޯލްޑިވްސް ސީއީއޯ އިބްރާހިމް ޝިއުރީއެވެ.

ވިޒިޓް މޯލްޑިވްސްއިން ތަރައްޤީކުރި "ކްރިއެޓޯލް" އަކީ ރާއްޖޭގެ ވިޝުއަލް އަދި ސަޤާފީ އުފެއްދުންތަކަށް ޚާއްސަ ގައުމީ ޑިޖިޓަލް މާކެޓްފްލޭސްއެކެވެ. މި ޕްލެޓްފޯމް މެދުވެރިކޮށް އުފެއްދުންތެރިންނާއި، ފަތުރުވެރިކަމުގެ ވިޔަފާރިތަކާއި، މީޑިއާ އިދާރާތަކާއި ސަރުކާރުގެ މުވައްސަސާތަކުގެ އިތުރުން ބޭރުގެ މިޝަންތަކާއި ގުޅުވައިދޭނެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވީ، ރާއްޖެ އިޝްތިހާރުކުރަން ބޭނުންވާ ފޮޓޯއާއި ވިޑީއޯ ބޭނުންވެގެން ވަރަށް ގިނަ ވުޒާރާތަކާއި އެމްބަސީތަކުން ރިކުއެސްޓް އަންނަކަމަށެވެ. މިވަގުތު މިކަމުގައި އޮންނަނީ ވަރަށް މެނުއަލް ސިސްޓަމެއްކަން ފާހަގަކުރައްވައި ޝިއުރީ ވިދާޅުވީ، ކްރިއެޓޯލް ވުޖޫދުވީ، މިކަން ޒަމާނީ ގޮތަކަށް ބަދަލުކުރަން ކުރެވުނު މަޝްވަރާއެއްގެ ތެރެއިންކަމަށެވެ.

"ކޮންޓެންޓަކީ އަބަދުވެސް އާވަމުން އަންނަ އެއްޗެއް. ވަރަށް ތަފާތު އެކިއެކި ކޮންޓެންޓް އެބަ ބޭނުންވޭ. އަޅުގަނޑުމެންނަށްވެސް ކޮންޓެންޓް ހޯދަން ކިހިނެތްތޯ އެންމެ ފަސޭހައިން މިކަން ކުރެވޭނީ ވިސްނި ވިސްނުމުން އަޅުގަނޑުމެންނަށްވެސް އިނގިގެން މިދިޔައީ މިސާލަށް މިކަހަލަ ޕްލެޓްފޯމެއް ކްރިއޭޓްކޮށްފިއްޔާ ޑެސްޓިނޭޝަން ޕްރޮމޯޓްކުރަން ކޮންޓެންޓް ބައިވަރު ލިބޭނެއޭ. އަދި މި ކޮންޓެންޓް ހޯދާއިރު ކޮންޓެންޓް ކްރިއޭޓަރުންނަށްވެސް ފައިދާވާނީ ކިހިނެތް މިކަން ކުރިއްޔާތޯ. އެއިރުވެސް ވިސްނުނީ މާކެޓް ޕްލޭސްއެއް ތައްޔާރުކުރާނީއޭ ވިޒިޓް މޯލްޑިވްސް ފަރާތުން އޭގެ ފައިދާ ކޮންޓެންޓް ކްރިއޭޓަރުންނަށްވެސް ލިބޭގޮތައް." ޝިއުރީ ވިދާޅުވިއެވެ.

ޕީއެސްއެމްއަކީ "ކްރިއެޓޯލް" ގެ ބައިވެރިއެކެވެ. ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ޝަކީބް ވިދާޅުވީ، މި ޕްލެޓްފޯމްގެ ތެރެއިން އުފެއްދުންތެރިންނަށް ހުޅުވިގެން މިދިޔައީ އެމީހުންގެ އުފެއްދުންތައް ދައްކާލާނެ ފުރުސަތެއްކަމަށެވެ. ޕީއެސްއެމްގައި ގާތްގަނޑަކަށް 50 އަހަރުގެ ޑިޖިޓަލް އާކައިވްއެބަހުރިކަމަށެވެ. ވިޒިޓް މޯލްޑިވްސްއާއިއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ އާކައިވްގެ ތެރެއިން ހޮވާލެވޭ ބައެއް އެއްޗެހި ބޭނުންކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށެވެ.

"ޕީއެސްއެމްއަކީ ރާއްޖޭގެ ޑިޖިޓަލް އާކައިވްއަށް ބަލާކަމަށްވަންޏާ އޯޑިއޯ، ވިޝުއަލް މެޓީރިއަލްއަށް ބަލާކަމަށްވަންޏާ ގާތްގަނޑަކަށް 50 އަކަށް އަހަރުގެ މެޓީރިއަލް އަޅުގަނޑުމެން އަތުގައި ހުންނާނެ އަޅުގަނޑުމެންގެ އާކައިވްގައި. އެ މެޓީރިއަލްއަކީ އެންމެންނަށް އެ ބޭނުންކުރުމުގެ ފުރުސަތެއް ހުރި އެއްޗެއްނޫން. މި ޕްލެޓްފޯމް މެދުވެރިކޮށް އަޅުގަނޑުމެންނަށް އެމްއޯޔޫގެ ދަށުން އަޅުގަނޑުމެން މި ފުރުސަތުދެނީ އަޅުގަނޑުމެންގެ އާކައިވްގެ ތެރެއިން ހޮވާލެވޭ ބައެއް އެއްޗެހި އެބޭފުޅުންގެ ބޭނުންތަކަށް ބޭނުންކުރުމުގެ ފުރުސަތު." ޝަކީބް ވިދާޅުވިއެވެ.

ކްރިއެޓޯލް މެދުވެރިކޮށް އުފެއްދުންތެރިންނަށް ވެރިފައިޑް ޕްރޮޕައިލްތައް ހަދައި، ފޮޓޯއާއި ވީޑިއޯ އަޕްލޯޑްކޮށް، އަގު ކަނޑައަޅައި އަމިއްލަ މަސައްކަތުގެ މިލްކުވެރިކަން ދަމަހައްޓަމުން އާމްދަނީ ހޯދޭނެކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ. އަދި ކްލަޔަންޓުންނަށް މި މާކެޓް ޕްލޭސްއިން ކޮންޓެންޓް ބަލައި ހިލޭ ލިބެންހުރި ތަކެތި ޑައުންލޯޑްކޮށް އަދި ލައިސަންސްކޮށްފައިވާ ތަކެތި ގަތުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ކްރިއެޓޯލްއަކީ ހަމައެކަނި ކޮންޓެންޓް ގަނެ ވިއްކާ ތަނެއް ނޫނެވެ. މިއީ ރާއްޖޭގެ "ކްރިއޭޓިވް އިކޮނޮމީ" ކުރިއަރުވައި ރާއްޖޭގެ ވާހަކަތައް އިތުބާރު ހުރި ގޮތެއްގައި ދުނިޔެއަށް ފޯރުކޮށްދިނުމަށާއި، އުފެއްދުންތެރިންނަށް އައު ދޮރުތަކެއް ހުޅުވައިދޭނެ މުހިންމު ވަސީލަތެއްކަމަށް ވިޒިޓް މޯލްޑިވްސްއިން ބުނެއެވެ.