ކ. ތުލުސްދޫގައި މިހާރު ކުރިއަށްދާ އައިބީސީ ވޯލްޑް ޓުއާގެ މޯލްޑިވްސް ޕްރޯ ބޮޑީބޯޑިން މުބާރާތުގެ ސެމީ ފައިނަލުން ރާއްޖޭގައި އުފެދުނު އެންމެ ކާމިޔާބު ބޮޑީބޯޑަރު އަލީ ޚުޝްރުވާން (ކުޑައައްޔަ) އާއި މިދިޔަ އަހަރުގެ ގައުމީ ބޮޑީބޯޑިން ލީގުގެ ޗެމްޕިއަން އާމިން އުމަރު މޫސާ ޖާގަ ހޯދައިފިއެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލުގައި ރާއްޖޭގެ ހަތަރު އެތުލީޓުން ވަނީ ވާދަކޮށްފައެވެ. އެއީ ޚުޝްރުވާންއާ އާމިންގެ އިތުރުން ނޫހް މުހައްމަދު ދުނައިމް އިރުޝާދު އަދި އަޝްރަފް ހަސަންއެވެ.
ޚުޝްރުވާން ސެމީ ފައިނަލުން ޖާގަ ހޯދީ ނޫހްގެ މައްޗަށް 0.9 ޕޮއިންޓުން ކުރިހޯދައިގެންނެވެ. ކުއާޓާ ފައިނަލުގެ ފުރަތަމަ ހީޓުގައި މި ދެ އެތުލީޓުން ވާދަކުރިއިރު، ޚުޝްރުވާން ވަނީ މުޅިއެކު 14.50 ސްކޯކޮށްފައެވެ. ނޫހް އަށް ސްކޯކުރެވުނީ 13.60 އެވެ. ޚުޝްރުވާން އެންމެ މަތިން ސްކޯކުރީ ތިނެއް އަދި ހަތަރުވަނަ ރާޅުގައެވެ. ތިންވަނަ ރާޅުގައި 7.00 ސްކޯކުރިއިރު، ހަތަރުވަނަ ރާޅުގައި 7.50 ސްކޯކުރިއެވެ.
ނޫހް އެންމެ މަތިން ސްކޯކުރީ ހަތެއް އަދި އަށްވަނަ ރާޅުގައެވެ. ހަތްވަނަ ރާޅުން ނޫހް އަށް 6.50 ލިބުނުއިރު، އަށްވަނަ ރާޅުން 7.10 ސްކޯކުރިއެވެ.
އާމިން އަށް ސެމީގެ ޖާގަ ލިބުނީ ކުއާޓާގެ ހަތަރުވަނަ ހީޓުގައި ވާދަކޮށް ހޫގޯ ނައުޑޭގެ މައްޗަށް 0.25 ގެ ނަތީޖާއަކުން ކުރިހޯދައިގެންނެވެ. މި ހީޓުގައި އާމިން އަށް މުޅިއެކު 13.25 ސްކޯއެއް ލިބުނުއިރު، ނައުޑޭއަށް ސްކޯކުރެވުނީ 13.00 އެވެ.
މި ހީޓުގައި އާމިން އެންމެ މަތިން ސްކޯކުރީ ފުރަތަމަ އަދި ތިންވަނަ ރާޅުގައެވެ. ފުރަތަމަ ރާޅުން 6.00 ލިބުނުއިރު، ތިންވަނަ ރާޅުން 7.25 ސްކޯއެއް ލިބުނެވެ.
ސެމީ ފައިނަލުގައި ޚުޝްރުވާން ނުކުންނަން ޖެހޭނީ އައިބީސީގެ އިވެންޓުތަކުގައި އެންމެ ކާމިޔާބުއެއް އެތުލީޓުކަމަށްވާ ޕިއެރޭ ލުއިސް ކޮސްޓެސް (ޕީއެލްސީ)އާ ދެކޮޅަށެވެ. އަދި ސެމީގެ ދެވަނަ ހީޓުގައި އާމިން ނުކުންނާނީ އާމިޑޭ ސޮލިވެރެސް އާ ދެކޮޅަށެވެ.