ޚަބަރު

އެމްއައިބީގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ޑިރެކްޓަރެއް ހޯދަނީ


  • މި މަގާމަށް ހޮވޭ ފަރާތަކީ ބޭންކުގެ ހިއްސާދާރަކަށް ވާންޖެހޭ

  • އެޕްލިކޭޝަން ފޯމު މިމަހުގެ 31ގެ ކުރިން ހުށަހަޅަން ޖެހޭނެ

މޯލްޑިވްސް އިސްލާމިކް ބޭންކް، އެމްއައިބީގެ "ޑިރެކްޓަރުންގެ ބޯޑު"ގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑައިރެކްޓަރުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ބޭންކުން ހުޅުވާލައިފިއެވެ.

އެމްއައިބީން މަޢުލޫމާތު ދޭގޮތުގައި، މި މަޤާމަށް ހޮވޭ ފަރާތަކީ ބޭންކުގެ ހިއްސާދާރަކަށް ވާންޖެހޭނެއެވެ. އަދި ދިވެހިރާއްޖޭގެ ބޭންކިންގ ޤާނޫނާއި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭގެ ޤަވާއިދުތަކާއި، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ، ސީއެމްޑީއޭގެ އުސޫލުތަކުގެ އިތުރުން ބޭންކުގެ ހިންގާ ޤަވާއިދުގައި ބަޔާންކޮށްފައިވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށް ވާންޖެހޭނެ ކަމަށް ބުނެފައިވެއެވެ.

މި މަޤާމަށް ކުރިމަތިލާ ފަރާތްތަކުގެ ތައުލީމީ ޤާބިލުކަމަށް ބަލާއިރު، ބޭންކިންގ، ފައިނޭންސް، އެކައުންޓިންގ ނުވަތަ އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން މާސްޓަރޒް ޑިގްރީ އޮތުން ނުވަތަ މި ދާއިރާތަކުން ސްޕެޝަލައިޒްވެފައިވާ އެމްބީއޭއެއް އޮތުން ނުވަތަ މިދާއިރާތަކުގެ ބެޗްލަރސް ޑިގްރީއެއް އޮތުން ހިމެނެއެވެ. އަދި ޗާޓަރޑް އެކައުންޓިންގ ބޮޑީއެއްގެ ފުލް ނުވަތަ އެސޯސިއޭޓް މެމްބަރަކަށް ވުންވެސް ތައުލީމީ ޝަރުތުގެ ތެރޭގައި ހިމެނެއެވެ.

މީގެއިތުރުން، ކުރިމަތިލާ ފަރާތްތަކަކީ ބޭންކިންގް އަދި މާލީ ދާއިރާގެ އެކަށީގެންވާ މަޢުލޫމާތު ހުރި، އަޚުލާގީ ގޮތުންނާއި ނަޒާހާތްތެރިކަމުގެ އެންމެ މަތީ މިންގަނޑުތައް ހިފަހައްޓާ ފަރާތަކަށް ވާންޖެހެއެވެ. އަދި ހިއްސާދާރުންގެ ދިގު މުއްދަތުގެ މަޞްލަޙަތު ތަމްސީލުކުރެވޭނެ ފަރާތްތަކަކަށް ވާންޖެހެއެވެ. މި މަޤާމަށް އައްޔަންކުރާ ފަރާތަކީ، އުމުރުން 30 އަހަރާއި 70 އަހަރާ ދެމެދުގެ މީހަކަށް ވާންޖެހޭނެއެވެ.

މި މަޤާމަށް ކުރިމަތިލާން އެދޭ އާންމު ހިއްސާދާރުން، ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި ބޭނުންވާ ލިޔެކިޔުންތައް، މިމަހުގެ 31ވާ ހޯމަ ދުވަހުގެ 16:00ގެ ކުރިން އެމްއައިބީގެ ހެޑް އޮފީހުގެ 5 ވަނަ ފަންގިފިލާއަށް ނުވަތަ އީމެއިލް މެދުވެރިކޮށް ހުށަހެޅުމަށް އެމްއައިބީން އެދެއެވެ. މި މަޤާމަށް އެދި ހުށަހަޅާ ފޯމު އެމްއައިބީގެ ވެބްސައިޓް (www.mib.com.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.