އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނާ ދެކޮޅަށް ކުރައްވަމުންދާ ހަނގުރާމަ އިތުރަށް ފުޅާކުރައްވައިފިނަމަ، އިރުދެކުނު ވިލާތުގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމުގެ ފުރުސަތުތަކާ މެދު އީރާނުން ވިސްނަމުންދާ ކަމަށް ފައިނޭންޝަލް ޓައިމްސް އިން ބުދަ ދުވަހު ރިޕޯޓުކޮށްފިއެވެ.
އެ ނޫހުން ބުނެފައިވަނީ، އިރުދެކުނު ވިލާތުގެ ގައުމުތަކުގައިވާ އެމެރިކާގެ އަސްކަރީ އުޅަނދުފަހަރާއި ވަސީލަތްތަކަށް ހަމަލާދެވިދާނެ ގޮތްތައް އީރާނުގެ އަސްކަރިއްޔާއިން ދިރާސާކޮށްފައިވާ ކަމަށެވެ. މީގެ ތެރޭގައި މިދިޔަ މަހު އެމެރިކާގެ އުޅަނދުފަހަރަށް ތެޔޮ އެޅުމުގެ ހުއްދަ ދީފައިވާ ބަލްގޭރިއާގެ ބެޒްމާ ވައިގެ ބަނދަރު ހިމެނެއެވެ.
އޭގެ އިތުރުން، އެމެރިކާއިން ހަނގުރާމަ އަލުން ފަށައިފިނަމަ، ދެކުނު ސައިޕްރަސް ގައިވާ އަސްކަރީ މަރުކަޒުތަކަށް ހަމަލާދިނުމާމެދުވެސް އީރާނުން ދަނީ ވިސްނަމުންނެވެ. އަދި ހުރްމުޒް ކަނޑުއޮޅީގައި އަޑީގައި އަޅާފައިވާ ފައިބަރ-އޮޕްޓިކް ކޭބަލްތަކަށް ހަމަލާދިނުމުގެ ފުރުޞަތު އޮތްތޯވެސް އީރާނުގެ އަސްކަރިއްޔާއިން ވަނީ ދިރާސާކޮށްފައިކަމަށް ރިޕޯޓުތަކުން ބުނެއެވެ.
އީރާނުގެ އުމްރާނީ ވަސީލަތްތަކަށް ހަމަލާދޭނެކަމަށް ޓްރަމްޕް ދެއްވާފައިވާ އިންޒާރުތައް އަމަލީ ސިފައަށް ބަދަލުކޮށްފިނަމަ، ހަނގުރާމަ މެދުއިރުމަތިން ބޭރަށް ފުޅާކޮށް ވިލާތުގެ ގައިމުތަކަށް ހަމަލާދޭން އީރާން އޮތީ ތައްޔާރަށް ކަމަށް މަސްދަރަކުން ވަނީ ބުނެފައެވެ.
މި ރިޕޯޓު އައިސްފައިވަނީ ހުރްމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމާ މެދު ކުރެވޭ މަޝްވަރާތައް ހުއްޓި، އިރާނާއި އެމެރިކާ އާއި ދެމެދު އަލުން ވާހަކަދެކެވޭނެ ކަމުގެ އުންމީދު ފަނޑުވެފައިވާ ދަނޑިވަޅެއްގައެވެ. ރައީސް ޓްރަމްޕް ވިދާޅުވެފައިވަނީ އީރާނާއެކު އެއްވެސް މަޝްވަރާއެއް ކުރިއަށް ނުދާކަމަށާއި، އިތުރަށް ތާވަލުކުރެވިފައިވާ މަޝްވަރާއެއްވެސް ނެތްކަމަށެވެ.
އީރާނުގެ އަސްކަރީ މަސްޢޫލުވެރިން ކުރިންވެސް ވަނީ އީރާނުގެ ފަސްގަނޑަށް ހަމަލާދިނުމަށް ބޭނުންކުރާ އެއްގަމާއި ކަނޑުގެ އެއްވެސް އަސްކަރީ މަރުކަޒަކީ އީރާނުގެ އަމާޒަކަށް ވެގެންދާނެކަމުގެ އިންޒާރު ދެއްވާފައެވެ. އަސްކަރީ މާހިރުން ފާހަގަކުރާ ގޮތުގައި، ދުރު ރާސްތާއަށް ހަމަލާދިނުމުގައި ޔަގީންކަން ކުޑަވިނަމަވެސް، ވިލާތުގެ ދެކުނާއި އިރުދެކުނުގެ ބައިތަކަށް ހަމަލާދެވޭނެ މިސައިލް އީރާނުގެ އަސްކަރިއްޔާގައި އެބަހުރި ކަމަށެވެ.
ނިމުނު ޖޫން މަހު އީރާނާއި އެމެރިކާއިން ހަނގުރާމަ ހުއްޓާލުމަށް ފަހުމުނާމާއެއްގައި ސޮއިކުރި ނަމަވެސް، ދެފަރާތުން އެއްބަސްވުމާ ޚިލާފުވިކަމުގެ ތުހުމަތުތަކާއެކު އަލުން ހަމަލާތައް ވަނީ ފެށިފައެވެ. އަދި ހުރްމުޒް ކަނޑުއޮޅި ހުޅުވާލުމަށް ކުރެވުނު ސަރަޙައްދީ ޚާރިޖީ މަސައްކަތްތަކުންވެސް މިހާތަނަށް އެދެވޭ ނަތީޖާއެއް ނެރެވިފަކާއި ނުވެއެވެ.