ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް 'ސައިޓޯޓޮކްސިކް' ކުނި މެނޭޖުކޮށް، ރައްކާތެރިކަމާއެކު ބަންދުކޮށްފައި ބަހައްޓާނެ މަރުކަޒެއް އައްޑޫ ސިޓީގައި ގާއިމުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މިއަދު އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ފަހުމުނާމާގައި ސޮއިކޮށްފައިވަނީ މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި ހަކަތައާއި ބެހޭ ވުޒާރާއާއި، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލާއި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަނާ ދެމެދެވެ.
މި ފަހުމުނަމާގެ ދަށުން މި މަރުކަޒު ހިންގުމަށްޓަކައި ބައިވެރިވާ 3 ފަރާތުގެ ދައުރުވެސް ވަނީ ކަނޑައެޅިފައެވެ. އެގޮތުން ތިމާވެއްޓާއި ބެހޭ ވުޒާރާއިން މި މަޝްރޫޢު ވިލަރެސްކުރާއިރު، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުން މިފަދަ ކުނި ރައްކާތެރިކަމާއިއެކު އުފުލުމާއި މަރުކަރު ހިންގަން ފެށުމުގެ މަސައްކަތުގައި އެހީތެރިވެދޭނެއެވެ. އަދި ވެމްކޯއިން ކުނި މެނޭޖުކުރުމުގެ ޚިދުމަތުގެ ދަށުން މި މަރުކަޒު ބަލަހައްޓާ، ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ވަނީ އެއްބަސްވެފައެވެ.
މި މަރުކަޒު ޤާއިމުކުރެވޭނީ ގްލޯބަލް އެންވަޔަރަމެންޓް ފެސިލިޓީ (ޖީއީއެފް) ގެ އެހީގައި މޫސުމީ ބަދަލުތަކާއި، ތިމާވެށްޓާއި ހަކަތައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ 'ރިވިއު އެންޑް އަޕްޑޭޓް އޮފް ދަ ނޭޝަނަލް އިމްޕްލިމެންޓޭޝަން ޕްލޭން ފޯ ދަ ސްޓޮކްހޯމް ކޮންވެންޝަން އޮން ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓޭންޓްސް އިން މޯލްޑިވްސް' މަޝްރޫއުގެ ދަށުންނެވެ. އަދި މި މަސައްކަތަށް ފަންނީ އެހީތެރިކަން ދީފައިވަނީ، ރައްކާތެރި ގޮތުގައި ކެމިކަލާއި އެއިން އުފެދޭ ކުނި މެނޭޖުކުރުމަށް ހިންގާ 'އެލިމިނޭޓިންގ ޕާރސިސްޓެންޓް އޯގަނިކް ޕޮލިއުޓަންޓްސް ތުރޫ ސައުންޑް މެނޭޖްމެންޓް އޮފް ކެމިކަލްސް' މަޝްރޫޢުގެ ފަރާތުންނެވެ.
މި މަޝްރޫޢަކީ، އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ރައްކާތެރިކަމާއެކު ކީމޯތެރަޕީ ކުނި ނައްތާލުމުގައި ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދުމަށް ފެށި މަސައްކަތެކެވެ. 2019 ވަނަ އަހަރުން ފެށިގެން އެ ހޮސްޕިޓަލުން ކީމޯތެރަޕީގެ ޚިދުމަތް ދެމުން އަންނައިރު، މިފަދަ ނުރައްކާތެރި ކުނި ރައްކާތެރިކަމާއެކު ނައްތާލެވޭނެ ނިޒާމެއް ގާއިމުވެފައި ނެތުމުގެ ސަބަބުން، ގާތްގަނޑަކަށް 70 ކިލޯގެ 'ސައިޓޯޓޮކްސިކް' ކުނި ޖަމާވެފައިވާ ކަމަށް އެހޮސްޕިޓަލުން ވަނީ މައުލޫމާތު ދެއްވާފައެވެ.
'ސައިޓޯޓޮކްސިކް' ކުނީގެ ތެރޭގައި މުއްދަތު ހަމަވެފައިވާ ނުވަތަ ބޭނުން ނުކޮށް ހުންނަ ކީމޯތެރަޕީ ބޭހާއި، އެ ބޭސް ތައްޔާރުކުރުމުގައާއި ބޭނުންކުރުމުގައި ބޭނުންކުރާ ތަކެތި ހިމެނެއެވެ. މި ބޭސްތަކަކީ ކެންސަރު ސެލްތައް ނައްތާލުމަށް އުފައްދާފައިވާ ބޭސްތަކަކަށް ވީނަމަވެސް، މިފަދަ ބޭހުން އުފެދޭ ކުނިން ހަށިގަނޑުގެ ދުޅަހެޔޮ ސެލްތަކަށް ގެއްލުންވުމުގެ ފުރުސަތު އޮވެއެވެ. އެހެންކަމުން، މިފަދަ ތަކެތި ރައްކާތެރިނޫން ގޮތަކަށް ނައްތާލައިފިނަމަ، ސިއްޙީ އެހީތެރިންނާއި، ކުނި އުކާލާ ފަރާތްތަކުގެ ޢާންމު ޞިއްޙަތަށް ނުރައްކާ ވެދާނެއެވެ. އަދި މިފަދަ ކެމިކަލްތައް ބޭރުވުމުގެ ސަބަބުން ފަސްގަނޑާއި ފެން ތަޣައްޔަރުވެ، ތިމާވެއްޓަށް ގެއްލުންވުން އެކަށީގެންވެއެވެ.
މި މަރުކަޒަކީ، ރާއްޖޭގައި މިފަދަ ކުންޏަށް ޚާއްސަކޮށްގެން ބިނާކުރާ ފުރަތަމަ މަރުކަޒެވެ. މި މަޝްރޫއިން މިފަދަ ކުނި ނައްތާލުމަށް ކަނޑައެޅިފައިވާ އުސޫލުތަކާއި އިންތިޒާމުތައް ތަޖުރިބާ ކުރެވޭނެއެވެ. އަދި މި މަސައްކަތުން ލިބޭ ތަޖުރިބާގެ އަލީގައި، ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި ހުރި ސިއްޙީ ޚިދުމަތްދޭ ތަންތަނަށް ދިމާވެފައިވާ މިފަދަ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދުމަށްވެސް މަގުފަހިވެގެންދާނެއެވެ.
މި މަރުކަޒުގައި 'ސައިޓޯޓޮކްސިކް' ކުނި ރައްކާތެރިކަމާއެކު ބަންދުކުރުމަށް 'ސޯޑާ ލައިމް'އާއި އެއްކުރުމަށްފަހު 'ހައި-ޑެންސިޓީ ޕޮލީއެތިލީން' ފީފާތަކަށް އަޅައި ސިމެންތިން ބަންދުކުރެވޭނެއެވެ. އަދި މިގޮތަށް ބަންދުކުރާ ތަކެތީގައި އެއީ ކޮން އެއްޗެއްކަން އެނގޭނެހެން ލޭބަލް ކުރުމަށްފަހު، މި ފެސިލިޓީގައި ރައްކާތެރިކަމާއިއެކު ބެހެއްޓޭނެއެވެ. މި އިންތިޒާމުގެ ސަބަބުން މިފަދަ ނުރައްކާތެރި މާއްދާތަކަށް ތިމާވެއްޓާއި މީހުން ހުށަހެޅުމުގެ ފުރުސަތު ކުޑަވާނެއެވެ.
މި މަސައްކަތަކީ، ތިމާވެއްޓަށް ބޭރުވާ ނުރައްކާތެރި ވިހަ މާއްދާތައް ނުވަތަ 'އަންއިންޓެންޝަނަލް ޕާސިސްޓަންޓް އޯގަނިކް ޕޮލިއުޓަންޓްސް' (ޔޫ-ޕޮޕްސް) މަދުކުރުމަށް ޤައުމީ ފެންވަރުގައި ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެ ބޮޑު ކުރިއެރުމެކެވެ. ޞިއްޙީ ދާއިރާއިން އުފެދޭ ކުނި، ރައްކާތެރިނޫން ގޮތުގައި އަންދާލުމުގެ ސަބަބުން 'ޑައިއޮކްސިން' އަދި 'ފިއުރަން' ފަދަ ނުރައްކާތެރި ވިހަ ގޭސްތައް ތިމާވެއްޓަށް ބޭރުވެއެވެ. މިފަދަ މާއްދާތަކަކީ ގިނަ ދުވަހު ތިމާވެށީގައި ހުންނަ، އަދި ވައިގެ ތެރެއިންނާއި ފެނުގެ ޒަރީޢާއިން ކާބޯތަކެތީގެ ނިޒާމުގެ ތެރެއަށް ފޯރުމުގެ ފުރުސަތު އޮންނަ މާއްދާތަކެކެވެ.
މީގެ އިތުރުން، މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި، އައްޑޫ ސިޓީ ހިތަދޫގައި ހުންނަ ނުރައްކާތެރި ކެމިކަލާއި، އެއިން އުފެދޭ ކުނި ވަގުތީގޮތުން ރައްކާކުރާ މަރުކަޒާއި އިންވެގެންވާ ބިން، މިނިސްޓްރީގެ ފަރާތުން މިއަދު ވަނީ ރަސްމީކޮށް ކޮންޓްރެކްޓަރުންނާ ހަވާލުކޮށްފައެވެ. އަދި މި މަރުކަޒުގެ އިމާރާތްކުރުމުގެ މަސައްކަތް ނިމި، މި އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށޭނެކަމަށް ލަފާކޮށްފައިވެއެވެ.
ދިވެހި ސަރުކާރުން އަންނަނީ ޞިއްޙީ ދާއިރާއިން އުފެދޭ ކުނި ނައްތާލުމުގެ ނިޒާމުތަކާއި ވަސީލަތްތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރުދަނާކޮށް، ސިއްޙީ އެހިތެރިންނާއި ކުނި އުކާލުމުގައި ހަރަކާތްތެރިވާ މީހުންގެ ރައްކާތެރިކަމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަޝްރޫޢަކީ ރާއްޖޭގައި ފުޅާވަމުންދާ ޞިއްޙީ ޚިދުމަތްތަކާއެކު އުފެދޭ ނުރައްކާތެރި ކުނި، ޒިންމާދާރުކަމާއެކު ރައްކާތެރި ގޮތުގައި މެނޭޖުކުރުމަށް އެޅި މުހިންމު ފިޔަވަޅެކެވެ.