އަހަރުގެ ތިންވަަނަ ގްރޭން ސްލޭމް މުބާރާތް ކަަމަށްވާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ ދެވަނަ ބުރުން ޔަނިކް ސިނަރ އާއި އަރީނާ ސަބަލެންކާ ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ދެވަނަ ބުރުން މިމުބާރާތުގެ ފިރިހެން ސިންގަލްސް އިވެންޓްގައި އެއްވަނައަށް ސީޑު ކުރެވިފައިވާ އިޓަލީވިލާތުގެ ސިނަރ ޖާގަހޯދީ ފުރަތަަމަ ބުރުގައި ސާބިއާގެ މިއޮމީރު ކެޗްމަނޮވިޗް އާއި ބައްދަލުކުރި މެޗު 3 ސެޓް 2 ސެޓުން ކާމިޔާބު ކޮށްގެންނެވެ.
އެންމެ ފަހުން ކުޅުނު ފްރެންޗް އޯޕަންގެ ދެވަނަ ބުރުގައި ހައިރާން ކުރުވަނިވި ގޮތަކަށް ސިނަރ މުބާރާތަށް އަލްވަދާއު ކިޔާފައިވުމުގެ ސަބަބުން މިފަހަރުގެ މުބާރާތުގައި އޭނާގެ ފަރާތުން ފެނިގެންދާނީ ކޮންކަހަލަ ކުޅުމެއްތޯ އާމެދު ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދިގެންދިޔައެވެ.
ނަމަވެސް ފުރަތަމަ ބުުރުގައި އޭނާ ދެއްކި މޮޅު ކުޅުމާއި އެކު އެކަމާއި މެދު އެއްވެސް ފަރާތެއްގެ ހިތުގައި ސުވާލެއް ވާނަމަ އޭނާވަނީ އެކަން ފިލުވާލަދީފައެވެ. ސިނަރ ފުރަތަމަ ބުރުގައި ކުޅުނު މެޗުގެ ސެޓްތައް ކާމިޔާބު ކޮށްފައިވަނީ ހަތަރެއް ހައެއް، ހައެއް ތިނެއް، ހައެއް ހަތެއް، ހައެއް ދެއެއް އަދި ހައެއް ތިނަކުންނެވެ.
ސިނަރ އެންމެ ބޮޑު ވާދައެއް ކުރާ ސްޕެއިންގެ ކާލޯސް އަލްކަރާޒް މިމުބާރާތުގައިވެސް އަނިޔާގެ ސަބަބުން ނުކުޅޭތީ މިމުބާރާތް ކާމިޔާބު ކުރާނެ ކަމަށް ގިނަ ބަޔަކު ބުނަމުންދާ ކުޅުންތެރިޔަކީ ސިނަރއެވެ.
ސިނަރއަށް ދެވަނަ ބުރުން ޖާގަ ލިބިގެންދިޔަ ނަމަވެސް ފިރިހެން ސިންގަލްސްގައި ފާހަގަ ކޮށްލެވޭ ބައެއް ކުޅުންތެރިންވަނީ ފުރަތަމަ ބުރުން މުބާރާތަށް އަލްވަދާއު ކިޔަން ޖެހިފައެވެ.
މިގޮތުން 11 ވަނައަށް ސީޑު ކުރެވިފައިވާ ނޯވޭގެ ކެސްޕަރ ރޫޑް ވަނީ ޕޯލަންޑްގެ ހުބަރޓް ހަރކާޒް އާއި ބައްދަލުކުރި މެޗުން ސީދާ ތިން ސެޓުން ބަލިވެފައެވެ. އެއީ ހައެއް ހަތަރެއް، ހައެއް ދެއެއް އަދި ހަތެއް ހަޔަކުންނެވެ. މީގެއިތުރުން 12 ވަނައަށް ސީޑު ކުރެވިފައިވާ ރަޝިޔާގެ އަންޑްރޭ ރުބްލޭވްވަނީ އަމިއްލަ ޤައުމަށް ނިސްބަތްވާ ރޯމަން ސަފިއުލިން އަތުން 3 ސެޓު 2 ސެޓުން ބަލިވެފައެވެ.
މިމުބާރާތުގެ އަންހެން ސިންގަލްސް އިވެންޓްގައި އެެއްވަނައަށް ސީޑު ކުރެވިފައިވާ ބެލަރޫސްގެ ސަބަލެންކާ ދެވަނަ ބުރުން ޖާގަހޯދީ ފުރަތަަމ ބުރުގައި ސާބިއާގެ ޓެއޮޑޯރާ ކޮސްޓޮވިޗް އާއި ބައްދަލުކުރި މެޗު ސީދާ ދެސެޓުން ކާމިޔާބު ކޮށްގެންނެވެ. އެއީ ހައެއް ދެއެއް އަދި ހައެއް ތިނަކުންނެވެ.
ސަބަލެންކާގެ ނަސީބު ރަނގަޅުވި ނަމަވެސް ނިމިގެންދިޔަ ފްރެންޗް އޯޕަންގެ ފައިނަލްގައި ވާދަކުރި މާޔާ ޗުވަލިންސްކާގެ ނަސީބު ރަނގަޅެއް ނުވިއެވެ. އޭނާ ފުރަތަމަ ބުރުން ބަލިވީ ތައިލަންޑްގެ މަނަންޗާޔާ ސަވަންގކައު އަތުން 2 ސެޓް އެއް ސެޓުންނެވެ.
މީގެއިތުރުން 14 ވަނައަށް ސީޑު ކުރެވިފައިވާ ޖަޕާންގެ ނައޯމީ އޮސާކާ އާއި އެލްސާ ޖެކުއެމޯ ބައްދަލުކުރި މެޗު އޮސާކާ ކާމިޔާބު ކޮށްފައިވަނީ ހައެއް އެކެއް އަދި ހަތެއް ފަހަކުންނެވެ. 4 ވަނައަށް ސީޑު ކުރެވިފައިވާ އެމެރިކާގެ ޖެސިކާ ޕެގޫލާ އާއި ޑާރްޔާ ވިޑްމަނޯވާ ބައްދަލުކުރި މެޗު ހަތެއް ފަހެއް އަދި ހައެއް ތިނަކުން ކާމިޔާބު ކޮށްފައިވަނީ ޕެގޫލާއެވެ.