ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން 133 ރަށެއްގެ ފެނުގެ ނިޒާމު އަދި 146 ރަށެއްގައި ނަރުދަމާ ނިޒާމު ޤާއިމުކުރުމުގެ މަސައްކަތް ނިމިފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ފަތުރުވެރިކަމާއި ތިމާވެށްޓާބެހޭ ވުޒާރާއިން މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހަށް މިހާރު ހުށައަޅާފައިވާ ފެނާއި ނަރުދަމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި ގުޅޭގޮތުން މަޖިލީހުގެ އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖު ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ.
ކޮމިޓީގައި ވާހަކަދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވުޒާރާގެ ޕާމަނަންޓް ސެކެޓްރީ އަޖުވަދު މުޞްޠަފާ ވިދާޅުވީ ފެނުގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް 56 ރަށެއްގައި އަދި ނަރުދަމާގެ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް 43 ރަށެއްގައި މިހާރު ކުރިއަށްދާ ކަމަށެވެ.
އަޖުވަދު ވަނީ ފެނާއި ނަރުދަމާ ޤާއިމުކުރުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 133 ރަށެއްގައި ފެނުގެ މަސައްކަތް ނިމި، 146 ރަށެއްގައި ނަރުދަމާގެ މަސައްކަތް ނިމިފައިވާކަމަށް ވިދާޅުވެފައެވެ. އަދި މިހާރު ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުގައިވާ މުއްދަތުކަމުގައިވާ 2027 ވަނަ އަހަރުގެ ކުރިން މި މަޝްރޫޢުތައް ނިންމާލެވޭނެކަމަށްވެސް އަޖުވަދު ވިދާޅުވިއެވެ.
"މި ޤާނޫނުގައި ތަޞައްވުރުކޮށްފައި އިން 5 އަހަރު ދުވަހަކީ ޚިދުމަތެއްގެ ގޮތުގައި މި ސިސްޓަމްތައް ޤާއިމުކޮށް ދިނުން. މީހުން ދިރިއުޅޭ ރަށެއްގައި ވެއްޖެއްޔާ އަބަދުވެސް ޚިދުމަތް އަޕްގްރޭޑް ކުރަންޖެހޭނެ. ރަށެއްގައި ޚިދުމަތްް ފަށަންޖެހޭ މުއްދަތު ޤާނޫނުގައި ކަނޑައަޅާފައި މި އޮންނަނީ." އަޖުވަދު ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން، ޤާނޫނު ނަންބަރު 8/2025 (ބަންޑާރަނައިބުގެ އޮފީހުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު އަދި ޤާނޫނު ނަންބަރު 17/2011 (މަސްތުވާތަކެއްޗާބެހޭ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލު ދިރާސާކުރުން pic.twitter.com/QBJKl3YFao
— People's Majlis (@mvpeoplesmajlis) August 10, 2025
ކޮމިޓީގައި ވާހަކަދައްކަވަމުން ފެނަކަ ކޯޕަރޭޝަންގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ޢާރިފް ވިދާޅުވީ 98 ރަށުގެ ފެނާއި ނަރުދަމާ ނިޒާމު އަޕްގްރޭޑްކުރުމުގެ މަސައްކަތް އެކުންފުނިން ކުރަމުން އަންނަކަމަށެވެ. އަދި ޚިދުމަތް ޤާއިމުކުރުމުގެ މަސައްކަތްތައް ސަރުކާރުން ކަނޑައަޅާފައިވާގޮތަށް 2027 ނިންމާލެވޭނެ ކަމަށާއި އަޕްގްރޭޑިންގެ މަސައްކަތްތައްވެސް 2028އަށް ނިންމާލެވޭނެކަމަށް ޢާރިފް ވިދާޅުވިއެވެ.
"98 ރަށުގައި 2000 ކަނެކްޝަންސް މިވަގުތު ހަދަން އެބަ އޮތް. މެއިންޓެއިންކުރަން ޖެހޭ ރަށްރަށް އެބަހުރި. މި މަސައްކަތްތައް ނިމިގެން ފުރިހަމަ ގޮތެއްގައި ފެނާއި ނަރުދަމާގެ ޚިދުމަތް ފޯރުކޮށްދެވޭނީ." މުޙައްމަދު ޢާރިފް ވިދާޅުވިއެވެ.
ފެނާއި ނަރުދަމާގެ ޤާނޫނަށް ހުށައަޅާފައިވާ އިސްލާހުގައި ވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އެ ރަށަކާ އެކަށީގެންވާ ފެނާއި ނަރުދަމާގެ ނިޒާމެއް، ލަސްވެގެން 2027 ވަނަ އަހަރުގެ ނިޔަލަށް ޤާއިމުކޮށް ހިންގޭނެ އިންތިޒާމުތައް ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ގުޅިގެން ހަމަޖައްސަންވާނެކަމަށް ބަޔާންކުރައްވާފައެވެ.