ޚަބަރު

ފެލިވަރު ކޯލްޑް ސްޓޯރޭޖު ފެސިލިޓީ މަސްވެރިންގެ ދުވަހަށް ނިންމަނީ


  • 4000 ޓަނުގެ މަސް ފިިނިކޮށް ރައްކާކުރެވޭނެ

  • ފެސިލިޓީގެ %82 ވަނީ ނިމިފައި

  • 7 ކޯލްޑް ސްޓޯރޭޖު ދަނީ ތަރައްޤީކުރަމުން

ސަރުކާރުން ފެލިވަރުގައި ތަރައްޤީ ކުރަމުންދާ ކޯލްޑް ސްޓޯރޭޖު ފެސިލިޓީގެ މަސައްކަތް މިއަހަރުގެ މަސްވެރިންގެ ދުވަހަށް ނިންމާނެކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ވަޒީރު ވިދާޅުވީ، ޢުމްރާނީގޮތުން މަސްވެރިކަމުގެ ދާއިރާ ތަރައްޤީ ކުރުމުގެ މަސައްކަތްތަކުގެ ތެރެއިން މިވަގުތު އެންމެ އިސްކަމެއްދީގެން ކުރަމުންދަނީ، މަސް ގަނޑުކޮށް ރައްކާކުރެވޭނެ ފެސިލިޓީތައް އިތުރު ކުރުމުގެ މަސައްކަތްތައް ކަމަށެވެ. އެގޮތުން އަތޮޅުތަކުގެ 7 ރަށެއްގައި 11،000 ޓަނުގެ މަސް ރައްކާކުރެވޭ ކޯލްޑް ސްޓޯރޭޖު ފެސިލިޓީތައް ޤާއިމުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

މީގެތެރެއިން އެންމެ ބޮޑު އެއް މަޝްރޫޢުއަކީ، ފެލިފަރުގައި ތަރައްޤީކުރާ ކޯލްޑް ސްޓޯރޭޖު ފެސިލިޓީއެވެ. އެތަނުގައި 4000 ޓަނުގެ މަސް ރައްކާކުރެވޭއިރު، އެ މަޝްރޫޢުގެ %82 މަސައްކަތް މިހާރު ވަނީ ނިމިފައެވެ.

"މިއީ އިންޑިއާގެ ލައިން އޮފް ކްރެޑިޓުގެ ދަށުން ހިންގާ މަސައްކަތެއް. އެ މަސައްކަތް ދާގޮތް ބެލުމަށް ދާދިފަހުން އެ ފެސިލިޓީއަށް ދަތުރެއްވެސް ކޮށްފިން، އިންޑިއާ ސަފީރު ހިމެނިވަޑައިގަންނަވާހެން. މަސައްކަތްތައް ވަރަށް ބާރަށް ކުރިއަށްދޭ. އަމާޒަކީ، މަސްވެރިންގެ ދުވަހަށް އެތަން ހުޅުވާ މަސްކިރުވޭނެ ޚިދުމަތް ފެށުން." ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

ކޯލްޑް ސްޓޯރޭޖު ހަދާ އިތުރު ރަށްތައް:

ކޫއްޑޫ – 4000 ޓަނު : %53 މަސަތްކަތް ނިމިފައި
ގދ.ތިނަދޫ – 1000 ޓަނު : %75 ނިމިފައި
ހއ.އިހަވަންދޫ – 1000 ޓަނު : މަސައްކަތް ކޮންޓްރެކްޓް ކުރެވިފައި
މ.މުލައް – 500 ޓަނު : %25
ކ.ކަނޑުއޮތްގިރި – 200 ޓަނު : %15 ނިމިފައި
ތ.ހިރިލަންދޫ – 200 ޓަނު : ކޮންޓްރެކްޓް ކުރުމުގެ މަސައްކަތް ކުރިއަށް

މީގެތެރެއިން މ.މުލަކުގެ މަޝްރޫޢުއަކީ ސައުދީ ފަންޑުގެ ލޯނު އެހީގައި ކުރިޔަށްގެންދާ މަޝްރޫޢެކެވެ. އެރަށުގެ އައިސް ޕްލާންޓް ތަރައްޤީ ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ.

ވަޒީރު ވިދާޅުވީ، ހިރިލަންދޫއަކީ ގިނަ އަދަދަކަށް ވަޅޯމަހާއި ހިކިމަސް ބާޒާރަށް ނެރޭ ރަށަކަށްވުމާއެކު، އެރަށުގައިވެސް މަސް ރައްކާކުރެވޭނެ ފެސިލިޓީއެއް ޤާއިމުކުރުން ވަރަށް މުހިންމު ކަމަށެވެ.