ޚަބަރު

ސާފިންގައި ރާއްޖެ ތަމްސީލުކުރާނީ ޔަސިން، ކަޔާން، ތަނީސް އަދި ރާހިލް


  • ސާފިން އަކީ އޭޝިއަން ގޭމްސްގެ ކޮލިފިކޭޝަނުން ޖާގަ ހޯދި ހަމައެކަނި ކުޅިވަރު

  • ގޭމްސްގެ ކުރިން ސާފިން ޓީމު ޖަޕާނުގައި ކޭމްޕް ކުރާނެ

މި މަހު ޖަޕާނުގައި ކުރިއަށްދާ އޭޝިއަން ގޭމްސްގެ ސާފިން އިވެންޓުގައި ރާއްޖެ ތަމްސީލުކުރާނެ އެތުލީޓުން މޯލްޑިވްސް ސާފިން އެސޯސިއޭޝަނުން ހާމަކޮށްފިއެވެ. އެގޮތުން މި ފަހަރުގެ މުބާރާތުގައި ރާއްޖެ ތަމްސީލުކުރާނެ އެތުލީޓުންނަކީ ކަޔާން އަބްދުﷲ އަރީފް، ޔަސިން އަހުމަދު ނާޝިދު، އާމިނަތު ތަނީސް ޝިރަން އަދި މަރިޔަމް ރާހިލް ނަސީމް (އާޔާ) އެވެ.

ސާފިން އަކީ އޭޝިއަން ގޭމްސްގެ ކޮލިފިކޭޝަންގައި ވާދަކޮށް ގޭމްސްއަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ ކުޅިވަރެވެ. އޭޝިއަން ގޭމްސްއަށް ރާއްޖެ ކޮލިފައިވީ، ރާއްޖޭގައި ބޭއްވި އޭޝިއަން ސާފިން ޗެމްޕިއަންޝިޕްގައި ވާދަކޮށްގެންނާއި، އިންޑިއާގައި ކުރިއަށްދިޔަ އޭޝިއަން ސާފިން ޗެމްޕިއަންޝިޕުގައި ވާދަކޮށްގެންނެވެ. އެގޮތުން ރާއްޖޭގައި ބޭއްވި މުބާރާތުގައި ވާދަކޮށް އަންހެން ދެ ސާފަރުން އޭޝިއަން ގޭމްސްއަށް ފޮނުވުމަށް ރާއްޖެ ކޮލިފައިވިއިރު، އިންޑިއާގައި ކުރިއަށްދިޔަ މުބާރާތުގައި ވާދަކޮށް ފިރިހެން ދެ ސާފަރުން ފޮނުވުމަށް ވަނީ ކޮލިފައިވެފައެވެ.

ކޮލިފައިންގައި ލިބުނު ޖާގަތަކަށް އެތުލީޓުން ހޮވުމަށް އެމްއެސްއޭއިން ވަނީ ހާއްސަ ޓްރައިލް ތަކެއް ކުރިއަށްގެންގޮސްފައެވެ.

އޭޝިއަން ގޭމްސްގެ ކުރިން ރާއްޖޭގެ ސާފިން ޓީމު ޖަޕާނުގައި 10 ދުވަހު ކޭމްޕް ކުރުމަށް ވަނީ ނިންމާފައެވެ. އެމްއެސްއޭ އިން ހާމަކުރި ގޮތުގައި މި ކޭމްޕްގެ މަގުސަދަކީ މުބާރާތުގެ ކުރިން ޖަޕާނުގެ މާހައުލަށް ރާއްޖޭގެ އެތުލީޓުން ހޭނުން ކަމަށެވެ.

މީގެ ކުރިން ޕީއެސްއެމްގެ "ކުޅިވަރު ވިންދު" ޕްރޮގްރާމްގައި ވާހަކަ ދައްކަމުން ސާފިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު ސަބާހް (ޗޭ) ވިދާޅުވީ، ގައުމީ ސާފިން ޓީމުން ވަރަށް ރަނގަޅަށް މުބާރާތައް ތައްޔާރުވަމުން އަންނަ ކަމަށެވެ. އެގޮތުން ސާފިން ގައުމީ ޓީމު އެކުލަވާލުމަށް ލަންކާގައި ޓްރެއިނިންގ ކޭމްޕެއް ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ލަންކާގައި ޓްރެއިނިން ކޭމްޕް ކުރިއަށް ގެންދިޔުމުގެ މައިގަނޑު ބޭނުމަކީ ލަންކާއަކީ ބީޗް ބްރޭކް ރާޅު ނަގާ ގައުމަކަށްވުމުން ކަމަށެވެ.

މުބާރާތް ކުރިއަށް ގެންދާ ޖަޕާނަކީ ވެސް ބީޗް ބްރޭކް ރާޅު ނަގާ ގައުމެކެވެ. އެއާ ހިލާފަށް ރާއްޖެއަކީ ރީފް ބްރޭކް ރާޅު ނަގާ ގައުމެކެވެ.

ސަބާހް ވިދާޅުވީ، ލަންކާ ޓްރެއިނިންގ ކޭމްޕްގައި ބޮޑަށް ވިސްނީ ރާޅުގެ ކޮންޑިޝަނަށް ކަމަށެވެ. އެގޮތުން ގޯސް ކޮންޑިޝަންގައި އެތުލީޓުން ފަރިތަކުރުންތައް ގެންދިޔުމަށް ސަމާލުކަން ދިން ކަމަށް ސަބާހް ވިދާޅުވިއެވެ.

ސަބާހް އިތުރަށް ވިދާޅުވީ ގައުމީ ސާފިން ޓީމުގައި މި ފަހަރު ހިމެނޭނީ ޒުވާން އެތުލީޓުންތަކެއް ކަމަށެވެ. އެކަމަކު އެ އެތުލީޓުންނަކީ ޖޫނިއާސް ނޫން ކަމަށާއި، އެއީ ސީނިއާ މެންސްއާ ވާދަކޮށް ކާމިޔާބު ހޯދައިފައިވާ އެތުލީޓުންކަން ސަބާހް ފާހަގަކުރިއެވެ.

ރާއްޖޭގެ ސާފިން ޓީމަށް ބަލާއިރު، ޖޫނިއާ އެތުލީޓުންތަކަކާއެކު މި ފަހަރުގެ މުބާރާތައް ނުކުންނައިރު، މިއީ ސާފިންގެ ކުރިމަގަށް އެޅުނު ފަހި މަގެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.