މިމަހު ޖަޕާނުގައި ފެށުމަށް ހަމަޖެހިފައިވާ އޭޝިއަން ގޭމްސްގެ ކުރިން އިތުރު ތަމްރީނުތައް ހެދުމަށް ޤައުމީ ބީޗް ވޮލީ ޓީމުގެ އަންހެން ޕެއާކަމަށްވާ އާމިނަތު އަރީޝާއާއި ފާތުމަތު އަނާލް ބޫޓާންގައި ކޭމްޕުކޮށްފިއެވެ.
މި ދެކުޅުންތެރިން ބޫޓާނަށް ކުރާ ދަތުރަކީ އޭޝިއަން ގޭމްސްގެ ކުރިން ޓީމުގެ އިތުރަށް ވަރުގަދަކޮށް ފެންވަރު މަތިކުރުމުގެ ގޮތުން ކުރާ ދަތުރެކެވެ. މި ތަމްރީނުތަކުގެ ތެރެއިން ޓީމަށް ބޭނުންވާނެ މުހިންމު ތަމްރީނުތަކާ މެޗުތައް ބޫޓާނުގައި ކުޅުމަށްވަނީ ހަމަޖެހިފައެވެ.
ބޫޓާނުގައި ހަދާ ތަމްރީނުތަކަށްފަހު ޤައުމީ އެތުލީޓުން އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 7 ވަނަ ދުވަހުއެވެ.
އައިޗީ – ނަގޯޔާ 2026 ގައި ޤައުމު ތަމްސީލުކުރާ ބީޗް ވޮލީބޯޅަ ޓީމުގެ ޕްރެކްޓިސްތައް ވަރަށް ފޯރިއާއެކު ކުރިއަށްދާއިރު، މުބާރާތަށް ޓީމު ތައްޔާރުވުމުގެ މަސައްކަތްވަނީ އޭޝިއަން ގޭމްސް އިއުލާނުކުރުމާއެކު ފަށާފައެވެ. މެދުކެނޑުމެއްނެތި ޓީމުގެ ފަރިތަކުރުންތައް ކުރިއަށްދާއިރު، ފިރިހެން ޓީމަށް އިރުޝާދުދެމުން އަންނަނީ ކޯޗު މުހައްމަދު ރިޝްވާނެވެ. އަދި އަންހެން ޓީމުގެ ކޯޗަކީ އާއިޝަތު އުލްފަތުއެވެ.
އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ ސްކޮޑުގައި ހިމެނޭ ފިރިހެން ޕެއާއަކީ އިސްމާއިލް ސާޖިދާއި އާދަމް ނަސީމެވެ. ބީޗް ވޮލީއިން ގިނަ ކުރިއެރުންތަކެއް ހޯދާފައިވާ މި ދެކުޅުންތެރިންގެ ކާމިޔާބީތަކަށް ބަލާއިރު، ފާއިތުވެދިޔަ އަހަރުގެ ފައިނަލުގައި މި ކުޅުންތެރިންވަނީ ވާދަކޮށްފައެވެ.
އަދި އޭގެ ކުރީ އަހަރު ޗެމްޕިއަންކަންވެސް ހޯދާފައިވެއެވެ. ބީޗް ވޮލީގެ ޤައުމީ ޗެމްޕިއަންކަން ނަސީމް ތިން ފަހަރު ހޯދާފައިވާއިރު، ސާޖިދުވަނީ ހަތް ފަހަރު ތަށި ނަގާފައެވެ.
މީގެ އިތުރުން މުބާރާތަށްދާ އަންހެން ޕެއާއަކީވެސް ތަޖުރިބާހުރި އުއްމީދީ ޕެއާއެއްކަން ފާހަގަވެއެވެ. އެގޮތުން އަރީޝާވަނީ އެންމެފަހުގެ ޤައުމީ ޗެމްޕިއަންކަން ހޯދާފައެވެ. މީގެ އިތުރުން މި ޕެއާވަނީ ޗައިނާގެ ސަންޔާގައި ފާއިތުވެދިޔަ އަހަރު ކުރިއަށްދިޔަ ހަވަނަ އޭޝިއަން ބީޗް ގޭމްސްގައި ވާދަކޮށް މޮޅު ކުޅުމެއް ދައްކާ ގްރޫޕް ސްޓޭޖުގައި ސީރިއާ ބަލިކޮށްފައެވެ.
އޭޝިއަން ގޭމްސްގައި ވާދަކުރުމަށް ޤައުމީ ބީޗް ވޮލީ ޓީމުތައް ޖަޕާނަށް ފުރާނީ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ.