ނ. މާފަރު ރައްޔިތުން އެދުނުގޮތަށް ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ 21އަށް ބަދަލުކުރުމަށް ނިންމާ އެކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މާފަރު ސިއްޙީ މަރުކަޒުގެ މިހާރުގެ ބެޑް ކެޕޭސިޓީއަކީ 3 އެކެވެ. އެހެންކަމުން ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމަށްޓަކައި މިމަހުގެ 20 ވަނަ ދުވަހު ފެނަކައާ ހަވާލުކުރިއެވެ. އޭރު ހަވާލުކޮށްފައިވަނީ 4 އެނދުގެ ވޯޑެއް ތަރައްޤީކުރުމަށެވެ. އެހެންނަމަވެސް އެރަށުގެ ރައްޔިތުން ވަނީ ބެޑް ކެޕޭސިޓީ އިތުރުކޮށްދިނުމަށް އެދިފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނ. މާފަރަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވާ ވަނީ އެރަށުގެ ރައްޔިތުން އެދުނު ގޮތަށް މާފަރު ސިއްޙީ މަރުކަޒުގެ ބެޑް ކެޕޭސިޓީ އިތުރުކޮށްދެއްވާނެކަމަށް އިޢުލާން ކުރައްވާފައެވެ. އެއާއެކު ރައީސްގެ ދަތުރުފުޅު ނިންމަވާލެއްވުމުގެ ކުރިން އެ މަސައްކަތް ކުރުމަށް ފެނަކަ ކޯޕަރޭޝަނާއި ވަނީ ހަވާލުކުރައްވާފައެވެ.
މިކަމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމެވެ. އަދި ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުޙައްމަދު ނަޖާޙެވެ.
މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ދަށުން ނާސް ސްޓޭޝަނާއި މީޓިންގ ހޯލާއި ޕަބްލިކް ހެލްތު ޔުނިޓް ތަރައްޤީކުރުމުގެ އިތުރުން ޕޯޓިކޯ ޤާއިމްކުރާނެކަމަށް ސިއްޙީ ވުޒާރާއިން ވިދާޅުވެއެވެ.