ޚަބަރު

މަނަދޫގައި އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމާއެކު މަގުހެދުން އަންނަ މަހު ފެށޭނެ: ރައީސް


  • އައު ނަރުދަމާގެ މަޝްރޫޢޫ އަންނަ މަހު ފަށާނެ

  • މަގު ހެދުމުގެ މަޝްރޫޢޫވެސް ވަރަށް އަވަހަށް ފެށޭނެ

  • އައު ހޮސްޕިޓަލް އެޅުން ފެށިގެން ކުރިއަށްދަނީޯ

ނ. މަނަދޫގެ ނަރުދަމާ ނިޒާމަށް ދިމާވެފައިވާ މައްސަލައަށް ޙައްލު ގެނައުމަށް އެރަށުގައި އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަސައްކަތާއެކު، މަގު ހެދުމުގެ މަސައްކަތްވެސް އަންނަ މަހު ފަށްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ މަނަދޫގެ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި މިދިޔަ ދޮޅު އަހަރެއްހާ ދުވަސްތެރޭގައި މަސައްކަތްކުރެއްވީ މަޝްރޫޢުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް ފަހިކުރުންކަމަށް ވިދާޅުވިއެވެ. އިޤްތިޞާދީ ގޮންޖެހުންތަކެއް ހުރިނަމަވެސް އެކަންކަން ގިރާކުރަމުން ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދެވޭނެ ގޮތްތައް މިހާރު ހޯދިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އޭގެތެރޭގައި ހުއްޓިފައިވާ މަޝްރޫޢުތައް ފަށައިގެން ކުރިއަށް ގެންދިއުމާއި، އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދުމުގެ މަޝްރޫއުތައް ހިމެނޭކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މަނަދޫގެ ނަރުދަމާ ނިޒާމުގައި މައްސަލަތަކެއް ހުރިކަން ފާހަގަކުރައްވަމުން ރައީސް ވަނީ އެ ދަތިތައް ރައްޔިތުން ތަހަމަލްކުރާތާ 10ވަރަކަށް އަހަރުވެފައިވާއިރު، އެކަމުގެ ހައްލަކީ އައު ނަރުދަމާ ނިޒާމެއް ޤާއިމްކުރުމުގެ މަޝްރޫޢޫއެއް ހިންގުންކަމަށް ވިދާޅުވިއެވެ. އެއީ އޮތް ހަމައެކަނި ހައްލުކަމަށާއި، އެކަމަށް ޚަރަދުތަކެއްވެސް ހިނގާނެކަމެއްކަމަށް ރައީސް ވިދާޅުވިއެވެ.

މިހާރު އެފަދަ ބޮޑެތި މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ފަހިވެފައިވާކަން ތަކުރާރުކުރައްވަމުން ރައީސް ވިދާޅުވީ، މަނަދޫގެ ނަރުދަމާ ނިޒާމު އެއްކޮށް އައުކުރުމުގެ މަޝްރޫޢު، އަންނަމަހު އާރުޑީސީން ފަށްޓާނެކަމަށެވެ. އަދި އެ މަޝްރޫޢުއާއެކުއެކީ މަގު ހެދުމުގެ މަޝްރޫޢުވެސް ކުރިއަށްދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ. ރައީސް ވަނީ އައު މަޝްރޫޢު ފެށުނުނަމަވެސް މިހާރު އޮތް ނަރުދަމާ ނިޒާމުގެ ތެރެއިން ވަގުތީ ޙައްލެއް ގެނައުމަށްވެސް ފެނަކައިން މަސައްކަތް ކުރަމުންދާނެކަމަށްވެސް ވިދާޅުވެފައެވެ.

"އެހެންވީމަ ނަތީޖާއަކަށްވާނީ މިއަންނަ އަހަރު ނިމެންވާއިރަށް އެއްކޮށް ނަރުދަމާ ނިޒާމު ބަދަލުކޮށް، މަގުތައް ހެދުމުގެ މަޝްރޫޢުގަވެސް ފުދޭވަރެއްގެ ޕްރޮގްރެސްއެއް އަންނާނެކަމަށް. ނަރުދަމާއަށް ދޮޅު އަހަރު އަދި ނިމޭވަރަކުން މަގުތައްވެސް ހެދުމުންދާނެ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ސިއްޙީ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މަނަދޫގައި އައު ހޮސްޕިޓަލްގެ އެޅުމުގެ މަސައްކަތް ނިމެންދެން، މިހާރުގެ ހޮސްޕިޓަލަށް އިތުރު ޚިދުމަތްތައް ޤާއިމްކުރައްވާނެކަމަށެވެ. އެގޮތުން އެކަމަށް ފަންނީ މީހުން ހޯދުން ކުރިއަށްދާކަމުގެ ޔަޤީންކަން ރައީސް ދެއްވިއެވެ.

އޭގެތެރޭގައި ފިޒިއޮތެރަޕީ، މެންޓަލް ހެލްތު، ސްޕީޗްތެރަޕީ ފަދަ ދާއިރާތަކުން ޚިދުމަތް ޤާއިމްކުރައްވާނެކަމަށް ރައީސް ވިދާޅުވިއެވެ.

"މިބަލަނީ މިއަހަރުތެރޭ މީގެ ގިނަ ކަންކަން މިރަށުގައި ކުރެވޭނެކަމަށް. އައިސީޔޫވެސް ޤާއިމްކުރުން. މި ވިއްސާރާގަ ޑިލޭތަކެއް އައީ. ނަމަވެސް މާލަސްތަކެއްނުވެ އެކަންކަން ކުރެވޭނެ. ޖުމްލަކޮށް ސިއްޙީ ދާއިރާއަކީ ޢުމްރާނީ ދާއިރާއާއި ތަފާތުކޮށް ކޮންމެ ރަށަކަށްވެސް މުހިންމުކަމަކަށްވާތީ އިސްކަންދެން މުޅި ރާއްޖެއަށް ވަށާޖެހޭ ސިއްޙީ ޚިދުމަތެއް ޤާއިމްކުރުމަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ފާއިތުވި ދޮޅު އަހަރުތެރޭ ސިއްޙީ ނިޒާމު ވަރުގަދަކުރުމަށް ގިނަ މަސައްކަތެއް ކުރެވިފައިވާކަމަށާއި، ކުރިއަށް އޮތްތަނުގައި ގިނަ މަޝްރޫޢުތައް ނިމި އަދި އައު މަޝްރޫޢުތައް ފެށޭނެކަމަށް ވިދާޅުވިއެވެ. އެގޮތުން ނ.އަތޮޅުގެ ސިއްޙީ ޚިދުމަތް ވަރުގަދަކުރުމަކީވެސް މުހިންމު ސިޔާސަތެއްކަމަށް ރައީސް ވިދާޅުވިއެވެ.

ކުޅިވަރުގެ ދާއިރާއަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ އެމަނިކުފާނު އެދާއިރާއިން ވަޢުދުތަކެއް ވެވަޑައިގެންފައިވާކަމަށާއި، އޭގެތެރޭގައި ފިޓްނަސް އެންޑް ރެކްރިއޭޝަން ސެންޓަރަކާއި، އައުޓްޑޯ ޖިމާއި، މަލްޓި ސްޕޯޓްސް ކޮމްޕްލެކްސްއެއް އެޅުން ހިމެނޭކަމަށެވެ. މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އެއީ ބޭރުގެ ފަންޑުގެ އެހީގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މަޝްރޫޢުއެއްކަމަށާއި، އެކަމަށް މިހާރު ފަންޑު ހަމަޖެހިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިއަހަރު މަނަދޫގައ ވޮލީ ކޯޓެއް އެޅުންވެސް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ތަޢުލީމީ ދާއިރާއަށްވެސް އިސްކަންދެއްވާކަމަށާއި، މަނަދޫގައި ޔުނިވާސިޓި ކެމްޕަހެއް އެޅުމަށް އެމަނިކުފާނު ވެވަޑައިގެންފައިވާ ވަޢުދު ފުއްދުމަށް އިސްލާމީ މިނިސްޓްރީން މަސައްކަތްތަކެއްކުރަމުންދާކަމަށް ވިދާޅުވިއެވެ. އެ މަސައްކަތްވެސް ބިން ހަމަޖެހުނުހާ އަވަހަށް ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން މަނަދޫ ސްކޫލްގެ މަޝްރޫޢޫވެސް އަވަހަށް ނިންމުމަށް މަސައްކަތްކުރައްވާކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ގެދޮރުވެރިކަމަކީ އެންމެ ބޮޑު އެއް މައްސަލަކަމަށާއި، އެއްވެސް ރަށަކަށް އެ ރަށަކަށް ބޭނުންވާ ޖުމްލަ ހައްލެއް އެއްފަހަރާ ނުގެނެވޭނެކަމަށާއި، އެހެންކަމުން ފުރަތަމަ ބުރުގައި 50 ހައުސިން ޔުނިޓް މަނަދޫގައި މިއަހަރު އަޅައި، ކުރިއަށް އޮތް އަހަރުތަކުގައި އިތުރު މަޝްރޫޢުތައްވެސް ކުރިއަށް ގެންދަވާނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ވަނީ ނ. އަތޮޅުގެ އާރުޓީއެލް ފެރީގެ ނިޒާމުގެ ތެރެއިން، މަނަދޫން ސީދާ ދަތުރު ރ. އުނގޫފާރަށް ދެވޭނެ ގޮތް އަންނަ ނޮވެމްބަރު މަހު ހަމަޖައްސަވާނެކަމަށް ވިދާޅުވެފައެވެ.