ޚަބަރު

އުދައަރާނެކަމަށް ލަފާކޮށް މުޅިރާއްޖެއަށް ހުދު ސަމާލު ނެރެފި


  • ހުދު ސަމާލު ނެރެފައިވަނީ 14:00-18:00 އަށް

  • ހަފްތާ ބަންދުގައިވެސް މޫސުން ގޯސްވާނެ

އުދައަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު މޫސުމާ ބެހޭ ޤައުމީ އިދާރާއިން ނެރެފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ މިއަދު 14:00 އިން ފެށިގެން 18:00 ހަމައަށް އުދަ އަރާނެކަމަށް ލަފާކޮށްފައެވެ.

އުދަ އަރާނެކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވާއިރު އުދައެރުމުން ލިބިދާނެ ގެއްލުންތަކަށް ދުރާލާ ސަމާލުވުން މުހިއްމެވެ. ޚާއްސަކޮށް ރަށްރަށުގައި މޫދާ ކައިރިގައި ހުންނަ ގެތަކުން މިކަމަށް ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ. އެގޮތުން އުދައަރާ ލޮނުގަނޑު ގެތަކަށް ވަނަނުދިނުމަށްޓަކައި ވެލި ބަސްތާތައް ޖެހުމާއި ހިފާގެންގުޅޭ ތަކެތި ރައްކާތެރި ހިސާބުތަކަށް ގެންދިޔުން މުހިއްމެވެ. އަދި މި ވަގުތުތަކުގައި ގޮނޑު ދޮށަށް ނުދިއުމަށާއި ޚާއްސަކޮށް ކުޑަކުދިންނަށް ސަމާލުކަން ދިނުން މުހިއްމެވެ.


ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވާނެކަމަށް ލަފާކުރެވޭތީ ކުރިއަށް އޮތް 4 ދުވަހުވެސް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. މޫސުން އެންމެ ބޮޑަށް ގޯސްވާނެކަމަށް ލަފާކުރެވެނީ އުތުރާއި މެދުރާއްޖެ ތެރެއަށްކަމަަށްވެސް މޫސުމާބެހޭ އިދާރައިން ވިދާޅުވިއެވެ.

އެގޮތުން ރާއްޖޭގެ އެކި ހިސާބުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށާއި، ހުރިހާ ހިސާބަކަށްވެސް ވައި ބާރުވާނެ ކަމަށްވެސް އެ އިދާރައިން ވިދާޅުވިއެވެ. ދެކުނުގެ އަތޮޅުތަކަށް 5 މޭލާއި 10 ދެމެދުގެ ބާރުމިނުގައި އަދި އެހެން ހިސާބުތަކަށް 18 މޭލާއި 20 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް އެ އިދާރާއިން ވިދާޅުވިއެވެ.

އެ އިދާރާއިން ވަނީ މޫސުން ގޯސްވާ ވަގުތުތަކުގައި ކަނޑު ދަތުރުކުރާ ފަރާއްތަކުން މޫސުމަށް ސަމާލުވެގެން ދަތުރުކުރުމަށް އިލްތިމާސްކުރައްވާފައެވެ.