ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ސިންގަޕޫރަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަކީ ގިނަ ދާއިރާތަކަކުން ރާއްޖެއާއި ސިންގަޕޫރުގެ ގުޅުން ބަދަހިވި ދަތުރުފުޅެކެވެ. މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރެވި އެއްބަސްވުންތައް އެކުލަވާލިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ސިންގަޕޫރަށް ވަޑައިގަތީ އެ ޤައުމުގެ ރައީސް ތަރްމަން ޝަންމުގަރަނަމްގެ ދަޢުވަތަކަށެވެ.
މި ދަތުރުފުޅުގެ ތެރެއިން ދެ ޤައުމުގެ ގާތް ގުޅުމުގެ ރަމްޒެއްގެ ގޮތުން ސިންގަޕޫރުގެ ޤައުމީ އޯކިޑު ބަގީޗާގައި އޯކިޑު ގަހަކަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ ނަންފުޅުން ވަނީ ނަން ދެއްވާފައެވެ. އޯކިޑު ބަގީޗާއަށް ޒިޔާރަތްކުރައްވާ ދައުލަތުގެ ޢިއްޒަތްތެރިންގެ ނަންފުޅަށް އޯކިޑް ހައިބްރިޑްތަކަށް ނަންކިޔުމަކީ ސިންގަޕޫރުގެ ދިގު ޒަމާންވީ އާދަކާދައެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންނަށް ރަސްމީކޮށް މަރުޙަބާ ދެންނެވުން އޮތީ ޤައުމީ އޯކިޑު ބަގީޗާއަށް ކުރެއްވި ޒިޔާރަތަށްފަހުއެވެ. ރައީސްގެ މި ދަތުރުފުޅުގެ ތެރެއިން މުހިންމު 3 ދާއިރާއަކުން ވަނީ އެއްބަސްވުންތައް އެކުލަވާލާފައެވެ. މި އެއްބަސްވުންތައް އެކުލަވާލީ ޤާބިލުކަން އިތުރުކުރުމާއި ތަޢުލީމީ ދާއިރާއާއި ތިމާވެށީގެ ދާއިރާއިންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ސިންގަޕޫރުގެ ރައީސާއި ބޮޑުވަޒީރާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުންތަކުގައި ދެ ޤައުމުން އެއްބާރުލުން ދޭނެ ދާއިރާތަކާއި އިތުރަށް ގުޅުން ބަދަހިކޮށް އެއްބާރުލުން ދެވިދާނެ ދާއިރާތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.
މީގެ އިތުރުން ސިންގަޕޫރުގެ ރައީސްގެ އަރިހަށް ރައީސުލްޖުމްހޫރިއްޔާ ކުރެއްވި އިޙްތިރާމްގެ ޒިޔާރަތުގައި ރާއްޖޭގެ މަސްވެރިކަމުގެ ދާއިރާ ތަރައްޤީކުރުމާއި ފަތުރުވެރިކަމުގެ އިތުރުން ތަފާތު ދާއިރާތަކުން އިޤުތިޞާދު ފުޅާކުރުމުގެ މަސައްކަތްތަކާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަފުދެއްކެވިއެވެ.
ސިންގަޕޫރު ދަތުރުފުޅުގެ ތެރެއިން ކުރިއަށްގެންދިޔަ އެންމެ މުހިންމު އެއް ހަރަކާތަކީ ރާއްޖެ-ސިންގަޕޫރު ބިޒްނަސް ފޯރަމެވެ. މި ފޯރަމްގައި ރާއްޖެއާއި ސިންގަޕޫރުގެ 200 އަށްވުރެ ގިނަ ވިޔަފާރިވެރިން ބައިވެރިވިއެވެ. މި ފޯރަމްގައި ރާއްޖޭގައި ހުރި އިންވެސްޓްކުރުމުގެ ފުރުޞަތުތަކުގެ މަޢުލޫމާތުތައް ވިޔަފާރިވެރިންނަށް ވަނީ ކިޔައިދީފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންނާވެސް ބައްދަލުކުރައްވާފައެވެ. މި ބައްދަލުކުރެއްވުން އޮތީ ސިންގަޕޫރުގައި ހުންނަ ރިޓްސް ކަރލްޓަންގެ ގާޑަން ޕެވީލިއަންގައެވެ. މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިންގަޕޫރުގައި ދިރިއުޅޭ ދިވެހިންގެ ކަންބޮޑުވުންތައް އަޑު އައްސަވާފައެވެ.
މިދިޔަ މަހުގެ 29 ވަނަ ދުވަހު ސިންގަޕޫރަށް ރައީސް ފެއްޓެވި ދަތުރުފުޅު ނިންމަވާލެއްވީ މިމަހުގެ 2 ވަނަ ދުވަހުއެވެ. މި ދަތުރުފުޅު ފާހަގަކޮށްލެވެނީ އެކި ދާއިރާތަކުން ގުޅުން ބަދަހިވެ، ގިނަ ފުރުޞަތުތަކެއް ރާއްޖެއަށް ފަހިވި ދަތުރުފުޅެއްގެ ގޮތުގައެވެ. އަދި ސިންގަޕޫރުގެ އިންވެސްޓަރުންނަށް ރާއްޖޭގައި ހުރި ފުރުޞަތުތައް ހިއްސާކުރެވުނު ކާމިޔާބު ދަތުރުފުޅެއްގެ ގޮތުގައިކަމަށް ސަރުކާރުން ވިދާޅުވެއެވެ.