ޚަބަރު

"ކައުންސިލެއްގެ ބިން ދައުލަތަށް ނަގާނީ ތަރައްޤީގެ މަޝްރޫޢުތަކަށް އެކަނި"


  • އިޙުތިޞާސްގެ ދަށުން ބިން ނެގުމަށް އިޖުރާޢަތުތަކެއް ކަނޑައަޅާފައިވޭ

  • ކައުންސިލުތަކަށް ސަރުކާރާއި މަޝްވަރާ ކުރުމުގެ ފުރުސަތު ލިބޭނެ

ކައުންސިލުގެ އިޙްތިޞާސުގައި އޮންނަ ބިމެއް ދައުލަތަށް ނަގާނީ، ތަރައްޤީގެ މަޝްރޫޢުތަކަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ކައުންސިލްތަކުގެ ބިންތައް ދައުލަތަށް ނެގޭ ގޮތަށް ލާމަރުކަޒީ ޤާނޫނަށް އެންމެފަހުން ގެނައި އިސްލާހު ތަސްދީޤު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ލާމަރުކަޒީ ޤާނޫނަށް ގެނައި އިސްލާހަކީ ރައްޔިތުންގެ މަޖިލީހަށް އަމިއްލަ މެންބަރަކު ހުށަހަޅުއްވާފައި އިސްލާހެކެވެ. މި އިސްލާހު ތަސްދީޤު ކުރެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައި ރައީސް ވިދާޅުވީ، އެކި ރަށްރަށުގައި ކުރިއަށް ގެންދަން ނިންމާވާފައިވާ މަޝްރޫޢުތައް ފެށުމަށް ބޭނުންވާ ބިންތައް ހަވާލުކުރުމަށް އިދިކޮޅު ވިސްނުމުގެ ކައުންސިލްތަކުން ހުރަސް އަޅަމުންދާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން މަޝްރޫޢުތައް ވަރަށް ބޮޑަށް ލަސްވެގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ލާމަރުކަޒީ ޤާނޫނަށް ހުށަހެޅި އިސްލާހަށް ސަރުކާރުން ތާޢިދުކުރަން ނިންމީ، ސަރުކާރުން ބޭނުންވާ މަޝްރޫޢުތައް ހިންގުމަށް ބައެއް ކައުންސިލުތަކުން ކުރިމަތިކުރަމުންދާ ދަތިތަކަށް އެބިލުން ހައްލެއް ލިބިގެންދާތީ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބިން ނަގަންޖެހޭ ހާލަތެއްގައި ބިން ނަގާނީ ތަރައްޤީގެ މަޝްރޫޢޫތައް ކުރިއަށްގެންދަން އެކަނިކަމަށެވެ. އަދި ބިން ނެގުމުގެ ކަންކަން ކުރިއަށް ގެންދަވާނީވެސް ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއަޅާނަމަކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"ހަޤީޤަތުގައި ސަރުކާރުން ބޭނުމެއް ނުވޭ ކައުންސިލްތަކުން ބިންތައް ވަކިކުރާކަށް އެހެންނަމަވެސް ހުރަސް އަޅާ ކަމަށްވަންޏާ އެތައް މަހެއް ޑިލޭވަމުންދަނީ. އެހެންވެއްޖެއިއްޔާ އެބަޖެހޭ ބިންތައް ވަކިކޮށްގެންވެސް މަޝްރޫޢުތައް ހިންގަން. މި ބިލުގައި ކަނޑައަޅާފައި އެބައޮތް. ބިންތައް ވަކިކުރަން ވަޒީރުންގެ މަޖިލީހަށް ފޮނުވާއިރު، ބައެއް ކަންކަން ކުރަންޖެހޭ." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކައުންސިލްތަކުގެ އިޙްތިޞާސުން ބިން ވަކިކުރުމުގެ އިޖުރާޢަތްތައް ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. މިކަންކަމަށް އިޝާރާތް ކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ވަޒީރުންގެ މަޖިލީހާއި ހަމައަށް ބިމެއް ވަކިކުރަން ފޮނުވާއިރު ފުރިހަމަ ކުރަންޖެހޭ މަރުހަލާތައް ހުންނާނެކަމަށެވެ. މިގޮތުން ސަރުކާރުން ކުރިއަށްގެންދާ މަޝްރުޢޫގެ މައުލޫމާތު އާންމުކޮށް އިއުލާން ކުރުމާއި އެކަމަށް ރައްޔިތުންގެ ޚިޔާލު ހޯދަންވެސް މި ބިލުގައި ހިމަނާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ބިމެއް ކައުންސިލެއްގެ އިޙްތިޞާސުން ވަކިކުރުމުގެ ކުރިން ސަރުކާރުގެ ކަމާއި ގުޅުންހުރި އިދާރާއަކާއެކު މަޝްވަރާކުރުމުގެ ފުރުސަތު ކައުންސިލްތަކަށް ލިބޭނޭކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"އާންމު ކުރުމުގެ އެކީގައި ކައުންސިލަށް ފުރުސަތު ދޭ އެކަމާއި މަޝްވަރާކުރުމަށް ސަރުކާރުގެ ކަމާއި ބެހޭ އިދާރާއާއެކީގައި. އާންމުގެ ޚިޔާލުވެސް ހޯދަންވެސް ހުޅުވާލަން ޤާނޫނުގެ ދަށުން. ކައުންސިލުގައި މަޝްވަރާއަށްވެސް ފުރުސަތު ދެން. އެހެންވީމަ މަޝްވަރާގެ އުސޫލު ބަޔާންކޮށްފައި އެބައޮތް. ބައިވެރިވުން ވަރަށް ފުރިހަމައަށް ހިމަނާފައި އެބައޮތް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދައުލަތަށް ބިމެއް ނެގުމުގެ ކުރިން ޤާނޫނުގެ ދަށުން ބިމަށް އެއްވެސް އިންވެސްޓްމެންޓެއް ކައުންސިލުން ނުވަތަ އެހެން ފަރާތަކުން ކޮށްފައިވާނަމަ އެކަމަށް ބަދަލުދޭންވެސް ޤާނޫނުގައި ބަޔާންކޮށްފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިއާއެކު ބިމެއް ކައުންސިލެއް އިޙްތިޞާސުން ވަކިކުރެވޭނީ ހުރިހާ އިޖުރާޢަތުތަކެއް ފުރިހަމަ ކުރުމަށްފަހުކަމަށްވެސް އެމަނިކުފާނު ވިދަޅުވިއެވެ.

މި ބިލު ޤާނޫނަކަށްވުމާއެކު، ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ކުރިއަށް ގެންދިއުމަށް ހުރި ހުރަސްތައް ހައްލުކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވިއެވެ.